ނޫސްވެރިކަމަކީ ޖަވާބުދާރީކުރުވުމުގެ އެންމެ މުހިންމު އަސާސް: އާޒިމް
ނޫސްވެރިކަމުގެ މިނިވަންކަމަކީ ޖަވާބުދާރީކުރުވުމުގެ އެންމެ މުހިންމު އަސާސް ކަމަށް މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލޭ މޭޔަރ ވިދާޅުވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ކުރާ ކަންކަން ހުއްޓާލަންޖެހޭ ކަމަށެވެ.
ޖަވާބުދާރީކުރުވުމުގެ ނިޒާމު ހަރުދަނާވަނީ މިނިވަން ނޫސްވެރިކަމެއް އޮވެގެން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ "އަދަދު" ނޫހުން ޝާއިއުކުރި ކާޓޫނެއް ނެގުމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގުމާ ގުޅިގެން އެކސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ އާޒިމް ވިދާޅުވި ގޮތުގައި ދައުލަތުގެ ނިޒާމުގެ ތެރޭގައި "ޗެކް އެންޑް ބެލެންސް" ނުވަތަ އެކަކު އަނެކަކު ފާރަވެރިވެ ޖަވާބުދާރީކުރުވޭނެ މަގެއް ނެތް ނަމަ، ގޯސް އާދަތައް އާންމުވެ، މުޅި ނިޒާމު ފަސާދަވެގެން ހިނގައިދާނެއެވެ.
އަދަދު ނޫހުގައި ޝާއިއުކޮށްގެން އުޅޭ ކާޓޫނެއްގެ މައްސަލަ މާ ބޮޑުކޮށްލައިގެން އުޅެނީ އެ ކާޓޫނަކީ އިސްލާމުދީނަށް ފުރައްސާރަ ކުރާ ކާޓޫނެއް ކަމުގައި ސަރުކާރަށް ތާއީދުކުރާ ބަޔަކު ދެކިގެންނެވެ.
އަދަދު ނޫހަކީ ސަރުކާރުގެ ޖަވާބުދާރީ ކުރުވުމުގައި ދޯހަޅި ސިޔާސަތުތަކަށް އަމާޒުކޮށް ހަބަރާ މައުލޫމާތު ވަރަށް ގިނައިން ގެނެސްދޭ ނޫހެކެވެ. އެހެން ކަމުން އަދަދު ނޫހާމެދު ފިޔަޅުއަޅާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅުވަން ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ނިންމުމާމެދު ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތަކާއި ސިޔާސީ ވާދަވެރިން އަންނަނީ ފާޑުކިޔަމުންނެވެ. ހީލަތްތެރި ކަމާއެކު ރޭވިގެން ނޫސްވެރިކަމަށް ހުރަސްއެޅުން ސަރުކާރުން ހުއްޓާލަންޖެހެއެވެ.




