ކާނަލް ނާޒިމަށް: ޗާގޯހުގެ ކުރިން ހޯދަން ޖެހެނީ މަލިކު!

ގަދަކަމުން ބިންތައް އިސްތިއުމާރު ކުރެވޭ ވަރުގެ ބާރަކަށް ރާއްޖެ ވީތަ!

ކާނަލް ނާޒިމަށް: ޗާގޯހުގެ ކުރިން ހޯދަން ޖެހެނީ މަލިކު!

ޗާގޯހަކީ ރާއްޖޭގެ ބައެއް ކަމަށް ވެގެން ތިމަންގެ ވެރިކަމެއްގައި  ޗާގޯސް އަތުލާނެ ކަމަށް ބުނެ ގަދަބަސް ބުނާ މީހުން އެބަފެނެއެވެ. ގަދަކަމުން ދުނިޔޭގެ ބިންތައް އިސްތިއުމާރު ކުރެވޭ ވަރުގެ އަސްކަރީ ބާރަކަށް ރާއްޖެ ވީކޮން އިރަކު ހެއްޔެވެ. އެވަރުގެ ކެރިފޯރުންތެރި ކަމެއް ރާއްޖެއަށް ލިބުނީ ކޮންގޮތަކުން ހެއްޔެވެ. ރާއްޖޭގެ ބައެއްކަމުގައި ޗާގޯސް އޮވެ ރާއްޖޭން ޗާގޯސް ގެއްލުނީ ކޮން އިރަކު ހެއްޔެވެ.

ޗާގޯހަކީ ރާއްޖޭގެ ބައެއްގޮތުގައި އެއްވެސް ޒަމާނެއްގައި އޮތްކަން ދަލީލުކޮށްދޭ އޮތީ ކޮން ހެއްކެއް ހެއްޔެވެ. ކިތަންމެ ކައިރީގައި އޮތަސް އެއްވައްތަރު ކޮންމެ އެއްޗަކީ އަމިއްލަ އެއްޗެއް ނޫނެވެ. އުފެދުމުގައި އެއް އައްޓެއްގައި އޮތުމަކީ މިލްކުވެރިވާ ކަމެއް ނަމަ ލަކުޑިދީބާއި މަލިކާއި މަހަލްދީބާއި ފޯޅަވައްސަކީ އެއްތަނެކެވެ. ސިފަޔާއި އުފެދި ހެދި ބޮޑުވުމުގެ ވައްޓަފަޅިއާއި އެއްގޮތްކަމަށް ބަލާއިރު މޮރިޝަސްއާއި ޝީސެލްސްއަކީވެސް ރާއްޖެއާ އެކައްޗެކެވެ. އެހުރިހާ ތަނަކީވެސް ރާއްޖެ ކަމަށް ބަލައިގެން ހޯދަން އުޅެމާ ހިނގާށެވެ. ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ބަލަންޏާ ލެކެޑިވްސްއާއި މަލިކާއި މޮރިޝަސްއާއި ޝީސެލްވެސް ރާއްޖޭގެ ބައެއްކަމަށް ނުބަލަންވީ ސަބަބެއް ނެތެވެ. 

ހަމަ ތެދެކެވެ. ސަރަހައްދީ އިމުގެ މައްސަލާގައި ތޮޅެ ޝަހީދުވާން ރާއްޖެއަކީ ޕާކިސްތާނެއް އިންޑިއާއެއް ނޫނެވެ. ރަޝިޔާއެއް ޔުކްރޭނެއް ނޫނެވެ. އިޒްރޭލެއް ފަލަސްތީނެއްް ވެސް ނޫނެވެ. އެތަން ތަނުގާ ހަނގުރާމަ ކޮށް ޝަހީދު އެވަނީ އެއިން ކޮންމެ ތަނެއްގައި ފާޅުކަން ބޮޑު ތާރީހީ ހަގީގަތްތަކެއް އޮވެގެނެވެ. އެހެނެއް ކަމަކު ދެކޮޅުވެރިކަމުން ހާސިލް ކުރެވޭ އެއްޗެއް އެއްވެސް ބަޔަކަށް ނެތެވެ. އެގޮތަށް ޗާގޯސްއާ ހެދި އުޅެގެން ރާއްޖެއަށް އޮތީ ވާނެ ކޮން މޮޅެއް ހެއްޔެވެ. ވާނެ މޮޅުތަކެއް އޮވެ އެމޮޅު ހޯދަން ވެދިޔަ ދިގު މާޒީގައި ނޫޅެ ތިބީ ކީއްވެހެއްޔެވެ. 

ބަޔަކު މަތިހަށި ނަގާފައި އުޅޭ ގޮތުން ރައްޖޭން ބައެއް ގެއްލިގެން ހަމަ ނިދި ނުނިދިގެން އުޅޭ ކަހަލައެވެ. ޗާގޯހަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެ އުފައްދަމުން ދަނީ އަމަށަކު ފިތުނަ އެއް ނޫނެވެ. ޗާގޯހުގެ ސިޔާދަތީ ބާރު ޒަމާނުއްސުރެ ރާއްޖެއަށް އޮވެ މި ސަރުކާރުން އެބާރު ދޫކޮށް ލައިގެން އުޅޭ ކަހަލައެވެ. 

ޒަމާނުއްސުރެ ރާއްޖޭގައި އުޅެނީ ދިވެހިންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. ޗަގޯސްގައި ދިވެހި ބަހުން ވާހަކަ ދައްކާ އުޅުނު އެއްވެސް ޒަމާނެއް ދިޔަކަމެއް ދުނިޔޭގެ ތާރީހު ނުދެކެއެވެ. ފެންނަން އޮތް ހަގީގަތަކީ  ރާއްޖެ ފިޔަވާ ދިވެހި ބަހުން ވާހަކަ ދައްކާ ހަމަ އެކަނި ތަނަކީ މަލިކެވެ. މަލިކު ރާއްޖެއާ މާ ކައިރިއެވެ. ހިތްވަރު ހުރިއްޔާ ޗާގޯސް ހޯދުމުގެ ކުރިން ރާއްޖެއަށް ހޯދަންވީ މަލިކެވެ.