މުއިއްޒު ތަންމަތިބޮނޑި ބަންނަނީ!؟
ރައްޔިތުންނަށް ހިލަންވާއިރު ޖެހުންތާ ލަކުނުވެސް ނުހުންނާނެ
ދިވެހި ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ މުއިއްޒާއި ސާޖިދާއަކުން ނޫނެވެ. އެބާރުތައް ދެމިއޮންނަނީ މުއިއްޒާއި އަދުރޭގެ އަތް މައްޗަކު ނޫނެވެ. އެ ބާރުތައް ނިމިގެންދާނީ މަލްޝާއާއި ޝިއުނާގެ އުނގަކަށް ވެސް ނޫނެވެ. އޮޅިގެން ނޫޅޭށެވެ.
ވެރިކަމަށް ފަސްއަހަރަށް މީހަކު ހޮވުމަކީ އެ މީހަކު ހިތުހުރިކަމެއް ކުރުމަށް އެ މީހަކަށްދޭ ލައިސަންސެއް ނޫނެވެ. ރައްޔިތުން މަޖިލީހުގެ ސްޕަރމެޖޯރިޓީ ވަކި ފިކުރަކަށް ރައްޔިތުން ދެނީއަކީ ގާނޫނުތައް ހިލާލާ ގޮށްމުށުގެ ވެރިކަމެއް ގައުމަށް ގެނެސް ރައްޔިތުންގެ ކަރުގޮހޮރު ދަމައިގަނެވޭ ވަރަށް ބަޔަކަށް ބާރުދޭކަށް ނޫނެވެ.
ރައްޔިތުން މުއިއްޒާ ވެރިކަން ހަވާލުކުރީ ޖީއެސްޓީ %2 ބޮޑުކޮށް ކޮތަޅުން ޓެކްސް ނަގަން ފެށުމުން އެވަރު މަދުވެގެން ޕްރޮފިޓް ޓެކްސްއާއި ގްރީން ޓެކްސް ބޮޑުކުރާކަށް ނޫނެވެ. އިސްތިސްނާއެއް ނެތި އައިޑީކާޑަށް ބޭސްފަރުވާ ކުރެވޭތީ އެކަން ގޯސްވެގެން އާސަންދަ ތާށިކޮށް ހޮވާލެވޭ ވަކިބަޔަކަށް އާސަންދަ ދޭކަށް ނޫނެވެ. ގެއަށް އަންނަ ފެން ބިލާ ކަރަންޓް ބިލު ކުޑަވެގެން ސަބްސިޑީ ކަނޑާލާ ކޮންމެ މަހަކު އަތްގުޅި ނުކާވަރުގެ ބިލެއް ހޯދާކަށްވެސް ނޫނެވެ. މުއާސަލާތީ ހިދުމަތް ލިބޭލެއް އަގު ހެޔޮވެގެން މުއާސަލާތީ ހިދުމަތުގެ އަގުބޮޑުކޮށް ޓެކްސް އިތުރު ކުރާކަށްވެސް ނޫނެވެ.
މަސްވެރިން ވެރިކަން ބަދަލުކުރީ 25 ރުފިޔާ މަސްކިލޯއަކަށް ހުރެގެން އެކަން ބޮޑުވެގެން 15ރ އަށް މަސްކިލޯއެއްގެ އަގު ތިރި ކުރާކަށްވެސް ނޫނެވެ. މުޒާހަރާ ނުކުރަނީސް ވިއްކި މަހަށް އަގު ލިބޭތީ އެކަން ބޮޑުވެގެން ކޮންމެ ފަހަރަކު މުޒާހަރާކޮށްގެން މަހަށް އަގު ހޯދާކަށްވެސް ނޫނެވެ.
ރަށްރަށު ރައްޔިތުން ވެރިކަން ބަދަލުކުރީ އެ ރަށްރަށުގައި ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ދިޔަ ދިޔުން ނިމުމަކަށް ގެނެސް އެ ރަށަކަށް ބޭނުންވާ ވަރަށް ކަރަންޓް ލިބޭތީ ކުރިން އޮތް ހާލަތަށް އެނބުރި ދާކަށް ނޫނެވެ. ފަސޭހައިން ރަށްރަށަށް އަރާފައިބާ އަގުހެޔޮ އަވަސް ދަތުރު ފަތުރުން ރަށްތައް ގުޅުވާލާތީ އެކަން ބޮޑުވެގެން ބޮޑު އަގުގައި އުޅަނދު ފަހަރު ކުއްޔަށް ހިފައިގެން އެއްރަށުން އަނެއް ރަށަށް ދާން ބޭނުން ވެގެނެއް ނޫނެވެ. ނަރުދާމާއައި ބޯފެނުގެ ޒަމާނީ ނިޒާމު ގާއިމު ކުރާތީ އެގޮތް ކަމު ނުގޮސްގެން ނަޖިސްފެނުން ފެންވަރާ އެފެން ބޯން ބޭނުން ވެގެނެއް ވެސް ނޫނެވެ.
ހަރާން ހުކުމާއި ހުސްގޮނޑީ ޖާދުލުގައި އިންޑިއާ އައުޓްކޮށް ކަނޑުހޯދަން ނިކުމެގެން ފޯޅަވަހީ އަސްދަނޑީގައި ވެސް ލައްވާނުލި ދިވެހީންގެ ރާއްޖޭގެ ދޮގުތަކުރުފާނު ވެރިކަމުގައި ދިވެހިރާއްޖެ ދަވާލައިފިއެވެ. ނާށިފުލުން ކަހާލާނެ އުނޑެލިކޮޅެއް ނެތް ހިސާބަށް ދައުލަތް ދަވާލައިގެން ދިވެހި ރައްޔިތުން މަގުމަތިވާކަށް މާކަ ގިނަ ދުވަހެއް ދެންނެތެވެ.
ވޭޕް ހުއްޓުވާ ސިނގިރެޓް ރަނަށް ހަދާ އާބާދީގެ %70 ކޮށިއަރުވާލުމަށް ފަހު ޖީބު ފުރާލައިގެން ފިލާ ރައްކާވާން ތަންމަތި ބޮނޑި ބަންނަކަން ހިލަންވާއިރު ޖެހުންތާ ލަކުނުވެސް ނުހުންނާނެއެވެ. ގޯތިބެޔާއި ހަސީންނައްތަށް ދިޔަމަގުން ދޮގުތަކުރުފާނު ނުދާނެ ގޮތަކީ ނެތް ގޮތެކެވެ.