ރައީސް ދެވަނަ ދައުރު ނަގާނީ ވައްޑެމެން ކިހިލިޖަހައިގެން

ވުޖޫދުގައި ނެތްރަށެއް ހިއްކާ ކުޑަގިރި ޕިކްނިކް އައިލެންޑް މިއަދު ނުހުޅުވާ ކަމަކަށް ނުވާނެ

ރައީސް ދެވަނަ ދައުރު ނަގާނީ ވައްޑެމެން ކިހިލިޖަހައިގެން

ބޮކަށް ރަންފުއް މައްޗަށް އެރުނީމާ ލައްކަ ވައްވައް ޖަހާނެއެވެ. ނުމީހުން މީހުނަށް ވީމާ ގޮތްފޮތް ނެތޭނެއެވެ. މީހެއްގެ މޯހިރުން މެންބަރު ކަމެއްލިބިމުން ވޯޓު ދީގެންން ހޮވާދިން މީހުނަށްވުރެ ވިއްކަން އުޅުނު ފޮޓޯގަނޑަށް ސަޖިދަވެސް ކުރާނެއެވެ. ކަންކަން ތިމާއަށް މިންވަރު ކުރައްވަނީ ވަކި މީހެއްގެ ސަބަބުންނޭ ވެސް ހީވާނެއެވެ.

ރައީސް ސާލިހުގެ ހެޔޮވެރިކަމުގައި ވެތުވެ ދިޔަ ހަތަރު އަހަރު ކުރެވިފައި ހުރީ އެއްކަމެއް ދެކަމެއް ނޫނެވެ. އުނގޫފާރު އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާއި ހަވާލުވީ ދުވަހު ޕޯޑިއަމުގައި އަނގަފުޅާކޮށްފައި ދެއްކި ވާހަކަ ވައްޑެ ހަނދާނެއް ނެތެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ކުރެވިފައި ހުރި ކަންކަމާއި ކުރެވެމުންދާ ކަންކަން ލޮލަށް މިރުސްފެން އެޅިފައި ނެތިއްޔާ ފެންނާނެއެވެ. ފައުޅުކަން ބޮޑުކޮށް ފެންނަން ހުންނަ ކަންކަން ދެކިފެނި އަތުން ހިފީމާ މޭކަރާ ހަސަދަވެރި ވިޔަސް ވީކަމެއް ނުވާ ކަމަކަށް ނުވާނެއެވެ. ގައުބިހެއް އެޅިގެން އުޅެނީއޭ ކިޔާ ވާހަކަ ދައްކަނީ ލަދެއް ހަޔާތެއް ނެތީމައެވެ. https://twitter.com/waddey_/status ވައްޑެމެންގެ ފެންވަރަކީ އެއީއެވެ.

ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް ވެސް ވެގެން މި އުޅެނީ އެކަހަލަ ގޮތެކެވެ. ދާއިރާގެ ރައްޔިތުންގެ އިހުސާސަށްވުރެ ވައްޑެއަށް މުހިންމީ އަންނިއެވެ. ވާނީ އެހެންތާއެވެ. އެމްޑީޕީއާއި ދެކޮޅަށް ހަމަރޯޅިގައި ލިޔަން އުޅެނިކޮށް އަންނިއާއި ހަމައިން އެމްޑީޕީ ފެނިއްޖެއެވެ.

އެމްޑީޕީ އުފައްދަން އެތައް ބަޔަކު ކުރަމުން އައި މަސައްކަތްތައް ހަމަރޯޅީގައި ފުރައްސާރަ ކުރަން އުޅުނު މީހަކަށް ނޭނގޭނެއެވެ. ފެންނާނީ ތިމާ ދެކޮޅުގައި ފުށް ޖައްސައިގެން ގެނެސް ގޮނޑިއެއްގައި ވަޑުވައި ދިންކަމަށް ހީކުރާ މީހާއެވެ. އެކަމަކު ވަކި މީހަކަށް ވުރެ އެމްޑީޕީ މާބޮޑެވެ. މީހާގައި ހަސް ނެތުމުން މީހެއްގެ ތޮއްވަރީގައި ހުރެ ނަށާ މާގަނޑަކަށް ހެދުނަކަސް ޑަރުހީވާ މީހަކު މިހާރަކު ނޫޅެއެވެ.

ވުޖޫދުގައި ނެތްރަށެއް ހިއްކާ ކުޑަގިރި ޕިކްނިކް އައިލެންޑް މިއަދު މި ސަރުކާރުން ނުހުޅުވާ ކަމަކަށް ނުވާނެއެވެ. ރައީސް ސާލިހު ސަރުކާރުން ކުޑަގިރި ހިއްކާ ކުޑަ ބަޑޮސް ނެތްތަން މާލޭގެ ރައްޔިތުންނަށް ފޫބައްދާ ދިނީ ވައްޑެމެން އެގޮތަށް ފުރައްސާރަކޮށް ޕާޓީއަށް ހަރާން ކޯރުވަމުން ދަނިކޮށެވެ. ގައު ނަމަވެސް ބިހެއް އެޅޭނީ އެޅޭނެ ބިހެއް އޮތް ކުކުޅަކަށެވެ.

ގިނަ ކެޔޮޅުން ތަކެއް އުފެއްދި ހިންނަވަރުގެ ދިވެހި މާކެޔޮޅަށް ވައްޑެ ބުނިހެން ދިވެހިރައްޔިތުން އިތުބާރު ކުރެއެވެ. ހިންނަވަރު މާކެޔޮޅު ކަތި މިސްރާބަކަށް ގައުމު ނުގެންދާނެ ކަމަށް ވައްޑެ ބުނިހެން ރައްޔިތުން ޔަގީން ކުރެއެވެ. ވައްޑެމެން ތިޔަހެން އަތަށް އޮޅުވާލައިގެން ކަންވާރުބޮޅު ނުފިލުވެގެން އުޅެނިކޮށް ހިންނަވަރު މާކެޔޮޅު ދެ ފަހަރަށް ރަސްއައިނަށް އަރާ ހައްސަބައިގެން ލަފާތަން ދެކެން ތިބޭށެވެ. ރައީސް ސާލިހު ދެވަނަ ދައުރު ނަގާނީ ވައްޑެމެން ކިހިލި ޖަހައިގެންނެވެ.