އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތަކީ ހިނގިކަމެއްތަ!
ޔާމީނަކީ ވަގެއް ނޫން ކަމަކަށް ނުހެދޭނެ
އެމްޕީއާރުސީއާއި ގުޅޭ އެއްވެސް ޝަރީއަތެއްގައި ވެސް ތަހުގީގެއްގައި ވެސް ޒިޔަތާއި އަދީބު ކުރެން ހޭވެސް އަހަލައިގެން ނުވާނެއެވެ. އޭގެން އެއްވެސް ޖަރީމާއެއް ހިންގުމުގައި އަދީބާއި ޒިޔަތުގެ އެއްވެސް ބައިވެރި ވުމެއް އޮތީއެއް ނޫން ވިއްޔާއެވެ. އެ މީހުން ކުރެން އެއްޗެއް އަހައިގެން އެއްޗެއް އެނގޭނީ އެ ދެމީހުން ކުރެ މީހަކު އެއިން ކަމެއްގައި ބައިވެރި ވެފައި އޮތް ނަމަތާއެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. އެމްއެމްޕީއާރުސީގެ ހުރިހާ ވައްކަމެއް ހިންގީ އަދީބާއި ޒިޔަތުކަމަށް އެއްކޮޅުން އެބަ ބުނެއެވެ. އެކަމުގައި ޔާމީނަކީ ބޯކިރު ފޮދެކެވެ. އެމްއެމްޕީއާރުސީން ހިންގި ކޮންމެ ޑީލެއްގެ ތެރެއިން ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާވީ ޖަމާވުމަކީ އިއްތިފާގެކެވެ. އެމްއެމްޕީއާރުސީ ބާލިދީ ދަށުގައި އެލުވާފައި ހުރި ޔާމީނުގެ ބޮޑު ބާލިދީއެއް ހުރީމާ އެމްއެމްޕީއާރުސީ ބާލިދީ ފުރެގެން ފައިބާ ފައިސާ ޔާމީނު ބާލިދީއަށް އެޅުނަސް ޔާމީނު ކުރާނީ ކީއްހެއްޔެވެ. އިއްތިފާގުން ޔާމީނު ބާލިދީގެ މަތީގައި އެމްއެމްޕީއާރުސީ ބާލިދީ ހުރީތާއެވެ. އޭގައި ޔާމީނު ކުރާނެ ކަމެއް ނޯންނާނެއެވެ.
ބަތް ތަވާގައި ލޮނު ގަދަވީމާ ކައްކާ މީހާ ކުރެން އެ ވަހަކަ ނާހާ ލޮނު ގަދަވީ ކީއްވެތޯ އަހާނީ ކާކު ކުރިން ހެއްޔެވެ. އެ ތަވަޔާ އެހެން މީހަކު ގާތްވިޔަސް އެންމެ ރަނގަޅަށް އެގޭނީ ކައްކާ މީހާއަށެވެ. އެމްއެމްޕީއާރުސީ ހިޔާނަތުގައި ވެސް އޮންނަނީ އެގޮތެވެ.
އެމްއެމްޕީއާރުސީން ކުރިކަމެއް އޭރުކުރީ އަދީބާ ޒިޔަތެވެ. އެކަމުގައި ޔާމީނުގެ ބައިވެރިވުން އޮތްވަރު ވެސް އެންމެ ރަނގަޅަށް އެނގެނީ އެ ދެމީހުން ނަށެވެ. އެ ދެމީހުން ބުނާ އެއްޗެއް ނޭނގި މައްސަލައިގެ އަސްލަށް ވާސިލު ވެވޭނެ އެއްގޮތެއް ވެސް ނުއޮންނާނެއެވެ. ޔާމީނަށް ރައްދުވާ މައްސަލަތަކުގައި މައްސަލަ ރައްދުވާ ޔާމީނާ އޭނާ ބުނާހާ ބަޔަކު އެކަނި ދައްކާ ވާހަކައަކުން ހަގީގަތެއް ނެނގޭނެއެވެ. ހަމައެހެން އަދީބާއި ޒިޔަތު ބުނާހާ އެއްޗަކީ ވެސް ހަގީގަތަށް ނުވެދާނެއެވެ.
މައްސަލައިގެ ހަގީގަތަށް ވާސިލު ވެވޭނީ ޔާމީނު ބުނާ އެއްޗަކާއި އަދީބާއި ޒިޔަތު ބުނާ އެއްޗަކާ ރަނގަޅަށް އެނގި އެއް ބުނުމުން އަނެއް ބުނުމަށް ބާރުލިބޭ ހެކިތަކާއި ގަރީނާ ތަކުންނެވެ. އަދީބާއި ޒިޔަތަކީ ފާސިގުންނަށް ހަދާ އެ މިހުންގެ ބަސް ނުހޯދާ ހޯދޭނެ ހަގީގަތެއް އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ނުއޮންނާނެއެވެ. ދުޝްމަން ކަމެއް އޮތަސް އެމީހުންގެ ބުނުމުގެ ތެދު ދޮގު ބެލޭނެ ހަމަތަކާއި ގޮތްތައް ހުންނާނެއެވެ. މައްސަލައިގައި ޔާމީނު ހަދަނީ ހުސް ތެދުކަމަށް ފަނޑިޔާރުން ދެކެން ޖެހޭނެ ސަބަބެއް ނުއޮންނަނެއެވެ. އަދި އަދީބާ ޒިޔަތާ ހަދަނީ ހުސް ތެދު ކަމަކަށް ވެސް ނުވާނެއެވެ. ފަނޑިޔާރުން ރިއާޔަތް ކުރާނީ މައްސަލައިގެ ވަށައިގެން ހުރި ހުރިހާ ކަމަކަށެވެ.
އިޖުރާއީ ހަމައެއް ދައްކައިގެން ފާސިގުންގެ ވާހަކަ ޔާމީނާ އެނާގެ ވަކީލުން ދައްކަނީ މައްސަލަ ތަކުން ބޯދަމައިގަންނަން ވެގެންނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ހިނގިކަމެއް ކަމަށް ވާނަމަ އަދީބާއި ޒިޔަތުގެ ބަސް ނުހޯދާ އެ މައްސަލައަށް ލީބެނެ އިންސާފެއް ދައުލަތުން ގެއްލުނު ފައިސާއެއް ލިބޭނެ އެއްގޮތެއް ވެސް ނުއޮންނާނެއެވެ. އަނެއް ކޮޅުން ޔާމީނަކީ ވަގެއް ނޫން ކަމަކަށް ވެސް ނުހެދޭނެއެވެ.