ސްޓެލްކޯއިން ގުޅީ ކޮންމެ ދޯންޏަކަށް ހިލޭ ފެންޓަނެއް

ގުޅީގައި އޮޑި ދޯނި ފަހަރަށް ފެން ލިބޭނެ އިންތިޒާމް ސްޓެލްކޯއިން ހަމަޖެއްސުން

ސްޓެލްކޯއިން ގުޅީ ކޮންމެ ދޯންޏަކަށް ހިލޭ ފެންޓަނެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ހެޔޮވެރިކަމުގައި މަސްވެރިންނަށް ލުއިފަސޭހަތައް ހޯދާ ދިނުމަށް ގިނަގުނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އޮޑި ދޯނި ފަހަރަށް ފަސޭހަ ކަމާއިއެކު ފެން ލިބޭނެ އިންތިޒާމު ހަމަ ޖައްސާދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ.

މާލެއަތޮޅާއި އަރިއަތޮޅާއި ފެލިދެއަތޮޅުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއިން ހަވާލު ވީއްސުރެ އެ އަތޮޅު ތަކުގެ އަސާސީ ހިދުމަތް ތަކަށް އިންގިލާބީ ހެޔޮ ބަދަލު ތަކެއް ދަނީ ގެންނަމުންނެވެ.

ޒަމާނީ ގިނަ ފަސޭހަ ތަކާއެކު ގުޅީގެ އޮޑި ދޯނި ފަހަރަށް ފެން ލިބޭނެ އިންތިޒާމް ސްޓެލްކޯއިން މިހާރު އެ ވަނީ ހަމަޖައްސާފައެވެ. މި ހިނގާ ޖެނުއަރީ ފަހެއްވީ ބުރާސްފަތި ދުވަހު ސްޓެލްކޯއިން އެ ހިދުމަތް ވަނީ އިފްތިތާހު ކޮށްފައެވެ.

ހިދުމަތް ހޯދުމަށް އެ ހިދުމަތަށް ހާއްސަ ހޮޓްލައިނަށް ގުޅާ އޯޑަރު ދިނުމުން ޕޭމަންޓްގެ ލިންކް ފޯނަށް ލިބި ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ކުރެވިފައިވެއެވެ.

ގުޅީގައި އޮޑި ދޯނިފަހަރަށް ފެންފޯރުކޮށް ދިނުމުގެ ހިދުމަތް އިފްތިތާހު ކުރުމައި ގުޅިގެން  ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

އޮޑި ދޯނިފަހަރަށް ސްޓެލްކޯއިން ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެންނެވެ.

ބޭންޑްއަށް އަގުނަގާނެ ރޭޓް:

* ބޭންޑް A10.00ރ(ދިހަރުފިޔާ)

* ބޭންޑް B12.50ރ(ބާރަރުފިޔާ ފަންސާސްލާރި)

* ބޭންޑްC 13.50ރ(ތޭރަރުފިޔާ ފަންސާސްލާރި)

ގުޅީން ފެނުގެ ހިދުމަތުގެ ހޮޓްލައިން: 7281221

ގުޅީގައި ފެނުގެ ހިދުމަތް ސްޓެލްކޯއިން ފެށިއިރު, އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް އދ. މަހިބަދޫ އާއި ކ. ގާފަރުގައި ވެސް މިހާރު ދަނީ ދެމުންނެވެ. ކުންފުނިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ސްޓެލްކޯއިން ދަނީ ވަމުންނެވެ.