މުއިއްޒު ނޫން ދުނިޔޭގެ އެންމެން ދައްކަނީ ހޮޅިވާހަކަ!
ރޭޓިންގ އެޖެންސީތަކާއި މާލީ އިދާރާތަކުން ރާއްޖެއަށް ވާނުވާ ބަލާނެ!
ދުނިޔޭގެ އިގްތިސޯދީ ކަންކަމާއި މާލީކަން ކަމަށް އަންނަ ބަދަލުތައް އަބަދުވެސް ދިރާސާކުރެއެވެ. ކުރިއެރުންތަކާއި ވެއްޓުންތައް ދެނެގަނެ ސަމާލުކަމަށް ގެނެއެވެ. އެކަން ކުރަނީ ދުނިޔޭގައި އެއް ބަޔަކު ދެބަޔަކު ނޫނެވެ. ވަކިވަކި ގައުމުތަކުގެ ހާލަތު ދެނެގަނެ ކުރިއެރުންތަކާއި ގޮންޖެހުންތަކުގެ ވާހަކަ ދައްކާ ފަންނީ މާހިރުން އެވާހަކަތައް ދައްކަނީ ވެރިކަމުގައި ވަކި ބަޔަކު ތިބެގެން ނުވަތަ ވަކި ބަޔަކު ނެތިގެނެއް ނޫނެވެ. ދުނިޔޭގެ އިގްތިސާދާއި މާލީކަން ކަމަށް ހުރި ގޮންޖެހުންތައް ސަމާލުކަމަށް ގެނެސް ދުނިޔޭގެ އިގްތިސޯދާއި މާލީކަންކަން ހަމަ މަގުގައި ބޭއްވުމަކީ އެ ދިރާސާތަކުގެ މައިގަނޑު ބޭނުމެވެ.
ދުނިޔޭގެ މާލީކަންކަމާއި އިގްތިސޯދީ ކަންކަމާބެހޭ ދިރާސާތަކާއި ހާލަތު އަންގާދޭ ނޫސް މަޖައްލާ ތަކުގެ ފަލަސުރުހީއަށް އަރަނީ ހިޔާލީ ވާހަކަ ތަކެއް ޒާތީ ތައައްސުބެއް ނޫނެވެ. ހަގީގީ ތެދު މައުލޫމާތެވެ. އެހިނދަކަށް އެންމެ ހާއްސާސް ކަމަށް ފާހަގަ ކުރެވޭ މައްސަލަ ތަކެއްގެ ވާހަކަ އެފަދަ ޖާނަލް ތަކުގެ ސުރުހީ ތަކަށް ވަނީ ބައެއްގެ ޕްރޮޕަގެންޑާއެއް ނުވަތަ މަސްލަހަތެއް ކުރިއަރުވާކަށް ނޫނެވެ.
ރާއްޖެއަކީ ދުނިޔޭގެ މާލީ ނިޒާމުގައި މާބޮޑު ބުރަދަނެއް އޮތް ގައުމެއްނޫނެވެ. ރާއްޖޭގެ އިގްތިސާދާއި މާލީ ނިޒާމަށް އަންނަ ލޮޅުމަކުން ދުނިޔެއަށް އެނގުމެއް ނުވާނެއެވެ. އެކަމަކު ދުނިޔޭގެ މާލީނިޒާމާއި އިގްތިސޯދަށް އަންނަ ކިތަންމެ ކުޑަލޮޅުމެއްގެ އަސަރުވެސް ރާއްޖެއަށް ނައިހެއް ނުދެއެވެ. ދުނިޔޭގެ ނިސްބަތުގައި ރާއްޖެ ކިތަންމެ ކުޑަޔަސް ގައުމެއްގެ ގޮތުގައި ގިންތިކުރެވިފައި އޮތުމުން ރާއްޖެ އޮންނަނީ ދުނިޔޭގެ ތަރާދުން ބޭރަކުނޫނެވެ.
ކިތަންމެ ކުޑަޔަސް ރާއްޖޭގެ އެންމެ އާދައިގެ ކަންކަންވެސް ރާއްޖޭން ފުއްދާލެވޭވަރު ނުވުމުގެ ނަތީޖާއަކީ ކުދިކުދި ކަންކަމުގައިވެސް ދުނިޔޭގެ ގައުމުތަކާއި މާލީ އިދާރާ ތަކާއެކު މުއާމަލާތު ކުރަން ޖެހުމެވެ. އެހެން ގައުމުތަކުގެ އިގްތިސާދާއި މާލީ ނިޒާމާ ހައްދެއް ނެތް މިންވަރަށް ގުޅި ލާމެހިފައި އޮތުމެވެ. އެހެންކަމުން ރާއްޖޭގެ ހާލަތަށް އަންނަ ބަދަލުތައް މެދުނުކެނޑި ބަލަމުން ދެއެވެ. އަމްދުން ލޯނާއި ބޮންޑާއި ސްކޫކުގައި ބެދެވިގެން އޮތުމުން ދުނިޔޭގެ ރޭޓިންގ އެޖެންސީތަކާއި މާލީ އިދާރާތަކާއި ގައުމުތަކުން ރާއްޖެއަށް ވާނުވާ ބަލައެވެ.
ދުނިޔޭގެ އިގްތިސޯދީ ޖާރނަލް ތަކުގެ ފަލަ ސުރުހީއަށް މިދުވަސްވަރު ރާއްޖެ އަރައިގެން އުޅެނިއްޔަކީ ކަމެއް ނުވެއެއް ނޫނެވެ. ދުނިޔޭގެ މާލީކަންކަން ވިލަރެސް ކުރާ ފަރާތްތަކުން ދިވެހި ރާއްޖެ ތަދުމަޑު ކަމަކާ ދިމާއަށް ދާކަމަށް ބުނަމުން ދާއިރު ސަރުކާރަށް އެއަޑު އިވޭހެނެއް ހިޔެއްނުވެއެވެ. ދިވެހި ރައްޔިތުންނަށް ތަކުލީފާއި ބަނޑުހައި ހޫނުކަން ނުޖައްސާ ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖަހާނެކަމަށް ސަރުކާރުން އެބަބުނެއެވެ. އައިއެމްއެފްގެ އެހީތެރިކަމަށް އަތްދިއްކުރާ ވަރުނުވާ ކަމަށްވެސް އެބަ ބުނެއެވެ. ރާއްޖެއަށް ލިބޭ ފައިސާ އިހުނަށްވުރެ އެތައް ތާކުން އިތުރުވާކަމަށް ވެސް އެބަބުނެއެވެ.
ރާއްޖޭގެ ހާލަތު ރަނގަޅުނަމަ ދުނިޔޭގެ އެންމެން އެދައްކަނީ ކޮން ހޮޅިވާހަކައެއް ހެއްޔެވެ. އިންފްލޭޝަން ބޮޑުވެ ބާޒާރުގެ އަގުތައް މައްޗަށް އަރާ އަތްނުފޯރާވަރު މި ވަނީ ކީއްވެ ހެއްޔެވެ. ކަރަންޓް ބިލްތަކައި ފެންބިލު އެތައް ގުނައަކަށް އަރާއިގެން އެންމެން މިއުޅެނީ ކީއްވެގެން ހެއްޔެވެ. ވަކި މީހެއް ނުބަލާ މުޅި ރައްޔިތަށް އާސަންދަ ނުދީ ވަކި ބަޔަކަށް ވަކިވަރަކަށް އާސަންދަ ދޭން މިއުޅެނީ ކީއްވެހެއްޔެވެ. ރާއްޖޭގެ ވިޔާފާރި ކުންފުނިތަކަށް ސަރުކާރުން ބޮންޑު ވިއްކަނީ ކީއްވެ ހެއްޔެވެ. ސަރުކާރު ކުންފުނިތައް މާޖްކޮށް މުއައްޒަފުން ކަނޑާ މުއައްޒަފުންނަށް ބޯނަސް ނުދެވިގެން އުޅެނީ ކީއްވެ ހެއްޔެވެ. ވަކި އެއްގައުމަކަށް ބަރޯސާނުވާނަމޭ ބުނެ ބޭރު ކުރަން އުޅުނު އިންޑިއާގެ ފައިބުޑަށްވެއްޓި ދެފައިތަޅާ ސަލާން ޖަހަނީ ކީއްވެގެން ހެއްޔެވެ.