ބަދަލުވަމުންދާ މާހައުލާ އެއްގޮތަށް ސިފައިންވެސް ބަދަލުވާންޖެހޭ

ކަމާކަންފަށަށް އެކަމަށް ހުސްވެގެން ޓެރެރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބަޔަކު އުޅޭ!

ބަދަލުވަމުންދާ މާހައުލާ އެއްގޮތަށް ސިފައިންވެސް ބަދަލުވާންޖެހޭ

ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިންވެސް ބަދަލުވަމުން ދާންޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީ ވިދާޅު ވެއްޖެއެވެ. މައުލޫމާތުގެ މި ޒަމާނުގައި މައުލޫމާތު ހޯދާ، އެއްކޮށް، ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަން ގާއިމްކުރުމަކީ ގައުމުގެ ބަދަލުވަމުންމިދާ ހާލަތުގައި ވަރަށް މުހިންމުކަމެކެވެ.

ނޭއްގާނީ ވިސްނުމުގެ މީހުން އެ މީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބާރ ނުވަތަ އިންފޮމޭޝަން ޑޮމެއިންގައެވެ. ޓެކްނޮލޮޖީ އާއި މީސްމީޑިއާއަށް އައިސްފައިވާ އިންގިލާބީ ބަދަލުތަކުގެ ސަބަބުން ޓެރެރިޒަމްގެ ހަރަކާތްތައް ހިންގުމަށް ލިބޭ ފުރުސަތު އެ ވިސްނުމުގައި އުޅޭ ފަރާތްތަކަށް އިތުރުވެއެވެ. ކަމާކަންފަށަށް އެކަމަށް ހުސްވެގެން ޓެރެރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި އަބަދާ އަބަދު ބަޔަކު އުޅޭކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވެއެވެ.

އާއްމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑްތަކުގެ ސަރަހައްދުތަކުގެ ތެރޭގައި ހިނގާ އެ ފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަން ކުރުމަކީ މިއަދު ވަރަށް ބޮޑަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ގާބިލްކަން ސިފައިންގެ އޭރިއާ ކޮމާންޑް ތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަ ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރ ދެކިވަޑައި ގަންނަވައެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ޓުއަރިޒަމަށް ބަރޯސާ ވެފައިވާ، ނާޒުކު އިގްތިސާދެއް އޮތް ކުޑަ ގައުމެއްގައި، ޓެރެރިޒަމްގެ ހާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަކަށް ކަމަށެވެ.