ބަންގި މަޑުކޮށް ގަދަކުރަނީ ޝަހީމްގެ މުދިމުން: އާޒިމް

މާލޭގެ މިސްކިތްތަކުން ބަންގީގެ އަޑު މަޑުކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރަކު އިސްލަމިކް މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދޭންވެސް މިނިސްޓަރ ޝަހީމް ހެދީ ކަނޑައެޅިގެން ދޮގެކެވެ. މާލޭގެ މިސްކިތްތަކުގެ ބަންގީގެ އަޑު ގަދަކޮށް މަޑުކުރަނީ މާލޭ ސިޓީކައުންސިލުންކަމަށް ބުނެ ޝަހީމް ޖަވާބުދިނެވެ. ސިޓީ ކައުންސިލްގައި ހުންނަނީ އެމްޑީޕީގެ މީހެއްކަމުން އޭނާ ލައްވާ އެކަން ރަނގަޅުކޮށްލުމަށް މަލާމަތުގެ ރާގެއްގައި ޝަހީމު މަޖިލީހުގައިވަނީ ބުނެފައެވެ.
އިސްލަމިކް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދީފައިވަނިކޮށް މިސްކިތްތަކުގެ ބަންގީގެ އަޑު މަޑުކުރަނީ މާލޭސިޓީން ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގައި އިސްލަމިކް މިނިސްޓަރ ހެދީ ދޮގެއް ކަމަށް ވިދާޅުވެ މާލޭ މޭޔަރ ވަނީ ރައްދު ދެއްވާފައެވެ. ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދިނުމަކީ ދުސްތޫރީ ބޮޑު ކުށެކެވެ.
މާލޭ މޭޔަރ އާދަމް ޢާޒިމް މިނިސްތަރ ޝަހީމަށް ރައްދު ދެއްވާ ވިދާޅުވީ ޝަހީމު އެހެދީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. " އެކަހަލަ ކަމެއް ކައުންސިލުން ކޮށްފައި ނުވާނެ. ބަންގީގެ އަޑު މަޑުކޮށް ގަދަކުރަނީ މިނިސްޓްރީ (އިސްލަމިކް މިނިސްޓްރީ)ގެ އިންސްޓްރަކްޝަނަށް މިނިސްޓްރީން ވަޒީފާދީފާވާ މުދިމުން" ކަމަށް މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.
މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވާ މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަސް މިސްކިތްތަކުގައި ބަންގިގޮވުމާއި ޖަމާއަތުގެ ނަމާދު ގާއިމުކުރުވުމަކީ މިނިސްޓްރީ އޮފް އިސްލަމިކް އެފެއަރޒްގެ ކަމެކެވެ. މާލޭގެ މިސްކިތްތަކުގެ މުދިމުންނަކީ އިސްލާމިކް މިނިސްޓްރީގެ މުއައްޒަފުންނެވެ. މުދިމުން މަސައްކަތްކުރަނީ އިސްލާމިކް މިނިސްޓްރީން އިރުޝާދު ދޭ ގޮތަކަށެވެ. ބަންގީގެ އަޑުމަޑުކޮށް ބާރުކުރަނީ އިސްލަމިކް މިނިސްޓްރީން އަންގާ ގޮތަކަށް މުދިމުންނެވެ.