ރާއްޖޭގެ އެއްވެސް ތަންކޮޅެއް ދެވަނަ ދުބާއީއަކަށް ވާކަށް ދިވެހިން ނޭދޭ

އެހެންދީން ތަކަްށް ރާއްޖެ ހުޅުވާލަން މަސައްކަތް ކުރަމުންދާ މީހުނަށް ހުޅުވާލަދޭ ދޮރެއް

ރާއްޖޭގެ އެއްވެސް ތަންކޮޅެއް ދެވަނަ ދުބާއީއަކަށް ވާކަށް ދިވެހިން ނޭދޭ

ރަސްމާލެ ތަރައްގީ ކުރުމުގެ ގޮތުން ރަސްމާލޭގެ ހިއްކިބިމުން 500ހެކްޓަރުގެ ބިން، ޔޫއޭއީގެ މަހުޖަނު މުޙައްމަދުލް ޢައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ކުއްޔަށް ވިއްކާލުމާއި ގުޅޭގޮތުން ދިރާސާކޮށް ބެލިބެލުމުން، އެކަމުގައި އިންތިހާއަށް ކަންބޮޑުވާ އަދި ބިރުވެރިކަން ހުރި ކަންކަން ވަނީ ފާހަގަވެފައެވެ.

ފުރަތަމަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިއީ ހަމައެކަނި ސިޔާސީ ގޮތުން ދެކޮޅުވެގެން ނުވަތަ އެއްކޮޅުވެގެން އަޅުގަނޑުމެން ވަކިގޮތެއް ނިންމަން ޖެހޭ ކަމަކަށްވުރެ ނުރައްކާތެރިކަން ބޮޑު މައްސަލައެއް ކަމެވެ. އެހެނީ މިކަމުގެ އާޚިރު ނަތީޖާ ގުޅިފައިވަނީ އަޅުގަނޑުމެން 900 އަހަރުވަންދެން ދަމަހައްޓަމުން މިއައި އިސްލާމްކަމާއި މިޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމިއޮތުމާއި ގެއްލިދިއުމުގެ މައްޗަށް ކަމަށް ވާތީއެވެ.

ދެވަނަ ކަމަކަށް މިކަމަކީ ދުރު މުސްތަޤްބަލަށް ބަލާއިރު މިރާއްޖޭގައި މުސްލިމުން ނޫން ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، މިތަނުގެ ރަށްވެހިކަން ހޯދައި އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ކޮށޭ ދޮރަކަށް ވެގެން ހިނގައިދާނެކަމެކެވެ. އަދި އެތަނަށް އައިސް ވަޒަންވެރިވާ މުއްސަނދިންގެ ސަހަރުގެ ސަބަބުން، ދިވެހި މުސްލިމުން، ޚާއްޞަކޮށް ރަސްމާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެން ހިނގައިދާނޭ ކަމެކެވެ.

ތިންވަނަ ކަމަކަށް މިކަމަކީ މިރާއްޖޭގެ ބިމުން ބައެއް އަބަދުގެ އަބަދަށް (ނިމުމެއް ނުވާ 99 އަހަރަށް) ކާފަރުންގެ އަތްމައްޗަށް އަރާ، އަޅުގަނޑުމެނަށް ދުވަހަކުވެސް އަނބުރާ ނުލިބޭގޮތަށް ގެއްލިގެން ދިއުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެކަމެކެވެ.

ހަތަރުވަނަކަމަކަށް، މިމަޝްރޫޢު ޙަވާލުކޮށްފައިވާ މުޙައްމަދުލް ޢައްބާރުއާއި ޔަހޫދީ ޓެރަރިސްޓް ދައުލަތާއި އޮތް، އަޑިނޭނގޭ ގާތް ގުޅުމަކީ މިކަމާއި މެދު އިންތިހާއަށް ކަންބޮޑުވާންޖެހޭ އަނެއް ސަބަބެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށް ޒަޔަނިސްޓް ޔަހޫދީންގެ އެތައް ބައެއްގެ އަތް މައްޗަށް މިރާއްޖޭގެ ބައެއް ގޮސް އެމީހުންގެ ލާއިންސާނީ ޖަރީމާތަކާއި އަނިޔާވެރިކަމުގެ ޝިކާރައަކަށް އަޅުގަނޑުމެން ވުމަކީ ދުރުކަމެއް ނޫނެވެ.

ފަސްވަނަ ކަމަކަށް، މިފަދަ ޕްރޮޖެކްޓެއްގެ ސަބަބުން މިހާރު މިމުޖްތަމަޢުގައި ޢާއްމުވެފައި ނުވާ ވިޔާނުދާ ފާޙިޝް އެތައް މުންކަރާތްތައް ފެތުރި ޢާއްމުވެ މިފަސްގަނޑުގައި ކުރުމަށް މަގުފަހިވެގެން ދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ދުބާއީއަކީ ކިތަންމެ ތަރައްގީވެ މުއްސަނދިވެފައިވާ ތަނެއް ކަމުގައި ވީނަމަވެސް މިދެންނެވި ހުރިހާ ނުބައިކަމެއް އެތަނަކަށް ޖަމާވެފައިވާ ތަނެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ މިއިސްލާމީ ފަސްގަނޑުން ކިތަންމެ ކުޑަޔަސް ނުވަތަ ބޮޑަސް، އެއްވެސް ތަންކޮޅެއް ދެވަނަ ދުބާއީ އަކަށް ވާކަށް އަޅުގަނޑުމެން ނޭދެމެވެ. 

މިއަދު ވެރިކަމުގައި ތިބި ބޭފުޅުން، މިހެން މިކަންކަން ނުވާނެ ކަމަށް ބުނެ، ޤާނޫނާއި ޤަވާއިދުތައް ހަދާނެ ކަމަށް ބުނި ނަމަވެސް އެއީ ޤަބޫލުކުރެވޭ ވާހަކަތަކެއް ނޫނެވެ. އެބޭފުޅުންނެއް 99 އަހަރު ކީއްކުރަންތޯއެވެ، ކުރިޔަށް އޮތް 10 އަހަރަށްވެސް ވެރިކަމުގައ ތިބެވޭނެ ކަމެއް ނޭނގެއެވެ. 

އަދި ކިއެއްހެއްޔެވެ. މިއީ މިރާއްޖެއަށް އެހެން ދީންތައް ގެނެސް، އެހެންދީން ތަކުގެ މީހުން ވަޒަންވެރިކުރުވަން ފޫގަޅައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ހުޅުވާލަދޭ ދޮރެކެވެ. މިދޮރު ހުޅުވާލައިފިނަމަ ލެއްޕުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމުން ވެރިކަމަށް އަންނަ އެއްވެސް ފަރާތަކަށް މިކަން ކުރުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ.

މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެނަށް ވާޖިބުވެގެންވަނީ އަޅުގަނޑުމެންގެ ދީނާއި ބިން ޙިމާޔަތްކުރުމެވެ. ތަރައްގީއާއި ތަހުޛީބު ހޯދުމުގެ ނަމުގައި އިސްލާމްދީނާއި މުސްލިމުންގެ ބިންތައް ގުރުބާން ނުކުރެވޭނެއެވެ.