ރައީސް ނަޝީދުގެ ކެބިނެޓް ސެކްރެޓަރީ އެސްޓީއޯގެ އެމްޑީކަމަށް

ރައީސް ނަޝީދުގެ ކެބިނެޓް ސެކްރެޓަރީ އެސްޓީއޯގެ އެމްޑީކަމަށް

އެއީ ޕްރޮފެޝަނަލް ސީކެޕްޓަނެކެވެ. ވާއެއްޗެއް ވަންދެންވެސް ކަނޑުމެދުން ބޯޓު ދޫކޮށްލާ ފުންމާލާ ވައްތަރެއް ނޫނެވެ. އޭގެ އިތުރަށް ސްޓޮކް މާރކެޓްގެ ދާއިރާގެ ތަޖްރިބާ ހުރި ބޭފުޅެކެވެ. 

އެމްޑީޕީ ރަޖިސްޓްރީ ވުމުގެ ކުރިން އޮތް ފުރަތަމަ ވަލީ ކޮމެޓީ ހިނގީ ރައީސް މައުމޫނުގެ އަނިޔާއަށް ބިރުން އިންޓަރނެޓް މެދުވެރި ކޮށެވެ. އޭރުގެ ވަލީ ކޮމެޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓީ އޭނާއެވެ. 

2008 ގައި ރައީސް މައުމޫންގެ ވެރިކަން ނިމި އެމްޑީޕީގެ ވެރިކަން ފެށުނެވެ. ރައީސް ނަޝީދުގެ ކެބިނެޓަކީ ވެރިކަން ބަދަލުވުމުގެ ރުޅިއާ ހަސަދައިގާ އިދިކޮޅުން އެންމެ ހޫނު ހަމަލާ ދިން ކެބިނެޓެވެ. މިހަލަބޮލިކަމުގެ ތެރޭގައި އޭރުގެ ކެބިނެޓާ ސިޔާސީ މަގާމު ތަކުން އަދާ ކުރި ދައުރަށް އެމްޑީޕީ މެމްބަރުން ފަޚްރުވެރި ވާނަމަ އެއީ އޭނާގެ ކުޅަދާނަ ކަމާ ހުނަރުވެރި ކަމެވެ. 

ކޮވިޑްގެ ބަނަ ވިލާތަކުން އުދަރެސް ބެއްދި ފަހުން، މާލޭ ބަނދަރު ބައްދާނެ ދިވެހިންގެ އަމިއްލަ އާގު ބޯޓް ކުންފުނި އުފައްދަވަން ރަައީސް ޞޯލިހް ނިންމެވި އެވެ. އެމްއެސްއެސްއަކީ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ފަައިދާވާ ކުންފުންޏަކަށް ބަދަލު ވެއްޖެއެވެ.  

އެ ކުންފުނިން އެންމެ ފަހުން ގަނެފައިވާ އާގު ބޯޓް ދަރުމަވަންތަ ހޮސްޕިޓާ ކަައިރީގައި ކޮޅަށް ބަހައްޓައިފި ނަމަ، ހޮސްޕިޓާ އަރާނީ ބޯޓުގެ މޭކަށިގަނޑާ ހަމައަށެވެ.

އަމްރުގެ ފަހުން އެސްޓީއޯގެ އެމްޑީގެ މަގާމަށް އެވަޑައިގަންނަވަނީ މިދެންނެވި ބޭފުޅާއެވެ.  ރަައީސް ނަޝީދުގެ ވަރަށް އަރިސް އެ މަނިކުފާނުގެ ކެބިނެޓް ސެކްރެޓަރީ ކޮށީގޭ ޢަބްދުﷲ ސަޢީދެވެ. އެމްޑީޕީ މީހުން ދަންނަ ކޮއްޓޭއެވެ. ކޮއްޓޭއަކީ ވަރަށް އުޞޫލީ ބޭފުޅެކެވެ. އެމްޑީޕީގެ ވެރިކަމެއް ނަމަ އޭނާ ހުންނާނީ  ރައީސުލްޖުމްހޫރިއްޔާއަށް ވާގިވެރި ވުމުގައެވެ. ނިޔާމަ އަމާން ދަތުރަކަސް ނޫނީ ތޫފާނީ ރާޅުގެ މެދުގައި ވިޔަސް ހުންނަން ޖެހޭ ގޮތުގައެވެ.