ކޮންމެ ރަށަކުން މިލޔަން ޑޮލަރު ޔާމީނަށް: ހުކުމް ހަރާން
އެންމެ ބޮޑު އިއްތިފާގަކީ ކޮންމެ ރަށެއް ލީޒްކުރި ފަރާތުން ޔާމީނުގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރ ޖަމާކުރުން
ރައީސް ޔާމީނު ކުރެއްވީމާ ވައްކަމަކީ ވައްކަމެއް ނޫނެވެ. ޔާމީނު ހިއްޕެވީމާ ރިޝްވަތަކީ ރިޝްވަތެއް ނޫނެވެ. ޔާމީނު ހެއްދެވީމާ ދޮގަކީ ދޮގެއް ނޫނެވެ. ޔާމީނު ކުރެއްވީމާ އަނިޔާއަކީ އަނިޔާއެއް ނޫނެވެ. ތިމަ ތިމާމެން ގެ ލޮލުކުރިމަތީ ހަމަޔަށް ފެނިގެން ދިޔަ ވައްކަމާއި ހިޔާނާތާއި އަނިޔާ އަދި ހިތުން ފިލައިގެން ދާހާ ދުވަހެއް ގައިމު ނުވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ހިންގާފާ އޮތް ބޮޑު ހިޔާނާތެއް ކަމަށް އެއްބަސް ނުވާ މީހަކު ނެތެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގާފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. ބޮޑު ހިޔަނާތުގައި އެންމެ އިސްކޮށް އުޅުއްވި ކަމަށް ގިނަބަޔަކު އިއްތިފާގުވާ އެއް ބޭފުޅަކީ ރައީސް ޔާމީނުގެ ޓޫރިޒަމް މިނިސްޓަރ އަދި ފަހުން ރައީސް ޔާމީނުގެ ނައިބު ރައީސް ކަންކުރެއްވި އަހުމަދު އަދީބެވެ. ދެން ހުންނެވީ އެމްއެމްޕީއަރުސީގެ އިސްވެރިޔާކަމަށް ރައީސް ޔާމީނު އައްޔަނު ކުރައްވާފައި ހުންނެވި ޒިޔަތެވެ. އެހެނެއް ކަމަކު ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ނަޒަރުގައި އެ ބޮޑު ހިޔާނާތާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތެވެ. އެމީހުން ދެކޭ ގޮތުގައި އެކަން ކުރީ އަދީބާއި ޒިޔަތެވެ. އަނެއް ކޮޅުން އޭރުގެ އިދިކޮޅު ޕާޓީގެ މަޖިލިސް މެންބަރުން އެ ހިޔާނަތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި ނެގިކަމަށް ރައީސް ޔާމީނުގެ އައުވާނުން ގަބޫލުކުރެއެވެ.
މަޖިލިސް މެންބަރުންނަށް ރިޝްވަތުދިނީ ޔާމީނުގެ ނައިބު ރައީސަކަމަށް އުމުރު ހަމަނުވާ އަދީބު ގެންނަން ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. ސްޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުންގެ ތެރޭގައި ތިއްބެވި ބޯހަރު ދެ ފަނޑިޔާރުން ކޯޓުން ނެރުމަށް ބެންޗް ހަތަކުން ފަހަކަށް ތިރިކޮށްލުމަށެވެ. ބޭރުމީހުނަށް ބިންގަނެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށެވެ. މިހާ ބޮޑެތި ކަންތައްތައް ހިނގާ ނިމިދާއިރު ރައީސް ޔާމީނަށް ދޮންކަޅުވެސް އެނގި ވަޑައި ގަންނަވާނެ ކަމަކަށް ޔާމީނުގެ ސަޕޯޓަރުން ނުދެކެއެވެ. މަޖިލީހުން ފާސްކުރާ ގާނޫނުތައް ތަންފީޒުކުރުމުގެ ބާރު އޮތީކީ ވެސް ރައީސް ޔާމީނު ނޫން ދެވަނަ މީހެއްގެ އަތަކު ނޫނެވެ. އެކަމަކު ވެސް ރައީސް ޔާމީނަށް އެއިން އެއްވެސް ކަމެއް އެނގިވަޑައި ގަންނަވާނެ ކަމަކަށް ނުވެއެވެ.
އަބަދުވެސް އެ ފައިސާ މި ފައިސާއޭ ވިދާޅުވާ ރައީސް ޔާމިނުގެ އަމިއްލަފުޅު ފައިސައާއި ކެންޕެއިން ފައިސާއާއި އެމްއެމްޕީއާރުސީ ފައިސާ ހުންނަނީ އެއްގުޅިއަށް އަޅާ ބަދެވި އަދީބު އަތްޕުޅުގައެވެ. އެންމެ ބޮޑު އިއްތިފާގަކީ ރައީސް ޔާމީނަށް ތުހުމަތު ކުރެވި ތަހުގީގުކޮށް ޝަރީއަތް ކުރެވޭ ކޮންމެ ރަށެއްގެ ޑީލުގެ ތެރޭގައި ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް އެއްމިލިޔަން ޑޮލަރ ވަދެގެން ގޮސްފައި ހުރިކަމެވެ. ވޮޑަމުއްލާއާއި އާރަށާއި ފުށްގިރި ޑީލާއެކު އެރަށްރަށް ލީޒްކުރި ފަރާތްތަކުން ރަށުގެ އަގުދާއެކު ކޮންމެ ވެސް ސިފައެއްގައި ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކުރެވިފައި އޮންނަ އޮތުމަކީ އަޖައިބެއް ފަދަ އިއްތިފާގެކެވެ.
މާތްކަލާކޯއެވެ. ބޮޑު ވަގަކު މިނިވަން ކުރަން ފޫގަޅައިގެން ނިކުމެ ތިބެ ތިޔަ ދެވެނީ ވައްކަމަށް ހިތްވަރެވެ. ތިޔަ ފުރައްސާރަކުރެވެނީ އިސްލާމު ދީނުގެ ހުކުމަކަށެވެ. ހަރާމީ ހުކުމެއް ނޫނެވެ. ހަރާމީ ރިޝްވަތެވެ.