ގޮށްމުށު ވެރިކަމަކަށް މުއިއްޒު ސިފައިން ތައްޔާރުކުރަނީ؟!

ސިފައިންގެ ބޯދޮވެލުމަށް ޑިކްޓޭޓަރުން ބޭނުންކުރާ އުކުޅަކީ ގައުމިއްޔަތާއި ދީން

ގޮށްމުށު ވެރިކަމަކަށް މުއިއްޒު ސިފައިން ތައްޔާރުކުރަނީ؟!

ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ފެށުމާއެކު އަދުރޭ އިއުލާނުކުރީ މުއިއްޒުވެރިކަމުގެ ދިހަ އަހަރު ފެށުނީ ކަމަށެވެ. އަދުރޭގެ ވާހަކަ މިހެން ހުރި އިރު މުއިއްޒުގެ އަމާޒު ހުރީ ވިހި ތިރީސް އަހަރަށްކަން އެނގެއެވެ. ވިހިތިރީސް އަހަރު ވަންދެން މިޒަމާނުގައި ވެރިކަމެއްގައި ދެމިހުރެވޭނީ ލައްކަ ނުލަފާ ޑިކްޓޭޓަރަކަށެވެ.

ޑިކްޓޭޓަރެއްގެ ނުލަފާކަން ދައްކާ ރައްޔިތުން އޮބި އަޅުވާ މައިތިރި ކުރަން ގާނޫނަކީ މުހިންމު އެއްޗަކަށް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނަމުގައި އޮންނާނީ ވިދާޅު ބަސްފުޅު ހަލާލުކުރާ ރަބަރު ސްޓޭމްޕް މަޖިލީހެކެވެ. ވެރިކަމުގެ ހުރިހާ އާރަކާ ބާރެއް ހިންގާދޭނީ ވެރިމީހާއަކީ މުގައްދަސް ފަރާތްކަމަށް ގަބޫލުކުރުވާ ބާރުވެރި ކުރުވާފައި އޮންނަ ސިފައިންނެވެ.

އެހެންކަމުން ސިފައިންނަށް މުއިއްޒު ކަންކަން ކޮށްދޭނެއެވެ. ގެދޮރުވެރިކަން ވެސް ކަށަވަރު ކޮށްދޭނެއެވެ. ބޭސް ފަރުވާއާއި މުދާވެރިކަން ވެސް ކަށަވަރު ކޮށްދޭނެއެވެ. މުޅި ދައުލަތް އެކުގައި ބަންޑުން ޖަހާލައިގެންވެސް މުއިއްޒު ސިފައިންގެ ރުހުން ހޯދާނެއެވެ. ދުނިޔެ ދުށް ހުރިހާ ޑިކްޓޭޓަރުން ހިނގާފައިވަނީ މި މަގުންނެވެ. އީޑީ އަމީނެއް މުގާބޭއެއް ކާސްޓްރޯއެއް ކިޔާނެކަމެއް ނެތެވެ. ދުނިޔޭގައި މިވަގުތު ތިބި ޑިކްޓޭޓަރުންނަށް ބެއްޔަސް އެ ނޫން ސިފައެއް ނުފެނެއެވެ.

ސިފައިންގެ ބޯ ދޮވެލުމަށް ޑިކްޓޭޓަރުން ބޭނުންކުރާ އުކުޅަކީ ގައުމިއްޔަތާއި ދީނެވެ. ގައުމިއްޔަތުގެ ޖާދޫގައި ޖައްސައިގެން ގައުމިއްޔަތުގެ ކުރިބޯއްޓަކީ ވެރިމީހާ ކަމަށް ގަބޫލުކުރާ ވަރަށް ބޯ ދޮއްވާލައެވެ. ވެރި ޑިކްޓޭޓަރާއި ނުލާ ގައުމެއް ދީނެއް ނުއޮންނާނެ ކަމަށް ގަބޫލުކުރާ ވަރަށް ސިފައިންގެ ބޯ ދޮއްވާލައެވެ. ތަފާތު ފިކުރާއި ތަފާތު ވިސްނުމަކީ ބޮޑުފާފައަކަށް ހަދައެވެ. 

ގަބޫލު ކުރިޔަސް ނުކުރިޔަސް ރާއްޖޭގެ ރައީސް ކަމުގައި މިހާރު ހުރި މުއިއްޒު އެދަނީ އެ މަގުންނެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް މުއިއްޒަށް ލިބުނަސް ނުލިބުނަސް ވެރިކަން ކަށަވަރުކޮށް ވެރިކަމުގައި ދެމިހުރުމަށް ސިފައިން ބާރުވެރި ކުރުމުގެ ނަމުގައި ބޯ ދޮއްވުމުގެ މަސައްކަތް ފާޅުކޮށް އެދަނީ ކުރަމުންނެވެ. 

މުއިއްޒު ވަރުގަދަ ޑިކްޓޭޓަރަކަށް ވުމަށްޓަކާ އެހީތެރިކަން ހޯދަނީ އިސްލާމީ ދުނިޔޭގެ މިހާރުގެ ގާއިދަށް ހެދިގެންއުޅޭ އުރުދުގާނުގެ ތުރުކީއާއި ޗައިނާއިންނެވެ. ރާއްޖޭގެ ވެރިކަން ޑިކްޓޭޓަރ ޝިޕަކަށް ފޮރޮޅާލަން މުއިއްޒު އިރުޝާދު ހޯދަނީ ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތް ހުދުމުހުތާރުވެރިންގެ ކިބައިންނެވެ.

ޗައިނާގެ ރައީސަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީގެ ގޮތުގައި އޮތް 1.4 ބިލިޔަން މީހުންގެ މައްޗަށް ބާރުހިންގާ ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސްވެރިޔާގެ ގޮތުގައި 2012 ވަނަ އަހަރާއި ހުރުމަށްފަހު 2013 ވަނަ އަހަރުން ފެށިގެން ޗައިނާގެ ރައީސްކަން ކުރަމުންދާ ކޮމިނިސްޓެކެވެ.

އުރުދުގާނަކީ މާވަރުގަދަ އިސްލާމީ ގާއިދަކަށް ހެދިގެން ވެރިކަމަށްޓަކާ ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު މަރާލާ އެތައް ހާސް ބަޔަކު ޒަހަމްކޮށް ވަޒީފާއިން ވަކިކޮށް ހައްޔަރުކުރި ޑިކްޓޭޓަރެކެވެ. ފަލަސްތީނަށް މަދަދުވެރިވަނީ ވެސް އަނގައިންނެވެ. ދީނާއި މުސްލިމުންގެ ނަމުގައި ގަދަ ބަސް ބުނުމާއި ގޮތް ދެއްކުންނޫން ކަމެއް ނެތް އުރުދުގާނަކީ ސިޔާސީ ވާދަވެރިންގެ ވަސް ގައުމުން ފުހެލުމަށް އެންމެ އަނިޔާވެރިކޮށް އަމަލުކުރި ޑިކްޓޭޓަރެވެ.