މެންބަރުކަން ކުރުމުން ދައުލަތަށް ބަލަދުއަރަނީ!
މެންބަރުކަން ކުރުމުން ދައުލަތުން އިނާޔަތް ދިނުން ބަލައިނުގަނެވޭ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތުގެ ވާހަކައިގެ އަޑު އަނެއްކާވެސް މިވަނީ ގަދަވެފައެވެ. ގިނަ ބަޔަކު ދައްކަނީ މެންބަރުންގެ މުސާރައާއި އިނާޔަތުގެ ބޮޑު ވާހަކައެވެ. ބޮޑު ތަނުން މުސާރައާއި އިނާޔަތް ކުޑަކުރަން ޖެހޭ ވާހަކައެވެ.
މެންބަރުކަން ކޮށްފައިވާ މީހުނަށް ދެވޭ އިނާޔަތުގެ ވާހަކަ ދެއްކުން ވަކިން ކުޑައެއް ނޫނެވެ. މި މައުޟޫއުގައި އެކި މީހުން ކިޔާނީ އެކި ގޮތެވެ. އެއްވެސް ބަޔަކު އެއީ ކުރަން ނުޖެހޭ ކަމަކަށް ނުބުނެއެވެ.
އެއް ދާރާއެއްގައި ދެ ދައުރު މެންބަރުކަންކޮށް ތިންވަނަ ދައުރަކަށް ކުރިމަތިނުލާ ރީތިކޮށް ދެވަނަ ދައުރު ނިންމާލާ މެންބަރުންނަށް އިނާޔަތުގެ ގޮތުގައި ދައުލަތުން ފައިސާއެއް ދިނުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ދެކޭ މީހުން އުޅެއެވެ. މެންބަރުކަންކޮށް ދެވަނަ ދައުރަކަށް ނުވަތަ 3 ވަނަ ދައުރަކަށް ކުރިމަތިލާ ފޭލިވާ އެއްވެސް މީހަކަށް ދައުލަތުން ފައިސާގެ އިނާޔަތެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހަކަށް އިހުތިރާމް ކުރުމުގެ ގޮތުން ދައުލަތުން ބާއްވާ ގައުމީ މުނާސަބަތު ތަކަށް ދައުވަތު ދިނުމާއި ކުރީސަފުން ޖާގަ ދިނުން ފަދަ ކަންކަމަކީ ކުރުން އެންމެ ރަނގަޅު ކަންކަމެވެ. ފުރުސަތު ދެވެން އޮތް ވަރަކުން އެއަރޕޯޓްތަކުގެ ވީއައިޕީ ލޯންޖުތަކުން ޖާގަ ދިނުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ދައުލަތުންދޭ އާއްމު ހިދުމަތްތައް ދިނުމުގައި ހާއްސަ އިސްކަމެއް ދިނުމާއި ޑިސްކައުންޓެއް ސްޓޭޓްމަނެއްގެ ގޮތުގައި ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ހުރިހާ އިމްތިޔާޒެއް މެންބަރުކަން ކޮށްފައިވާހާ މީހަކަށް ދޭން ނުޖެހޭކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. މެންބަރުންގެ މުސާރައާއި އިނާޔަތާމެދު ބަހުސްކުރާ މީހުންގެ މައިގަނޑު ވިސްނުމަކީ ދައުލަތުގެ ހޭދަ ކުޑަކުރުމެވެ. ތަފާތު ކުރުން ނައްތާލުމެވެ.
ތެދެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އޮތް މިންވަރަށް ބެލުމެއްނެތި ހިފެހެއްޓުމެއްނެތި އިނާޔަތް ދިނުމަކީ އެެއް ގޮތަކަށްވެސް ކުރުން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ހަމަ މަގަށް އެޅުވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.
އާއްމު ރައްޔިތަކަށް ނެތް ހެލްތު އިންސުއަރެންސެއް އިރެއްގައި މެންބަރަކަށް ވިޔަތީ ދައުލަތުން ލިބިދޭކަށް ނުޖެހެއެވެ. ދައުލަތުގެ ސޯސަލް ސެކިއުރިޓީ ނިޒާމްގެތެރެއިން ހެލްތު އިންސުއަރެންންސް ގޮތުގައި ރައްޔިތަކަށް ލިބިދޭ މިންވަރަށްވުރެ މަތީ ފެންވަރެއްގެ އިންސުއަރެންސް ޕެކޭޖެއް ވަކިމީހަކަށް ވެގެން ދައުލަތުން ދިނުމަކީ އިންސާފެއް ނޫނެވެ. މަތީ ފެންވަރެއްގެ އިންސުއަރެންސް ޕެކޭޖެއް ނެގުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. ދައުލަތުން ދޭންޖެހޭނީ އަސާސީ މިންވަރެވެ.
ދައުލަތުގެ ޒިންމާދާރު މަގާމެއް އަބުރުވެރިކަމާއެކު އަދާކޮށް ނިންމާ އަބުރުވެރި އުޅުމެއްގައި އުޅޭ ސްޓޭޓްސްމަނުންނަށް ހައްގު މަގާމު މުޖުތަމައުން ލިބިދޭން ޖެހޭނެއެވެ. އެހެނަސް އެމީހުނަށް އަދާކުރަންޖެހޭ އިހުތިރާމާއި ލިބިދޭ ލުއިފަސޭހަ ތަކަކީ ދައުލަތުން އުފުލަންޖެހޭ ބުރައަކަށް ވާހެން ކަންކަން ތަރުތީބު ކުރެވިގެން ނުވާނެއެވެ. މެންބަރުކަން ކުރުމަކީ ދައުލަތަށް ބަލަދު އަރާ ކަމަކަށް ވެގެންނުވާނެއެވެ.