ޗަރުކޭސް ބޮޑުވީމާ ސީރިއަސްކަން ގެއްލޭ!

މަވެތިވެ އުޅޭ މީހަކާ އެތައް ބަޔަކު ނުރުހޭނެ

ޗަރުކޭސް ބޮޑުވީމާ ސީރިއަސްކަން ގެއްލޭ!

ކޮންމެ ބަޔަކު އެބައެއްގެ މަސްހޫރުކަން ދަމަހައްޓަން އެކި ކަހަލަ ކަންކަން ކުރެއެވެ. ބައެއް މީހުންގެ ގޮތަކީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ގޭމެއް ޖައްސައިގެން ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދުމެވެ. އެފަދަ މީހުން ކޮންމެ ކަމެއް ކޮއްގެން ވެސް އޭނާގެ ވާހަކަ އެހެން މީހުން ދައްކާނެ ކޮންވެސް ގޮތެއް ހަދައެވެ. 

އަމިއްލަ ނަފްސަށް ގެއްލުމެއް ދީގެން ވިޔަސް މީހުންގެ ސަމާލުކަން ހޯދަން އެ މީހުން ކޮށްފައި ނުކުރާނެ ކަމެއް ނޯވެއެވެ. އެ ބާވަތުގެ މީހުން ހުއްޓާނުލާ އެއް ވާހަކަ އެކި ގޮތްގޮތަށް ދައްކައިގެން ދޮގު ތެދަށް ހަދައެވެ. ފުލުހުންގެ އުރުގައި ޝަރީއަތަށް ދިޔުމާއި ފައިވާން އަތަށް ނަގައިގެން އެކަނިމާ އެކަނި މަޖީދީ މަގުގައި ދުވުމާއި ފުލުހުން ލައްވާ މައިދާނުގައި ބިންމަތީ ދެންމުން ވެސް މިހުރީ އެކަހަލަ އެޕިސޯޑް ތަކެވެ. 

ފަރެސް މާތޮޑާގެ ގެއެއްގެ ތެރޭގައި ފިލާއޮވެ ފުލުހުން ލައްވާ ދޮރު ވައްޓުވާލައިގެން މީހުންގެ ސަމާލުކަން އަނބުރާލި މީހަކު ވެސް އުޅެފާނެއެވެ. އެކަހަލަ މީހުން ސަރީއަތަށް ފިލަން އެންބަސީއަށް ވަދެ ނުނިކުމެ އޮތުމާއި ކޯޓުގެ ބޭރު ތެޅުންގަނޑު މައްޗަށް ވެއްޓި ގަތުން މިހުރީ ކުޅޭ ޗަރުކޭހުގެ ބައިބައެވެ. ނުލަފާ ކަން ދައްކާލަން ބުނުމާއި ހުރިހާ ވަގުތަކު ހަމައިގައި ހުންނަން ނުޖެހޭކަމަށް ބުނުމާއި ސުންނަތް ނޫން ގޮތެއް ހޯދަންޖެހޭ ކަމަށް ބުނުން ފަދަ މަސްހޫރު ބުނުންތައް ބުނެ މީހުން ރުޅިއެރުވުމަކީ އެފާޑު މީހުންގެ ގޮތެވެ. އެހިނދަކަށް  ބޭނުން ކޮންމެ މީހެއްގެ އަބުރު ނަގާލާ އެތައް ބަޔަކު ބޯހިއްލާ ނުލެވޭ ވަރަށް ވަކިވަކި މީހުންގެ އިއްޒަތުންނަފްސަށް އަރައިގަތުމަކީ އެ މީހުންގެ ތޮބީއަތެވެ. 

ބޭނުންވާ ކަމެއް ހާސިލު ކުރުމަށް މީސްމީހުން އިއްޒަތުއްނަފްސް ހަރާބު ކޮށްލުމަކީ އެފަދަ މީހަކަށް ލިބޭ އެންމެ ބޮޑުއެއް އުފަލެކެވެ. ތެދެއް ދޮގެއް ނުބަލާ ހީވާހާ ގޮތަކަށް ވާހަކަ ފަތުރާ އެތައް އާއިލާއެއްގެ މުޅި މުސްތަގުބަލު ހަލާކު ކޮށްލުމަކީ އޭނައަށް މާބޮޑު ކަމަކަށް ނުވެއެވެ. މީހުނަށް ކުރެވި ފިޔަވަޅު އެޅި އިސްލާހު ކުރެވިފައި ހުންނަ ކަންކަން ވެސް ހޯދާ އެ ވާހަކަ އޮބިފައި އޮތް އޮތުން ތިލަކޮށް ބޮޑުކޮށް މުޖުތަމައުގައި އެތައް ބަޔަކު ބަދުނާމު ކުރުމަކީ ހިތްހަމަ ޖެހުމެވެ.

ހަމަ ތެދެކެވެ. އެހެން މީހުންގެ އަގެއް ނެތި އެހެން މީހުންގެ ގަބޫލު ކުރުން ބަލައި ނުގަނެ މަވެތިވެ އުޅޭ މީހަކާ އެތައް ބަޔަކު ނުރުހޭނެއެވެ. އެހެން މީހުންގެ ކަރަމާތް ނަގާލުމަށް  އަބަދުވެސް އެހެން ގޮތެއް ހޯދުމުގެ ފިކުރު ދިރުވުމުގައި އުމުރު ހުސްކުރާ މީހުނަށް އަބަދަކު ދުނިޔެ ފައްސެއް ނުވާނެއެވެ. އެފަދަ މީހަކަށް ދިމާވާ ހިތާމަވެރިކަން ކަމަކީ ވެސް ސަމާލުކަން ހޯދަން ޖައްސާ ސްޓަންޓް ކަމަށް ނޫނީ ނުދެކޭ ވަރަށް ޗަރުކޭސް ބޮޑުވީމާ ސީރިއަސްކަން ގެއްލެއެވެ. އެހެން ނޫނަސް ކަނޑަށް ނިކުމެ އުޅޭ އިރު މަހެއް ފަހާާލާނެ މަހެއް ހުރެދާނެ ކަމަށް ގަބޫލު ކުރަން ޖެހެއެވެ.