ޕީއެންސީ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: ރައީސް ސޯލިހު

ޕީއެންސީ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: ރައީސް ސޯލިހު

ޕީއެންސީގެ ސަރުކާރެއް އޮވެގެންނެއް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު އެހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕޭން ޖަލްސާއެއްގައި ރޭގައި ނައިފަރުގައި ވާހަކަ ދައްކަވަމުންނެވެ.

ނައިފަރުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ އެމްޑީޕީ އާއި ޕީއެންސީގެ ތަފާތު ވިދާޅުވެ ދެއްވާފައެވެ. ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި ހަގީގީ މައްސަލައަކީ ސިޔާސަތުތަކެވެ. ކެންޑިޑޭޓުންނެއް ނޫނެވެ. ކެންޑިޑޭޓުންނަށްވުރެ ބޮޑަށް މައްސަލަ އުޅެނީ ސިޔާސަތުތަކުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ޕީއެންސީ މެންބަރުން ކައުންސިލްތަކަށް ހޮވައިގެން ރައްޔިތުންނަށް ވާނެ ރަނގަޅެއް ނުއޮންނާނެ ކަމަށް ވިދާޅުވެ ދެއްވުމުގެ ގޮތުން ރައީސް ސޯލިހު ވިދާޅުވީ ޕީއެންސީ ކެންޑިޑޭޓުން ހޮވައިފިނަ އެބޭފުޅުންނަށް ކުރެއްވޭނީ ރައީސް މުއިއްޒު ވިދާޅުވާ ކަމެއް އެކަނި ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ މުއިއްޒުގެ ސަރުކާރުން ހުރިހާ ބާރުތަކެއް މުށުތެރެއަށްލައި ޖީބަށް ޖަހައިގެން މަސައްކަތް ކުރާ ކަމަށެވެ. 

މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކަކީ ވިސްނަންޖެހޭ ވަރުގެ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މުއިއްޒުގެ ސަރުކާރުގައި ރަށްތަކަށް ދީފައި ހުރި ބާރުތައް އެއްކޮށް ޖަމާކޮށް ގާނޫނަށް ބަދަލުތަކެއް ގެނައުމަށްފަހު ސަރުކާރުގެ ކެންޑިޑޭޓުން ނެރެގެން ކުރައްވަން އުޅެނީ ކޮން ކަމެއްތޯ ވެސް ރައީސް ސޯލިހު ސުވާލު އުފެއްދެވިއެވެ.

"ކުރިން ދީފައި ހުރި ބާރުތައް ވެސް އެއްކޮށްގެން މުށުތެރެއަށް، ޖީބަށް އެ ހުރިހާ ބާރުތަކެއް ޖަހައިގެން އެ މަސައްކަތް ކުރައްވަން އުޅުއްވަނީ" ރައީސް ސޯލިހު ވިދާޅުވިއެވެ. "ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ ރަށްރަށަށް ދީފައި ހުރި ބާރުތައް އެއްކޮށް ޖަމާކުރުން. ގާނޫނަށް އެތައް ބަދަލުތަކެއް ގެނެސްފި. އެއަށްފަހުގައި ކައުންސިލަށް ކުރިމަތިލައްވައިގެން ދެން ކުރައްވަން އެއުޅެނީ ކޮން ކަމެއްތޯ. ކެންޑިޑޭޓުން ނެރެގެން ކުރައްވަން އެއުޅެނީ ކޮން ކަމެއްތޯ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ގޮވާލެއްވީ ކައުންސިލް އިންތިހާބުގައި ލާމަރުކަޒީ ނިޒާމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި ކައުންސިލްތަކަށް ބާރުވެރިކަން ދިނުމުން އޭގެ ހެޔޮ ބަދަލުތައް ވެސް ފެނުނުކަމުގެ ހަނދާން ރައީސް ސޯލިހު އައު ކޮށްދެއްވިއެވެ.