ރައްޔިތުން ތިބެންޖެހޭނީ ކުންފުންޏެއްގެ ދަަށުގައެއް ނޫން: އާޒިމް
އެމްޑީޕީގެ ފަހުރުވެރި މެންބަރެއް ގަވާއިދާ ހިލާފަކަށް ކަންތައްތަކެއް ނުކުރާނެ ކަމަށް މާލެސިޓީ މޭޔަރ އާދަމް އާޒިމް ވިދާވެއްޖެއެވެ. ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމު ވިދާޅުވީ " ރައްޔިތުން އަޅުގަނޑުމެން ހޮވީ ގަވާއިދާ އެއްގޮތަށް ކަންކަން ކުރަން" ކަމަށެވެ.
މޭޔަރ އާޒިމް ވިދާޅުވާ ގޮތުގައި 15 އަހަރުތެރޭ ނުކުރެވި ހުރި ގިނަ ކަންތައްތަކެއް މި 2 އަހަރުތެރޭގައި އާޒިމު ކުރައްވައިފިއެވެ. އަނެއްކޮޅުން އާޒިމް ޑޯޓްޑޯ ޖައްސަވަނީ އިންތިހާބު ކައިރި ވީމާ އެކަނި ނޫން ކަމަށް ވިދާޅުވަމުން އާޒިމު ވިދާޅުވީ ފާއިތުވި 2 އަހަރު ކޮންމެ ދުވަހަކު ރައްޔިތުން ކައިރިއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވި ކަމަށެވެ.
އެގޮތުން މޭޔަރ ޑޯޓްޑޯއަށް މާލޭގެ ސަރަހައްދުތަކަށް މެދުނުކެނޑި ކޮންމެ ދުވަހަކު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައް ވަމުން އެބަ ގެންދަވައެވެ. އެގޮތުން ހުޅުމާލެ އުތުރަށް ވަޑައިގެން ވިނަރެސް ފްލެޓް ތަކުގައި ދިރިއުޅޭ ގިނަބަޔަކާ ވަނީ ބައްދަލު ކުރައްވާފައެވެ. ވިނަރެސް ޕްލެޓްތަކަކީ ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުންދަާ ތަނެއް ނަމަވެސް އަސާސީ ގިނަ ކަންތައްތައް ވަނީ ހަމަނުޖެހި ކަމަށް މޭޔަރ އާޒިމް ވިދާޅުވެއެވެ.
ވިނަރެސްގައި ހައްލު ކުރަން ޖެހޭ ގިނަ މައްސަލަތައް އެބަހުރި ކަމަށާއި ރައްޔިތުން ބޭނުންވަނީ ހުޅުމާލޭގެ މުނިސިޕަލް އަދި ރައްޔިތުންނާއި ގުޅުން ހުރި އަސާސީ ކަންތައްތައް ސިޓީ ކައުންސިލުން ކުރަން ކަމަށް ސިޓީ މޭޔަރ ވިދާޅުވިއެވެ. ސަރުކާރުން އެކަން ކުރަން ރައްޔިތުންވެސް ބޭނުން ނުވާ ކަމަށާއި ގާނޫނީ ގޮތުން ރައްޔިތުން ތިބެންޖެހޭނީ ކައުންސިލެއްގެ ދަަށުގައި ކަމަށާއި ކުންފުންޏެއްގެ ދަށުގައެއް ނޫން ކަމަށް މޭޔަރ އާޒިމު ވިދާޅުވިއެވެ.
މޭޔަރ އާޒިމު ވިދާޅުވާ ގޮތުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ދަނީ މާލެ ސިޓީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން ބިންވަޅު ނެގިފައި އޮތް ގޯސް ތަސައްވުރު ބަދަލުކޮށް މާލެ ސިޓީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ރަނގަޅު ތަސައްވުރެއްގެ ބިންގާއެޅުމަށް ކަމަށް އާޒިމު ވިދާޅުވެއެވެ.
ނަހަމަ ނުފޫޒާއި ކޮރޮޕްޝަނުގެ ހާއްޔަކަށް ވެފައި އޮތް މާލެ ސިޓީ ކައުންސިލާމެދު މީހުންގެ ހިތުގައި އޮތް ގޯސް ތަސައްވުރު ބަދަލުވަމުންދާކަން ރައްޔިތުންގެ ފަރާތުން އެނގެމުންދާތީ ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވަމުން ޑޯޓްޑޯގައި ރައްޔިތުން ދެއްވާ ތަރުހީބަށް މޭޔަރ ފަށްފަށުން ޝުކުރު އަދާކުރައްވައެވެ.




