ނޭނގޭ ކަންކަން ކުރަން ނޫޅެ ގެއަށް ކަނޑާލާ!

ރަޖިސްޓްރީ އާބާދީއަށް ބަލައިގެން އަސާސީ ޚިދުމަތެއް ނުދެވޭނެ

ނޭނގޭ ކަންކަން ކުރަން ނޫޅެ ގެއަށް ކަނޑާލާ!

ކަމެއް ރަނގަޅަށް ކުރަން ނޭނގުމަކީ ކުރިން ކަމެއް ކޮށްފައިވާ ގޮތް ގޯސްކުރަން ޖެހޭ ސަބަބެއް ނޫނެވެ. ނޫމަރާގަނޑުވަރު މަނިއްޕުޅަކަށް ރަށްރަށުގައި ކަންކަން ކުރަންވާގޮތެއް ނޭނގޭނެއެވެ. 

ފައިންޕުޅު ދުށުމަށް ރަށްރަށު ކަތީބުން މުދިމުން ދިޔުމުން ތިރިގޮނޑީގައި ބައިންދައިގެން ބަސްފުޅު ވިދާޅުވާން އާދަވެފައިވާ މާލޭ ބޭފުޅުންނަށް ވަނީ ތިޔަވަރެވެ. ރަށެއްގައި ރަނގަޅު ފެންވަރުގެ އިންޖީނުގެއެއް ފެންގެއެއް ހުރުމަކީ އެކަށީގެންވާ ކަމަކަށް ނުވާނެއެވެ.  

ރަށެއްގައި އަޅާ އިންޖިނުގެއަކާއި އެތާނގައި ބަހައްޓާ އިންޖީނު ތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑެތި ތަންތަނާ ތަކެތިކަމަށް ވަޒީރަށް ފެނުނީމާ ހައިރާނެއް ނުވެއެވެ. ރަށެއްގެ ރަޖިސްޓްރީ އާބާދީއަށް ބަލައިގެން ހިސާބުޖަހާ ވަޒީރުންނަށް ރަށްރަށުގެ އިންޖީނުގެތަކާގެ އިންޖީނުތައް ބޮޑެތިވެދާނެއެވެ. 

ވ. ތިނަދޫގެ އާބާދީއަށް ބަލައިގެން އެ ރަށަށް ކަރަންޓް ދެންޏާ ފަސް ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓަކުން އެ ރަށަށް ފުދޭނެއެވެ. އެ ރަށުގައި ހިނގާ ގެސްޓް ހައުސްތަކާއި އެ ރަށުގައި ހިނގާ އިގްތިސާދީ ހަރަކާތަށް ބަލައިފިނަމަ އާދައިގެ 5000މީހުންގެ އާބާދީގެ ރަށަކަށް ބޭނުންވާ ވަރަށްވުރެ އެ ރަށަށް ބޭނުންވާ ކަރަންޓްގެ ނިސްބަތް ބޮޑުވާނެއެވެ. 

ބ. އަތޮޅު ފުޅަދޫ، ފެހެންދޫން ވެސް ފެންނަން އެ އޮތީ އެ ހަގީގަތެވެ. ރަގަނޅު ފެންވަރުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ދެންޏާ ސަރުކާރުން ކަންކުރަން ޖެހޭނީ އެ ގޮތަށެވެ. ފިޔަފާޅި ޖަހައިގެން ދަރު ބަދިގެއެއްގައި ރަށްރަށަށް އަސާސީ ހިދުމަތެއް ނުދެވޭނެ އެވެ. 

އެކަށީގެންވާ ވަރަށްވުރެ ބޮޑަށް 60 ޕްރޮޖެކްޓް ކުރީ ސަރުކާރުން ހިންގާފައި އެބަހުއްޓޭ ކިޔައިގެން ތިޔަ އުޅެނީ ކަމެއް ރަނގަޅަށް ކުރާނެގޮތް ނޭނގިގެންނެވެ. ވާނެއޭ ކިޔައިގެން ނޭނގޭ ކަންކަން ކުރަންނޫޅެ އެނގޭ ބަޔަކާ ހަވާލުކޮށްފާ އަވަހަށް ގެއަށް ކަނޑާލާށެވެ.