ފައިސާ ދެންޏާ އެލްޖީބީޓީ ވެސް މުއިއްޒަށް އޯކޭ!

ސަމާއޯ އެގްރިމްންޓް ބަލައިގަތުމަކީ އެލްޖީބީޓީ ބަލައިގަތުން

ފައިސާ ދެންޏާ އެލްޖީބީޓީ ވެސް މުއިއްޒަށް އޯކޭ!

އިންސާނީ ހައްގުގެ ނަމުގައި އަސާސީ ގޮތުން ތަފާތުކުރުމާ މުޅި ދުނިޔެ ދެކޮޅު ހަދައެވެ. ހުރިހާ ކަމެއްގައި ހަމަހަމަ ގޮތެއްގައި އަމަލުކުރަން ޖެހެއެވެ. އެގޮތުން ލެސްބިއަން، ގޭ، ބައިސެކްޝަލް އަދި ޓްރާންސްޖެންޑަރ (އެލްޖީބީޓީ+) މީހުންގެ ހައްގުތަކާއި މިނިވަންކަން ދަމަހައްޓަން ފުޅާދާއިރާއެއްގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެއެވެ. 

އިންސާނީ ހައްގެއްގެގޮތުގައި އެލްޖީބީޓީ+ ކުރިއަރުވާ ގައުމުތައް ދުނިޔޭގައި އަންނަނީ ގިނަވަމުންނެވެ. ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިހުތިސާސްގެ ތެރޭގައި އެލްޖީބީޓީ+ އިންސާނީ ހައްގެއްގެ ގޮތުގައި ހިމަނައިގެން ބޮޑެތި ގައުމުތަކުން އެލްޖީބީޓީ+ ކުރިއެރުވުމަށް ރޭވުންތެރިކަމާއެކު މަސައްކަތް އެބަކުރެއެވެ. ފައިސާގެ ބޭނުންޖެހިފައިވާ ގައުމުތަކަށް ފައިސާ ދީގެން އެލްޖީބީޓީ+ ހައްގެއްގެ ގޮތުގައި ހީލަތްތެރި ކަމާއެކު ޕްރަމޯޓް އެބަކުރެއެވެ. 

ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ގިނަ ހިސާބުތަކުގައި އެލްޖީބީޓީ+ މީހުންނާއި އެމީހުންގެ ހައްގުތަކަކީ މުޖުތަމައުގެ ވިސްނުމާއި ސިޔާސީ ގޮތުން ބަލައިގަންނަ ކަމަކަށް ވަނީ ހަދަފައެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައި އެލްޖީބީޓީ+ މީހުންނަށް ފުރިހަމަ ހަމަހަމަކަމާއި މިނިވަންކަން ލިބިގެން ދިޔުމަށް އޮތް މަގު އަދިވެސް ވަރަށް ދިގެވެ.

ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހުރިހާ ދައުލަތްތަކުން އެލްޖީބީޓީ+ ބަލައިގަނެ އަސާސީ ހައްގެއްގެ ގޮތުގައި ކަށަވަރު ކުރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އިގިރޭސި ވިލާތުންނެވެ. މުޅި ދުނިޔޭގައި އެލްޖީބީޓީ+ މީހުންނަށް މަދަނީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށް ބައިނަލް އަގުވާމީ ޖަމާއަތްތައް މެދުވެރިކޮށް ކެނޑިނޭޅި ސަރުކާތަކަށް ސިދާ ގޮތުންނާއި ނުސީދާގޮތުން ޔޫރަޕާއި އިނގިރޭސީން ފައިސާ އޮއްސަމުންދެއެވެ. 

އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ 67 ގައުމު ދުނިޔޭގައި އަދި އެބައޮތެވެ. އޭގެތެރެއިން 32 ގައުމަކީ ކޮމަންވެލްތު ގައުމުތައް ކަމުން ކޮމަންވެލްތު ގައުމުތަކުގައި އެލްޖީބީޓީ+ ޕްރަމޯޓް ކުރަން އިގިރޭސިވިލާތް އިސްވެ އޮވެ ގިނަގުނަ މަސައްކަތް ކުރަމުން ދެއެވެ. 

ސަމާއޯ އެގްރިމެންޓްގައި ކޮމަންވެލްތުގެ ގިނަ ގައުމުތަކެއް ހިމެނެއެވެ. ސަމާއޯ އެގްރިމަންޓްގައި ހިމެނޭ ވަރަށް ގިނަ ގައުމަކީ ގިނަ އަދަދަކަށް ބޭރުގެ އެހީއާއި ފައިސާގެ ބޭނުން ޖެހެފައިވާ ގައުމުތަކެވެ. އެހީތެރިކަން ބޭނުންވެފައިވާ ގައުމުތަކަށް އަމާޒުކޮށް ވަކިވަކި ފޯކަސް ގްރޫޕްތައް ހަދައިގެން އިގިރޭސިވިލާތާއި އީޔޫ އިސްވެ އޮވެ އެހީވެދީގެން ކުރާކަމަކީ އިންސާނީ ހައްގުގެ ނަމުގައި އެލްޖީބީޓީ+ ޕްރަމޯޓް ކުރުމެވެ.

ސަމާއޯ އެގްރީމެންޓްގެ މައިގަނޑު ބޭނުމުގެ ތެރޭގައި ހިމެނޭ ހިއުމަން ރައިޓްސްއާއި ޑިމޮކްރަސީ ކުރިއެރުވުމުގެތެރެއިން ވެސް އަމާޒު ހިފާފައިވަނީ އެލްޖީބީޓީ+ ކުރިއެރުވުމަށް ސިދާ ގޮތުންނާއި ނުސީދާ ގޮތުން ފައިސާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ސަމާއޯ އެގްރިމަންޓްގައި ގިނަ ގައުމުތަކަށް އެންމެ ގިނައިން ފައިސާ ލިބެނީ އެލްޖީބީޓީ+ ކުރިއެރުވުމަށެވެ. 

ފައިސާގެ ދަހިވެތިކަމުގައި މުއިއްޒު އެ އުޅެނީ ރާއްޖެއިން ސަމާއޯ އެގްރިމަންޓް ބަލައިގަންނާށެވެ. އެލްޖީބީޓީ+ މަޅިއަށް ރަނގަޅަށް ބޯ މަހާލާށެވެ. ރާއްޖޭން ސަމާއޯ އެގްރިމަންޓް ބަލައިގަތުމާއެކު އެންމެ ފުރަތަމަ ވެސް އެންމެ ބޮޑު ފައިސާއެއް ލިބޭނީ ހިއުމަން ރައިޓްސް ކުރިއެރުވުމުގެ ނަމުގައި އެލްޖީބީޓީ+ ކުރިއެރުވުމަށެވެ.

ނަތީޖާއެއްގެ ގޮތުން ޑިމޮކްރަސީއާއި އިންސާނީ ހައްގު ތެރެއިން ގާނޫނަށް ގެނެވޭ ބަދަލުތަކާއެކު އާހިރުގައި އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެއްގޮތުގައި އޮންނަ އޮތުން ދާނީ ބަދަލުވެގެންނެވެ. އާއްމު ތަންތަންތާ އޮންލައިން ކޮށް ޖުވާކުޅެން މަޖިލިސް މެންބަރުން ތިބޭ ގައުމެއްގައި އެލްޖީބީޓީ+ ހުއްދަކުރަންވެސް ފަހަކަށް ނުދާނެއެވެ. ފައިސާ ލިބެނިކޮށް ނިމުނީއެވެ. 

އިގިރޭސިވިލާތާއި ޔޫރަޕްގެ މައިގަނޑު އެންމެ ބޮޑު އަމާޒަކީ ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން 32 ގައުމެއްގައި އެއް ޖިންސުން ގުޅުން ހިންގުމަކީ ކުށެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރުމެވެ. އެލްޖީބީޓީ+ އަކީ ހައްގެއްގޮތުގައި މުޖުތަމައު ގަބޫލުކުރުވުމެވެ. ސާމާއޯ އެގްރިމެންޓްގައި ބައިވެރިވެގެން މުއިއްޒު ރާއްޖެއަށް އެ ހޯދާދެނީ އެލްޖީބީޓީ+ ގެ ތަޅުދަނޑިއެވެ.