ގައުމިއްޔަތުގެ ނަމުގައި ބައިބައިވުމަށް ޖާގަ ދެވިގެންނުވާނެ: ޝާހިދު

ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި އެންމެހާ އުހުތުންނާއި އަހުންނަށް އަރިސްކުރައްވާ

ގައުމިއްޔަތުގެ ނަމުގައި ބައިބައިވުމަށް ޖާގަ ދެވިގެންނުވާނެ: ޝާހިދު

ގައުމިއްޔަތުގެ ނަމުގައިވިޔަސް އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފައްދައި ފިތުނައާއި ނަފުރަތު ފެތުރުމަށް ޖާގަ ދެވިގެންނުވާނެކަމަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އޮނަރަބަލް ޝާހިދު އެހެން ވިދާޅުވީ ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އޮނަރަބަލް ޝާހިދު ވިދާޅުވި ގޮތުގައި އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފައްދައި، ފިތުނައާއި ނަފުރަތު ފެތުރުމަށް ޖާގަ ދެވިއްޖެނަމަ އެކަންވެގެންދާނީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައެވެ. 

ކުރީގެ ފޮރިން މިނިސްޓަރ އޮނަރަބަލް ޝާހިދު ވިދާޅުވީ ދިވެހި ގައުމިއްޔަތު ބިނާކުރެވިފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް ކަމަށެވެ. އަޅުގަނޑުމެންނަކީ އެއްދީނެއްގައި ތިބި، އެެއްބަހަކުން ވާހަކަދައްކާ، އެއްނަސްލެއްގެ އެއްބައެއް ކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ " މިއީ ދުނިޔޭގެ މަދުބަޔަކަށް ނޫނީ ލިބިފައިނުވާ މަތިވެރި ނަސީބެއް" ކަމަށެވެ. 

އެމްޑީޕީގެ ރައީސް ކުރެއްވި އެކްސް ޕޯސްޓްގައި ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި އެންމެހާ އުހުތުންނާއި އަހުންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

މިއަދަކީ ރާއްޖޭގެ މިއަހަރުގެ ގައުމީ ދުވަހެވެ. ގައުމީ ދުވަހަކީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރި ދުވަހެވެ. ގައުމީދުވަހުގެ ބަތޮލަކީ އަލްގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމެވެ.