މައުމޫނު ހަލާކޮށްނުލާ އެކަކުވެސް ގައުމުގާ ނެތް!
ގައްސާނަށް: އިސްލާމްދީނަށް ފުރައްސާރަކުރާ ވާހަކަ މައުމޫނުގެ ލޭހިނގާ މީހަކު ވެސް ނުދައްކާ!
އިސްލާމްދީން ހިމާޔަތް ކުރަންޖެހޭ ވާހަކައާއި އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރާ ވާހަކަ މައުމޫނާއި މައުމޫނުގެ ލޭ ހިނގާ މީހަކުވެސް ދައްކާކަށް ތާހިރެއް ނޫނެވެ. ހިތުހުރި ގޮތެއް ގައުމަށް ހަދަން ތިރީސް އަހަރުލިބި ދަންނަ ކަމުގެ ފަގުޑި އަޅައިގެން ގައުމު ހަލާކޮށްލީ މައުމޫނާއި މައުމޫނުގެ އާއިލާއެވެ. މިއަދު ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ތައުހީނުކުރަނީ މައުމޫނު ތަރުބިއްޔަތުކޮށް މުޖުތަމައަށް ނެރުނު މީހުންނެވެ.
ދީން ބަދަލުކޮށް ޖިންސް ބަދަލުކޮށް މީހުން މަގުފުރައްދަމުން ސޯޝަލް މީޑިއާއި ހުޅުވިފައިވާ މުއާސަލާތީ ވަސީލަތް ތަކުގައި ކެމްޕެއިންތައް ހިންގަން ގިނައިން އުޅެނީ ކޮންބައެެއްތޯ ނިކަން ރަނގަޅަށް ބަލާބަލާށެވެ. ހަމަގައިމު މައުމޫނުގެ ރިޔާސީ ގަނޑުވަރުން ކައިގެން ބޮޑެތިވީ ކުދިން މަދެއްނޫނެވެ. ދެން އުޅެނީ އެމީހުންގެ އެކުވެރިންނާއި އެކުވެރިންގެ އެކުވެރިންނެވެ.
ނަސޯރާ ދީނުގެ ފޮތަކީ ހުންނަ އެއްޗެއްކަން ދިވެހިންނަށް އެގުނީ 80ގެ އަހަރު ތަކުގައި ޑިޕޮލޮމެޓިކް ޕެކްގައި ޕެކް ކޮށްގެން ރިޔާސީ ގަޑުވަރަށް އެތެރެކޮށްގެން ބެހީމައެވެ. ސަލްމާނު ރުޝްދީގެ "ސެޓެނިކް ވަރސަސް" ހުރިހާ މުސްލިމު ގައުމަކުން ކޮންފިސްކޭޓް ކުރިއެވެ.
އެހެނެއް ކަމަކު މައުމޫނުގެ ފޮތް ހަރުގައި އެ ފޮތް ހުރެ ފޮޓޯކޮޕީ ނެގިގެން އެ ދުވަސްވަރު އަމިނިއްޔާގައި އުޅުނު ދަރިވަރުން ގެންގުޅުނެވެ. މީކީ ތޯތޯ ވާހަކައެއް ނޫނެވެ. މިއަދު ބަލި މީހެއްގެ ގޮތުގައި އޮތް "މަހުދީ އައިޝާ" އާއި އެ ނޫން އެތައް ކުދިންނެއް މަގުފުރެދިގެން ދިޔައީ އެހިސާބުންނޭ ބުންޏަސް ފާފައެއް ނުވާނެއެވެ. ޑޮކްޓަރުންނާއި ޓީޗަރުންނާއި ވޮލަންޓިއަރުންގެ ނަމުގައި ގައިރު ދީން ފަތުރާ އެތައް ބަޔަކު އެތެރެކޮށް އޭރުގެ ތޫނުފިލި ފުރާވަރުގެ ކިޔަވާ ކުދިން ހަލާކޮށްލީ ނޭނގިއެއް ނޫނެވެ.
މުޅި ސްކޫލް ސިސްޓަމުގައި ލާދީނީ ބިންގާ އަޅުވައިގެން ލަވަޖަހާ ނައްޓުވާ ދެޖިންސް މަސްހުނިކޮށް މިއުޒިކާ ލަވައިގެ ތެރެއަށް ހުރިހާ ޒުވާނުން ވައްޓާލީ އެނގި ހުރެއެވެ. ސްކޫލު ކުދިންގެ ލަވަ މުބަރާތާއި ހަފްތާ ނިންމުމާ އަންހެން ފިރިހެން މަސްހުނި ވެގެން ކުރެވެން އޮތް ފާހިޝް ކަންކަމަށް ބާރުދޭ ހުރިހާ ކަންކަމެއް ނިޒާމީ ގޮތެއްގައި އައީ ކުރަމުން ކުރިއަރުވަމުންނެވެ.
އެކި ނަންނަމުގައި ސްޕާ ތައާރަފްކޮށް ހިންގަން ހުއްދަދީ ހަށިވިއްކުމުގެ ވިޔަފާރި ކުރަން އޮތީ ދޮރު ހުޅުވާ ދީފައެވެ. ގިނަ ދުވަހުން ފުޅާވެ ބޮޑުވާ ގޮތަށެވެ. އެއްޖިންސުން ގުޅުން ހިންގާ ކަމަށް މަސްހޫރު އާއިލީ ބޭބޭފުޅުންނާއި މާލޭގެ ގަދަރުވެރި ބޭބޭފުޅުންނަށް އިއްޒަތާއި މަގާމާއި ރައްކާތެރިކަން ދީގެން ފާހިޝް ކަންކަން ކުރުވަން ކަހާތަން ހިރުވާ ނުލާ ހުރީ ގަސްތުގައެވެ.
ހޭލުންތެރި ކުރުމުގެ ނަމުގައި ޑްރަގްގެ ވައްތަރު ތަކާއި ބޭނުން ކުރާނެ ގޮތާއި ފައިސާ ހޯދާނެ ގޮތް ސިލްސިލާކޮށް ކިޔާދީ ދުވަހަކު ލޯ ނުދެކޭ ޒުވާނުންނަށް އަޖުމަ ބަލައިލަން ޖައްސާ ޑްރަގްގެ އައްޑާއަކަށް ރާއްޖެ ހެދީ ވެރިކަން ދެމެހެއްޓުމަށް ކޮށްލި ގޮވާމެއް ގޮތުގައެވެ. ބޮޑީ ބިލްޑު ކުރުމުން އެއުރޯބިކުން ޔޯގާއާއި ހަމައަށް މީހުންގެ ހިތްތައް ލަންބުވާލީ ފިސާރި ހޭލާ ހުރެއެވެ. މިއަދު އެކަން ކަމަކީ ދިރިއުޅުމުގެ އެއް ބަޔަށް އެ އޮތީ ވެފައެވެ. ސިއްހަތާ ދިރިހުރުން އެ ކަންކަމާ ނުލާ ފުރިހަމަ ނުވާ ވަރަށް ސިނކުޑި ތަކަށް ވައްދާ ނިމިފައެވެ. ދެނެއް ހަލާލޭ ހަރާމޭ ގޮވާ ކޮންމެ ކަމެއް ސިޔާސީގޮތުން ޖަހާ ހުޅަކަށް ހެދިޔަސް ވާނެ ކަމެއް ނުއޮންނާނެއެވެ.
ތައުލީމީ މަންހަޖުގައި އިސްލާމު ދީން އޮންނަނީ ނަމަކަށެވެ. ތައުހީދެއް އަގީދާއެއް ކިޔަވައެއް ނުދެއެވެ. ގުރުއާން އެކުލަވާލާ ކިޔާކަށް ނޭނގެއެވެ. ގުރިއާނުގެ ތަރުޖަމާ އޮތީ ހުއްޖަތަކަށް ނުވާ ވަރަށް ކޮށްފައެވެ. ހިނާ ތާހިރު ވާކަށް ނޭގެއެވެ. ސުންނަތެއް ފަރުލެއް ވަތްކެއް ނުވެއެވެ. ނަމާދާ ރޯދައަކީ ކުރާނެ އެހެން ކަމެއް ނެތިއްޔާ ކޮށްލަން އޮންނަ ކަންކަމެވެ. ފިތުރު ޒަކާތް ނޫން ޒަކާތެއް ނޯވެއެވެ. މޮޅު ސްކޫލު ސިސްޓަމުން ކުއްޖަކު ނިމިގެން ނިކުންނައިރު ކުދިންގެ ހާލަކީ މިއެވެ.
އަނެއް ކޮޅުން ރިބާއަކީ ދިރިއުޅުމުގެ އެއްބައެވެ. މުޅިދައުލަތް ރިބާއާއި ނުލާ ދެމި ނުއޮންނަ ވަރަށް ރިބާ ކެއުމާ ދިނުމާ ނެގުން އޮތީ މަޖުބޫރު ކުރުވާފައެވެ. އިސްލާމު ދީނަކީ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރޭ ނަމެއްގައި ލިޔެފައި އޮވެއެވެ. އިސްލާމީ ޝަރީއަތާއި ހިލާފު އެތައް ގާނޫނެއް ހަދާ ހިންގި އިރު ކަހަރު ވަކެކޭ ވެސް މައުމޫނު ހިތައް ނާރައެވެ. ވާނީ އެހެންތާއެވެ. މުޅި އިސްލާމު ދީނަކީ ތިމާ ކަމަށް ހެދިގެން ޝައިހުލްއިސްލާމު ކަމުގެ ފަގުޑި ބޮލުއަޅައިގެން އުޅެމުން ކަރުގައި އަޅާފައި އޮތީ ކްރިސްޓިއަނުންގެ އެންމެ މަތީ ސޮލީބީ ލަގަބު ގްރޭންޑް ކްރޮސްއެވެ.
ބަގަރާ ސޫރަތުގައި އަންގަވާފައި ވާފަދައިން ދުލުން ކިޔަނީ އިސްލާހުކުރާ ވާހަކައެވެ. އެހެނެއް ކަމަކު އެ މީހުންގެ ތެރޭގައި އެ މީހުންގެ މީހެކެވެ. އަހަރެމެންގެ މައްޗަށް އަމުރުކޮށް ފަތުވާ ދޭއިރު އަހަރެމެންގެ އިމާމުލްއަކުބަރެވެ.
މައުމޫނު އިސްލާމް ދީން ބޭނުންކުރިީ ވެރިކަމުގައި ގިނަ ދުވަހު ދެމިހުރުމަށް ސިޔާސީ އައްޑަނަ އަކަށެވެ. މިއަދު ގައުމަށް ޖެހިފައި މި އޮތީ މައުމޫނު 30 އަހަރުގެ މަސައްކަތުން ގައުމަށް ޖެއްސި ހާލެވެ. ފައި އިނދޭ ފުރައިން ފެށިގެން ރިޓަޔަރ ކުރާ އުމުރާ ހަމަޔަށް މައުމޫނު ހަލާކޮށްނުލާ މީހަކު ނެތެވެ. ސިޔާސަތު ކަނޑަ އަޅާކަށް، ސިޔާސަތެއް ތަންފީޒު ކުރާކަށް ވެސް މައުމޫނު ހަލާކޮށް ނުލާ ހުރި ހަމަ އެކަކު ނެތެވެ.
ވޭތުވެ ދިޔަ ހަތަރު އަހަރެކޭ އެހެން އެއްޗެކޭ ގައްސާނު ވެސް އެހެން މީހަކު ވެސް ކިޔާނެ ކަމެއް ނެތެވެ. އަދިވެސް ދިވެހިންނަށް ދެވުނު ކެހި ކުޑަވެ މާ ގައުމީ ވެގެން ދަރިއަކު ޕާޓީއަކަށް ފޮނުވައިގެން މުށުން ދޫވި ގުމުރީ ހިފަން މަޅިފަތި ޖަހައިގެން މައުމޫނު އޮންނާނެ ކަމެއް ނެތެވެ.