ރަތްލާޖެހި މުލު ވަގަކަށް ހުއްޓުވޭނީ ކޮން މުންކަރާތެއް!

ޔާމީނު މުއްޕަތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދަން ގައިވީދުން

ރަތްލާޖެހި މުލު ވަގަކަށް ހުއްޓުވޭނީ ކޮން މުންކަރާތެއް!

މިއަދު މެންދުރު ފަހު ދިވެހިރާއްޖެ ދިވެހިންނަށް ހޯދައިދީ ދިވެހިންގެ ވެރިކަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ބުނެފިއެވެ. އާދަމް ޝަރީފް ރޭ ކުރި ޓްވީޓެއްގައި މިހެން ބުނުމުން އޭނާގެ ބުއްދި ފިލާ ގޮސްފައިވާ ކަމާ މެދު ސުވާލު އުފެދެއެވެ. 

އޭނާ ބުނާ ގޮތުން މިއަދު ފަށާ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތަކީ އިސްލާމީ ހަޒާރަތާއި އިސްލާމީ ސަގާފަތް ދިރުވުމުގެ ހަރަކާތެވެ. ފާސިގުކަމާއި މުންކަރާތްތަކާ ދެކޮޅަށް ހިންގާ ހަރަކާތެކެވެ. ގައުމުގެ މިނިވަންކަން ދިފާއު ކުރުމުގެ މަސައްކަތެވެ. 

އަންތަރީސް ވާހާވެއެވެ. 2013 އިން 2018އަށް މި ރާއްޖޭގައި ވެރިކަން ކުރީ އެ ބުނާ ޔާމީނެކެވެ. ތަޅާފޮޅުމާއި މާރާމާރީއާއި ވައްކަމާއި ހިޔާނާތާއި ފޭރުމުގައި ޔާމީނުގެ އެ ފަސް އަހަރު ރޭޓް އެހެން ހުރިހާ ވެރިކަމަކަށް ވުރެ މައްޗެވެ. މީހުން މެރުމުގެ ރެކޯޑްވެސް އޮތީ އެ ވެރިކަމުގައެވެ. ޑްރަގް އެތެރެކުރުމާއި ވިއްކުމާ ބޭނުން ކުރުމުގައި އެހެން ވެރިކަންތަކަށް ގޮން ޖަހާލާ ވަރަށް ވަނީ ޔާމީނުގެ ވެރިކަމުގައި ކުރިއަރާ ގޮސްފައެވެ. ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ފެތުރިގެން ދިޔައީ އެވެރި ކަމުގައެވެ. އިސްލާމީ ހަޒާރަތު ނަގަހައްޓާ ދިރުވަން ސިނަމާލެ ބުރިޖު ކޮޅުގައި މުންނާރު މޮނިއުމެންޓެއް ބެހެއްޓައިގެން އިސްލާމީ ހަޒާރަތު ދެއްކުނީމާ ނިމުނީއެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި މި ސަރުކާރުން މިސްކިތް އެޅިވަރާ ގާތަށް ވެސް ޔާމީނު ވެރިކަމުގައި މިސްކިތް ބިނާ ކޮށްފައެއް ނެތެވެ. ޔާމީނު އިސްވެ ހުރެ އޭކަން ގެނެސްގެން ގައުމީ ފެންވަރުގައި ބަރަހަނާ ޑާންސް ކުރުވުން އެއީ އިސްލާމީ ސަގާފަތު ދިރުވުން ކަމަށްވަންޏާ އެ ސަގާފަތެއް ދިވެހިން ބޭނުމެއް ނުވެއެވެ. 

ދައުލަތުގެ ހަޒާނާ އަމިއްލަ ޖީބަށް ކަހާލައިގެން ކުށް ސާބިތުވެފައިވާ ބޮޑު ވަގަކު މައުސޫމަކަށް ހަދަން ކިތަންމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެއެވެ. ހިޔާނަތާއި ވައްކަމުގައި ހައްދެއް ނެތް މީހަކު މަތި މައްޗަށް ދޮގު ހަދައިގެން ޝަރީއަތަށް އޮޅުވާލައި ވައްކަމުން ބަރީއަވުމަށް ދޮގުހެކި އުފައްދައި ރެކެން އުޅޭ ރަތްލާޖެހި މުލު ވަގަކަށް ހުއްޓުވޭނީ ކޮން މުންކަރާތެއް ހެއްޔެވެ. ގާނޫނާއި އިސްލާމީ ޝަރީއަތާއި ހިލާފަށް ދައުލަތް ދަވާލައިގެން ހުރެ އިތުރަށް ދައުލަތް ދަވާލަން ދީން އައްޑަނައަކަށް ނެގިޔަސް ޔާމީނުގެ ވަގުކަމާއި ބޮޑާކަމާއި އަނިޔާވެރިކަން ދިވެހިން ދަނެއެވެ. 

އާދަން ޝަރީފު ބުނާ ގޮތުން ދިވެހިރާއްޖޭގެ ވެރިކަމުގައި މިހާރު ތިބީކީ ދިވެހިންނެއް ނޫނެވެ. އާދަމް ޝަރީފުގެ ހަމާގައި ދިވެއްސަކީ ހަމަ އެކަނި ޔާމީނެވެ. ޔާމީނު ވެރިކަމުގައި ނެތިއްޔާ ރާއްޖެ އޮންނާނީ އަޅުވެތިކަމުގައެވެ. ޔާމީނު ވެރިކަމުގައި ނެތިއްޔާ މިސްކިތްތަކުން ބަންގި ނުގޮވާ ހެއްޔެވެ. ނަމާދު ގާއިމެއް ނުކުރޭނެހެއްވެ. އީދެއް ރޯދައެއް ނާދޭ ހެއްޔެވެ. ހުކުރެއް ހައްޖެއްވެސް ނާންނާނެ ހެއްޔެވެ.

ބުނަން ހެއްޔެވެ. މާ ގޮތް ދައްކާނެ ކަމެއްނެތެވެ. އާދަނުމެން ތިޔަޖަހާ ސަކަރާތެއް ތިޔަ ޖަހަނީ ޔާމީނު މިނިވަންކޮށް ވެރިކަން ހޯދާދޭކަށް ނޫނެވެ. ޔާމީނުގެ މުއްޕަތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދަން އެންމެން އެންމެނާ ގައިވީދަނީއެވެ. ތިޔައިގެ ތެރެއަކު ޔާމީނު މިނިވަންކުރަން އުޅޭ ހަމަ އެކަކު ނެތެވެ.