އައްޑޫ މަސްވެރިންގެ ބޭނުމެއް ސަރުކާރަކަށް މިވަގުތު ނެތް!
ކަނޑު ކަހާލައިގެން ފައިސާ ހޯދުމަކީ މުއިއްޒު ސަރުކާރުގެ އަމާޒު
މަސްވެރިން ކިތަންމެ ދުވަހެއް ވަންދެން މުޒާހަރާ ކުރިޔަސް މުއިއްޒު ސަރުކާރަށް ކަހަރުވަކެކޭވެސް ހީނުވާނެއެވެ. މިހާރަކު މުއިއްޒަކަށް ރައްޔިތުންނަކީ މާ މުހިންމު ބައެއް ނޫނެވެ. އަމްދުން އައްޑޫ ރައްޔިތުންގެ މާބޮޑު ބޭނުމެއް މިވަގުތު ސަރުކާރަކަށް ނެތެވެ.
އައްޑޫ މަސްވެރިން މުޒާހަރާ ކުރާތީ ކަން ބޮޑުވާނީ ކުރިމަތީގައި އިންތިހާބެއް އޮތްނަމަތާއެވެ. މިދުވަސްވަރަކު އައްޑުއަށް ނިސްބަތްވާ ބައި އިލެކްޝަން ގަނޑެއްވެސް އޮތީއެއް ނޫނެވެ.
އިރެއްގައި މަސްވެރިންނަކީ މުހިންމު ބަޔަކަށް ވެގެން އުޅުނަސް މިހާރަކު ސަރުކާރަކަށް މަސްވެރިންނަކީ އެއްވެސް ބައެއް ނޫނެވެ. މަސްވެރިން ބާނާ މަހުން ރާއްޖޭގެ އިގްތިސާދަށް އާރޯ ކަމެއް ގެންނާކަށް މުއިއްޒު ސަރުކާރަކުން ނޫޅެއެވެ. ކަންޑުން ނަފާ ހޯދަން މުއިއްޒު ސަރުކާރުން އުޅެނިއްޔަކީ ދިވެހި މަސްވެރިން ލައްވާ މަސްވެރިކަން ކުރުވައިގެނެއް ނޫނެވެ.
ދޮށީގައި ބާނައިގެން މަސްވެރިން ކިރާ މަސްކޮޅު ވިއްކައިގެން ލިބޭ ފައިސާއަށް ވުރެ މާގިނަ ފައިސާ މަސްކަނޑުގައި ލޭނާއި ދައު އަޅައިގެން ހޯދެން އެބައޮތެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި މިފްކޯ އޮއްވާ މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ މިފްކޯ އެސްޓީއޯގެ ދަށުންނެރުނީ އޮޅެގެނެއް ނޫނެވެ. މަސްނުގަނެވޭ ކަމާއި ބޮޑު ގެއްލުމާއި ދަރަނީގައި އޮތްކަން އެނގިހުރެ މިފްކޯ މުސްތަގިއްލު ކުރީ ބޭނުމެއް ނެތިއެއް ނޫނެވެ.
ކަނޑުތައް ހުޅުވާލައިގެން ކަނޑު ކަހާލައިގެން ފައިސާ ހޯދުމަކީ މުއިއްޒު ސަރުކާރުގެ އަމާޒެވެ. އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް)ގައި ދޮށީގެ މަސްވެރިކަން ކުރުވާކަށް ފެށުނީއްސުރެ މިސަރުކާރުގެ ވިސްނުމެއްނެތެވެ. ހަމައެކަނި ފިޝަރީޒް މިނިސްޓްރީގެ ނަމަށް ބަލައިލުމުންވެސް އެކަން ސާފުވާނެއެވެ.
ކަނޑުމަހެއް ބޮޑު ކަންނެއްޔެއް ކިޔާނަކަމެއް ނެތެވެ. ސަރުކާރުން މަސްވެރިންގެ އަތުން މަސްގަތުމެއް ނުއޮންނާނެއެވެ. މަސްވެރިންގެ އަތުން މަސްގަނެވޭ ވަރަށް މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ކަމަކަށް ނުހަދާނެއެވެ. މާގިނަ ދުވަހެއްނުވެ ބަޔަކަށް މިފްކޯގެ މެޖޯރިޓީ ހިއްސާ ވިއްކާލާ މިފްކޯއަކީ ލޭނާއި ދާއެޅުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށް ބަދަލުކޮށްލާނެއެވެ. އަނެއްކޮޅުން ވިލާ ފިޝަރީޒްއާއި އެންސިސް ކުންފުންޏަށް ކަނޑުކަހަން ފުރުސަތު ހުޅުވާލާނެއެވެ. ހަމައެހެންމެ ޗައިނާއާއި ޖަޕާނު ފަދަ ގައުމުތަކުގެ މަސްބޯޓު ފަހަރަށް ރާއްޖޭގެ ކަނޑުތައް ހުޅުވާލާނީއެވެ.
އޭރަކުން ދިވެހި އާއްމު މަސްވެރިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ކިރިމަހަށް މަހަށް ފައިސާ ނުދީގެން އުޅޭކަން ނުޖެހޭނެއެވެ. ފަައިސާ ދޭން ޖެހޭނީ މަސްކިރާނަމަތާއެވެ. ދިވެހި އާއްމު މަސްވެރިން މަސްވެރިކަން ކުރަންޖެހޭނީ ލައިގެން ކާއެއްޗެއް ހޯދުމަށް އެކަންޏެވެ. ރާއްޖޭގެ އިގްތިސާދުގައި މަސްވެރިންނަކީ އެއްވެސް ބަޔަކަށް ނުވާނެއެވެ. މަސްވެރިން މުޒާހަރާކޮށް ހަންކެނޑޭނީއެވެ. ސަރުކާރަށް ޑަރުވެސް ހީނުވާނެއެވެ.