ފަތުރުވެރިކަމުގެ އައު ސްޓްރެޓެޖީތަކާހުރެ ބްރޭންޑް ހަލާކުވަނީ!

ފަތުރުވެރިކަން ޔުނިވާސިޓީއެއްގެ ކޭސް ސްޓަޑީއަކަށް ނުހަދާ: އަތުކޮރާލާ

ފަތުރުވެރިކަމުގެ އައު ސްޓްރެޓެޖީތަކާހުރެ ބްރޭންޑް ހަލާކުވަނީ!

ދެކުނު އޭޝިއާގައި މާކެޓިންގެ ރޮނގުން އާދަޔާ ހިލާފަށް މޮޅުކަމަށް ބެލެވޭ ގިނަ ބަޔކު ބައިވެރިވި މާކެޓަރސް ސަމިޓް 2024 މާލޭގައި ވަނީ ބާއްވާފައެވެ. މާކެޓަރސް ސަމިޓް 2024ގައި އަލަށް ތައާރަފްކުރެވޭ ބްރޭންޑް ސްޓްރެޓެޖީތަކާއި ސަރަހައްދުގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތަކާއި އުކުޅުތަކުގެ ވާހަކަ ދެކެވުނެވެ.

ސްރީލަންކާގެ މަޝްހޫރު ވިޔަފާރި ވެރިޔާ ޑރ. ރޮހަންތާ އަތުކޮރަލާ ވެސް ބައިވެރިވި މާކެޓަރސް ސަމިޓް 2024 ގައި އަތުކޮރަލާ ފާހަގަކުރެއްވި އެއް ކަމަކީ ޓޫރިޒަމް ބަޖެޓްގެ ތިންބައިކުޅަ އެއްބައި ގެސްޓް ހައުސް ގެ ނަމުގައި އާ ޕްރޮޑަކްޓް ރޭންޖެއް ތައާރަފްކޮށްފައި އޮތުމެވެ. 13،657 އެނދުގެ ކެޕޭސިޓީއާއެކު 809 ގެސްޓް ހައުސް ހުރިއިރު ފަތުރުވެރިކަމުގެ ސިނާއަތުގެ  ޖުމްލަ ކެޕޭސިޓީގެ ގާތްގަނޑަކަށް %20 ހިއްސާ ކުރަނީ ގެސްޓްހައުސްތަކުންނެވެ. ގެސްޓްހައުސް ވިޔަފާރިތަކުން އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރެވިދާނެތޯ ޑރ. ރޮހަންތާ އަތުކޮރަލާ ސުވާލު އުފެއްދިއެވެ.

ލަގްޒަރީ ފެންވަރުގައި ދަތުރުކުރާ ފަތުރުވެރިން  ޝައުގުވެރިވާ ގޮތްތައް ކިޔައިދެއްވަމުން އަތުކޮރަލާ އިތުރަށް ވިދާޅުވީ 176 ތަފާތު ރިސޯޓް ބްރޭންޑްތައް ރާއްޖޭގައި ހިންގަމުންދާކަމަށެވެ. ރާއްޖެއަށް ޑޮލަރުން ލިބޭ އާންދަނީގެ %60 ހިއްސާކުރަނީ ރިސޯޓްތަކުން ލިބޭ އާންދަނީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި "އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 3،000-15،000 ޑޮލަރާ ދެމެދުގެ އަގެއްގައި 43،279 އެނދު ހުރިއިރު، މިއީ ފަތުރުވެރިކަމަށް އެންމެ އެދެވޭ  މަޝްހޫރު ބްރޭންޑަކަށް ވެއްޖެ" އަތުކޮރާލާ ވިދާޅުވިއެވެ.

ކޮންރަޑް، ވޯލްޑޯފް އެސްޓޯރިއާ، ހިލްޓަން، އަދި ރިޓްޒް ކާލްޓަން ފަދަ ދުނިޔޭގެ އަގުބޮޑު، ލަގްޒަރީ ބްރޭންޑްތައް ރޫމް ސްޓޮކަށް އިތުރު 25 ފަސެންޓަށް އިތުރު ކުރަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިއީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް ބޮޑުތަން އިތުރު ކުރެވޭނެ މަގެއްކަން ގައިމެވެ. ވަން އައިލެންޑް ވަން ހޮޓެލް ކޮންސެޕްޓް ނަގަހައްޓަން ޖެހެއެވެ.

މާނައަކީ އަނދަވަޅެއްގެ ތެރޭގައި އަދިވެސް  އޮތް ދުނިޔޭގެ އިގްތިސާދުގައި، ވިސްނުން ތެރިކަމާއެކު ދިވެހި ރޢްޖޭގެ ފަތުރުވެެރިކަން އިސްތިހާރު ނުކޮށްފިނަމަ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނުހަނު  ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގައި ރެކިޓް ބެންކިސަރ އާއި ޔުނިލިވަރ ފަދަ އިނގިރޭސި މަލްޓިނޭޝަނަލް ކުންފުނިތަކަށް ހިދުމަތް ކޮށްފައިވާ  އަތުކޮރަލާ ފާހަގަކޮށްފައިވެއެވެ.

ކަމަކީ ކަންބޮޑުވާންވީ ކަމެކެވެ. ދިވެހިރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް އަނދަވަޅަކަށް ވެއްޓިއްޖެކަމުވާ ނަމަ ދިވެހިން ޖެހޭނީ ކޮން ހާއްލެއްގައިހެއްޔެވެ.

ބަނގުރޫޓުވެފައިވާ ބްރޭންޑްތަކުގެ ވާހަކަތައް ދުނިޔޭގެ މާކެޓުގައި ފަތުއަޑުކިޔާފައި ދެކެވެއެވެ. އިބުރަތަކަށް ގިނަ ބަޔަކު އެވާހަކަ ދައްކައެވެ. ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އަގު ހިފެހެއްޓުމަށާއި ގޯސް ސަބަބަކާ ހުރެ ޔުނިވާސިޓީއެއްގެ ކޭސް ސްޓަޑީއަކަށް ނުހެދުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާ އެކަން ކަށަވަރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވެފައިއެވެ.