ލޭނުއަޅަން ހުއްދަނުދިނުމަށް ޝިޔާމްގެ މަޝްވަރާ ބޭނުމެއްނުވި!
މަޝްވަރާ ކުރަން ޖެހޭ މިންވަރަަށް މަޝްވަރާ ކުރީމާ ޖަހަނީ އުނބަށް
ލޭނުމަސްވެރިކަމަކީ ކޮންމެހެން ކުރަން ހުއްދަދޭން ޖެހޭކަމެއް ކަމަށް ރައީސް މުއިއޒު ކެބިނެޓުން އޮތީ ނިންމާފައެވެ. ލޭނު މަސްވެރިކަން ލިބެން އޮތް ފައިދާތަކާއި ރާއްޖޭގެ މާލިއްޔަތަށް އަހަރަކު މިލިޔަން މިލިޔަނުން ލިބޭނެ ޑޮލަރުގެ ވާހަކަ ކެނޑިނޭޅި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝީޔާމް ގެންދެވީ ދައްކަވަމުންނެވެ. ލޭނު މަސްވެރިކަމަށް މީހުންގެ ހިތް ޖައްސާ އެކަމުގައި ހުރި މަސްވެރިންގެ ކަންބޮޑުވުންތައް ނައްތާލުމަށް ވަޒީރު ގެންދެވީ ރޭނިދި ނުނިދާ މަސައްކަތް ކުރައްވަމުންނެވެ.
ލޭނުއެޅުން ހުއްދަ ކުރަން ނިންމުމާ ގުޅިގެން ސަރުކާރާ ވާދަވެރި ފަރާތްތަކާއި މަސްވެރިން އެކަމާއި ދެކޮޅަށް އުފުލި އަޑު މިނިސްޓަރު ޝީޔާމަށާއި ސަރުކާރުގެ އިސް ފަރާތްތަކަށް ތަކަށް އިވޭކަމަކަށް ނުވެއެވެ. ބަޔަކު ކިތަންމެ ވަރަކަށް ދެކޮޅުހެދިޔަސް ލޭނު އަޅަން ހުއްދަދީ ލޭނު މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ހުޅުވާލަން މުޅި ސަރުކާރު އޮތީ ފޫގަޅާފައެވެ. އިނގިރޭސިވިލާތާއެކު ރާއްޖޭން ސޮއިކުރުމަށް މަސައްކަތްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަސަރު ކުރާނެކަމަށް ވާދަވެރިން ބުނަމުން ދިޔަ ބުނުންވެސް ޝިޔާމު ދިޔައީ ދޮގުކުރަމުންނެވެ.
ދޮށީގެ މަސްވެރިކަމުން ލިބެނީ 90 މިލިއަން ޑޮލަރު ކަމަށްވިޔަސް ލޭނުއަޅައިގެން 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ ޝީޔާމް ދިޔައީ ވަކާލާތުކުރަމުންނެވެ. ލޭނުމަސްވެރިކަން ކުރުމުގެ ހުރިހާ ކަމެއް އައީ ބާރު ދުވެލީގައި އިންތިޒާމް ކުރަމުންނެވެ. ލޭނު އަޅާނެ ސަރަހައްދުތަކާއި އެކަމާގުޅޭ އުސޫލުތައް ވެސް ހަދާ ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށްގެން އެކްސްޕޯޓް ކުރުމުގެ ހުއްދަވެސް އޮތީދީފައެވެ.
އެންމެ ފަހުން އަންނަ ފެބުރުއަރީ މަހު ލޭނު އެޅުމަށް ހުޅުވާލާނެކަން ޝިޔާމް އިއުލާނުކުރީ ޕީއެސްއެމްގައި ހުސްވި އޮގަސްޓް މަހުގެ 28ވަނަ ދުވަހުގެ ރެއެވެ. މިނިސްޓަރ ޝިޔާމް އެހާ އިތުބާރާއެކު އެވަރުގެ ބޮޑުނިންމުމެއް އިއުލާނު ކުރިތާ 24 ގަޑިއިރު ނުވަނީސް ލޭނުއެޅުމަށް ހުއްދަ ނުދޭން ރައީސް މުއިއްޒު ނިންމި ނިންމުންވީ ހައިރާން ކުރުވަނިވި ކަމަކަށެވެ. އެނިންމުމުން ސަރުކާރުގެ އަމާޒެއް ނެތްކަމާއި ރައީސް މުއިއްޒު ކަންކަން ނިންމަވަނީ އެއްވެސް ހަމައެއް ލަމައެއްނެތި ނޫންކަން ކަށަވަރުވިއެވެ.
ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށް ރައީސް ނިންމީ ފިޝާރީޒް މިނިސްޓަރުގެ ލަފައެއް ހިޔާލެއް މަޝްވަރާއެއް ނެތިކަމަށް ބުނަން ޖާގަލިބެނީ ވެރިކަމަށް އެރީއްސުރެ ލޭނު އެޅުމަށް ސަރުކާރުން އަމާޒު ހިފާފާ އޮތްލެއް ބޮޑުކަމުންނެވެ. ވެރިކަށް އައިއްސުރެ ގެންގުޅުނު މަސްވެރިކަމުގެ ސިޔާސަތު ފަޅި ސިކުންތަކުން އެފުށް މިފުށަށް ޖެހީމުންނެވެ. މަސްވެރި ވަޒީރާ މަޝްވަރާކޮށްފާ ކުރިކަމެއް ނަމަ އެކަކުވެސް ނުބުނާނެއެވެ. މަޝްވަރާ ކުރެވިގެން އެވަރު ބޮޑު ބަދަލެއް ގެންނަނަމަ ބަދަލު ގެނައުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ލޭނު މަސްވެރިކަމަށް ހުޅުވާލާނެ ދުވަސް މިނިސްޓަރ ޝިޔާމް ހާމައެއް ނުކުރީހެވެ.
މިނިސްޓަރ ޝީޔާމަށް ގޮންޖަހާ ލޭނުއެޅުމަށް ހުއްދަނުދޭން ނިންމުމުން މޮޅުވާހަކައެއް ޝިޔާމް ބުންޏަސް އެވާހަކަ ކުޑަކުއްޖަކުވެސް ގަބޫލެއް ނުކުރާނެއެވެ. ގޮޓަބަޔާ އާއި ޝެއިހު ހަސީނާއަށް ވީގޮތް ނުވާން ދެމޭޖް ރިކަވަރކުރަން މުއިއްޒު ކުރާހާ ކަމެއް މަގާމަށްޓަކާ ޝިޔާމްވެސް ޖެހޭނީ ހަލާލުކުރާށެވެ. ޝިޔާމު ތިޔަ ބުނާ މަޝްވަރާ ކުރައްވަން ޖެހޭ ކަންކަމުގައި މަޝްވަރާ ކުރައްވަންޖެހޭ ގޮތަކީ ލޭނުއަޅަން ހުޅުވާލާ ދުވަސް ޝީޔާމް ލައްވާ އިއުލާނު ކުރުވާފާ ހުއްދަނުދޭން ނިންމުން ހެއްޔެވެ. ދައުލަތުން މުދަލާއި ފައިސާއާއި ވަގުތު ހޭދަކުރުވުމަށްފަހު ލޭނުއެޅުމަށް ހުއްދަ ނުދޭން ނިންމަން މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކަށް ފިޝަރީޒް މިނިސްޓަރު ނުވަނީތާއެވެ. ޝިޔާމު ތިޔަބުނާ މަޝްވަރާ ކުރަން ޖެހޭ މިންވަރަަށް މަޝްވަރާ ކުރީމާ ވާގޮތަކީ ކުރާކޮންމެ ކަމެއް އުނބަށްޖެހުމަށް ވުންހެއްޔެވެ.
ލޭނުއެޅުން ހުއްދަ ނުކުރަން ނިންމުމަށް މަޝްވަރާ ނުކުރުމުން ޝިޔާމް ވެސް ރައީސް މުއިއްޒަށް ތިޔަކުރީ ހާދަ ހުތުރު މަލާމާތެކެވެ. ލޭނު މަސްވެރިކަމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ފިޝަރީޒް މިނިސްޓަރާ އެއްވެސް މަޝްވަރާއެއް ނުކުރާކަށް ޝިޔާމްގެ ވާހަކައިން ސާބިތުވާނީ އެހާކަށް ވަރަށެވެ. ފިޝަރީޒް މިނިސްޓަރެއް ކަމަކު ޝިޔާމަކީ ލޭނުއެޅުމަށް ހުއްދަނުދޭން ނިންމުމުގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކަށް ނުވަނީތާއެވެ. ހެދުނު އެއްޗެއް ހަދައިގެން ރައްޔިތުންގެ ޕްރެޝަރ ކެނޑުވުން ނޫން އެހެންކަމެއް މުއިއްޒަށް މިހާރުނެތްކަން ޝީޔާމަށްވެސް ނޭގެނީތާއެވެ.