މަޖިލީހުގެ އެންމެ މައިނޯރިޓީ ލީޑަރ
ފިކުރެއްގެ ދިރުމުގެ ބާގީން ކޮޅު ވެސް ގާސިމާ އެކު ނުތިބޭނެ
އާނއެކެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ގާސިމް ބޭނުމެވެ. މެޖޯރިޓީ ލީޑަރުކަންވެސް ގާސިމު ބޭނުމެވެ. އަދި ކީއްކުރަން ހެއްޔެވެ. ރާއްޖޭގެ ރައީސް ކަމާއި މުޅި ދައުލަތްވެސް ގާސިމު ބޭނުމެވެ. މިހާރުވެސް ގާސިމް އެ ހުރީ މަޖިލީހުގެ އެންމެ މައިނޯރިޓީ ލީޑަރ ކަމުގައެވެ.
ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންގެ ތެރެއިން 8 ބޭފުޅަކު ގާސިމްގެ ފަހަތަށް ގެނައުމުގެ ހުވަފެން ގާސިމް ދުށުމަކީ ސިއްސައިގެން ދާވަރުގެ ވާހަކައެއް ނޫނެވެ. އެ މަގަށް ގާސިމް މަސައްކަތް ނުކުރާނެ ކަމަކަށް އެއްވެސް އިރަކު އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. ގާސިމް ބޭނުން ވާނީ އެންމެ އަށް މެންބަރުންނެއް ވެސް ނޫނެވެ. މުޅި މަޖިލީހެވެ.
ރިޔާސީ އިންތިހާބު ނިމެންދެން ވެސް ފިކުރެއްގެ ދިރުމުގެ ބާގީން ކޮޅު ގާސިމާ އެކު ތިބޭނެ ކަމެއް ނޭނގެއެވެ. އެ މީހުންގެ ޑިމާންޑް ތަކަށް ގާސިމަށް ގުރުބާން ވެވޭވަރުގެ ހިއްވަރެއް ގާސިމުގެ ކިބައަކު ނުހުންނާނެއެވެ. އަންނި ބުނާހާ އެއްޗެއް ހަދައިގެން ގާސިމަށް ވެރިކަމަށް ނާދެވޭނެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ގާސިމަށެވެ. ބޭނުން ވަރަކަށް އެ މީހުނަށް ގާސިމު ފައިސާ ދިނަސް ހަދާނީ ހަދާނެ އެއްޗެއްކަން ގާސިމަށް މާރަނގަޅަށް އެނގޭނެއެވެ.
ގާސިމްގެ ފަހަތަށް ގެނެވޭނެ ކަމަށް ތިޔަ ހީކުރާ އަށް މެންބަރުން ގާސިމްގެ ފަހަތަށް އަރަންޖެހޭ ސަބަބެއްނެތެވެ. އެ މެންބަރުންގެ ދައިރާތަކަށް ރައީސް ސޯލިހު ހޯއްދަވާ ދެއްވަމުން އެގެންދަވާ ތަރައްގީ އެ ބޭފުޅުންނަށް ފެނިވަޑައިގަނެއެވެ. މެންބަރުންގެ މުހުތާދުތައް ހުންނަކަމާއި އެ މުހުތާދުތައް ފުއްދަވަ ދެއްވައިގެން އެ ބޭފުޅުންނަކީ އަބުރުވެރި ބަޔަކަށް ހެއްދެވުމަށް ރައީސް ސޯލިހަށް ނުކުރެއްވުނު ކަމެއް ގާސިމަކަށް އަދި ނަޝީދަކަށް ވެސް ނުކޮށްދެވޭނެކަން އެންމެ ރަގަޅަށް އެނގިވަޑައިގަންނަވަނީ އެ މެންބަރުންނަށެވެ. ތިޔަ ބުނާ އަށް މެންބަރުންނަކީ ހަށިވިއްކާ ބައެއް ކަމަށް ސިފަކޮށްގެން ހަދަން އުޅޭ ޑީލަކުން ގާސިމަށް އެންމެ މެންބަރަކު ވެސް ގުޑުވައެއް ނުލެވޭނެއެވެ.
އެންމެ އިތުބާރުކުރި އަލި ހަމީދުވެސް އެ ނައްޓާލީއެވެ. ކައިރީގައި ތިބި މީހުން ނުހިފެހެއްޓި އެންމެ ދެ މެންބަރުންނަށް ޕާލަމަންޓްރީ ގުރޫޕް ބަދަލުވެގެން ދިޔައިރު އެހެން ބަޔަކު ފަހަތައް ގެންނާނީ ކިހިނެއް ހެއްޔެވެ. ފައިސާ އަޅައިގެން ހެއްޔެވެ. އެހެން ހީވަންޏާ ތިޔަ ޖެހެނީ އަމިއްލަ އަތުން އަމިއްލަ ދަންމަޅިއެވެ. މަހެއް ފަހާލާނެ މަހެއް ކަނޑު ހިނގާ ފާނެއެވެ.
ސިޔާސީ ހަށިގަތުމުގެ ވިޔަފާރީގައި ގާސިމަށް ކަމަކަށްވާ ކަހަލަ ކަމެއް ކުރެވުނު ނަމަ ރާއްޖޭގެ ރައީސްކަން ގާސިމު ކުރާނެތާ ކިތަންމެ ދުވަހެކެވެ. ކިންގއަށް ވާންއުޅެ ނުވެވި ކިންގ މޭކަރ ހެދިގެން އުޅެއުޅެ ވަރުބަލި ވެއްޖެ ނޫން ހެއްޔެވެ. އަންނަ ރިޔާސީ އިންތިހާބުގައި ކިންގ މޭކަރަށް ވެސް ނުވެވި އަބަހައްދުވާ ދުވަހު ބާކީވެ ޖީޓީއަށް ވީވަރުވެސް ނުވާތަން އެބަ ފެނެއެވެ.