ރާއްޖެއަށް ފައިސާ ހޯދޭނެ މަގުތައްވަނީ ލިމިޓްވެފާ: ވޯލްޑް ބޭންކް
ރާއްޖެއަށް ފައިސާ ހޯދެން އޮތް މަގުތައް ލިމިޓް ވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ. ވޯލްޑް ބޭންކުން އެހެން ބުނީ ރާއްޖޭގެ މާލީ ހާލަތުގެ މައްޗަށް ވޯލްޑް ބޭންކުން ނެރުނު މި އަހަރުގެ އަހަރީ ރިޕޯޓް "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް 2025"ގައެވެ.
ރާއްޖެއަށް ފައިސާ ހޯދެން އޮތް މަގުތައް އެތެރޭގެ ބޭންކުތަކާއި މަދު ބައިލެޓަރަލް ބައިވެރިންކޮޅަކާއި އަގު ބޮޑު ކޮމާޝަލް ދަރަންޏަށް ލިމިޓުވެފައި ވާކަން ފާހަގަ ކުރަމުން ވޯލްޑް ބޭންކުން ބުނެފައިވަނީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާއި ގުޅިގެން ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވުމަކީ ވޯލްޑް ބޭންކްގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައެވެ.
ރާއްޖޭގެ މާލީ ހާލަތުގެ މައްޗަށް ވޯލްޑް ބޭންކުން ނެރުނު މިއަހަރުގެ އަހަރީ ރިޕޯޓް ބުނާގޮތުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ޕްރެޝަރު ބޮޑުވެ، އަމިއްލަ ވިޔަފާރިތަކަށް ޑޮލަރު ލިބުން އަންނަނީ ވަރަށް ބޮޑަށް ދަތިވަމުންނެވެ. ބޭރުން ފައިސާ ލިބުން ދަތިވެ، އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު ބޮޑުވުމުން ބޭންކުތަކުން ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓުކޮށްފައިވާ މިންވަރު މި އަހަރު ބޮޑުތަނުން އިތުރުވެފައި ވާކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.
މާލީ ކަންކަން ހަރުދަނާ ކުރުމުގެ ނަމުގައި ސަރުކާރާއި އެމްއެމްއޭއިން އެޅި ފިޔަވަޅުތަކުން ދައުލަތުގެ މާލީ ކަންކަމާއި ރިޒާވަށް ވަގުތީ ލުޔެއް ލިބުނު ނަމަވެސް ދަރަންޏާއި ބޭރު ފައިސާގެ ނުރައްކާ އިހުނެކޭ އެއް ވަރަށް ދެމިއޮތް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރިލްގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ރާއްޖޭން ދެއްކުމަށް ހުރި ދަތިތައް އަދިވެސް ވަރަށް ބޮޑު ކަމަށް ވޯލްޑް ބޭންކުން ދެކެއެވެ.
ރާއްޖޭގެ ބަޖެޓު ސާޕްލަސް ކޮށްފައި ބޭއްވުމަށް، މުދަލާއި ހިދުމަތުގެ އަގަށް ފައިސާ ނުދައްކައި ހުރި ބިލުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް ވޯލްޑް ބޭންކުން ގަބޫލު ކުރެއެވެ. ވޯލްޑް ބޭންކުން ބުނަނީ ކެޕިޓަލް ހަރަދުތައް ކުރުން މަޑުޖައްސާލާފައި އޮތަސް ސަރުކާރުން ބުނި ގޮތަށް އިގުތިސޯދީ އިސްލާހީ އެޖެންޑާގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.