އާއްމުން ކާންވީ މުޅަބަތް - އާރިފް ކާނީ ރަންއިލޮށިން ކަދުރު
ކާޅިވަށް ދިއްލި ޒަމާނަށް ރާއްޖެ ގެންދަން ނުހަދާ
ވަންހަ ދިލަކޮޅަށް ދައުލަތް ބަހަލައިގެން ތިބެ ރައްޔިތުން ކުރި މައްޗަށް ނިކުމެ އަނގަ ހުޅުވަން އަލީ އާރިފްމެން ލަދު ނުގަންނަ ކަމެވެ. އަތްގުޅި ނުކާވަރުގެ ބޮޑު މުސާރައިގައި ޅިޔަން ފަހަރިންނާއި ބަފައިބެއަށް ދަންދެން ސިޔާސީ މަގާމު ދީގެން ތިބެ ކޯތަޅުވަން ދައުލަތުގެ މުދަލާ ފައިސާއަކީ ވަށަފަރު އަބްދުއްރަހުމާން ކަތީބުގެ ތަރިކަ މުދާ ގަނޑަކީ ހެއްޔެވެ.
ވަށަފަރު މުހައްމަދާއި ފޮނަދޫ އަބްދުއްރަހީމާއި ހިންވަރު ޖަނާބުގެ އައިލާއާއި އެ މީހުންގެ ދުރުތާ ތިމާގެ މީހުންނާއި ރައްޓެހިންގެ މެދުގައިބެހޭ ގަނީމާ މުދަލަކަށް ދިވެހި ދައުލަތް ހަދައިގެން ތިބެ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ތިރިކުރަން ބުނަން އަލީ އާރިފަކީ ކާކުހެއްޔެވެ. ތިޔަ ފާޑަށް ދެބޯގެރި ދުއްވައިގެން ކާޅިވަށް ދިއްލި ޒަމާނަށް ރާއްޖެ ގެންދަން ނުހަދާށެވެ.
މާ ކަންވާ ބަޔަކަށް ހެދިގެން ދައުލަތް ހިންގުމާ ހަވާލުވެފާ ރައްޔިތުން ބިކަކުރަން ދިމާނުކޮށް ކައިފުރޭތޯ ބަލާބަލާށެވެ. ވެރިކަމަށް އަންނަން އުޅުނު އިރު އެއްވެސް ދަތިކަމެއްނެތޭ ފައިސާ ހުރީ ހަމަ ޖެހިފައޭ ކިއްޔަކީ އެހެން ބައެއް ނޫނެވެ. އެހެން ގޮވާ މަތިމައްޗަށް ވައުދުވީ ވަށަފަރު މުހައްމަދު ނޫން ދެވަނަ މީހެއްނޫނެވެ. ރައްޔިތުން އިތުބާރުކޮށް ވެރިކަން ހަވާލުކުރީމާ ތިޔަ ތެޅިގަތީ ރައްޔިތުންނަށް ހިތިބޭސް ބޯންދޭށެވެ.
ނަގާ ޖީއެސްޓީން ބައިސެންޓް ވެސް ކުޑައެއް ނުކުރެއެވެ. ލިބޭ އާމްދަނީ މަދެއްނުވެއެވެ. ހިނގާ ދިޔަ ހަތް މަސްތެރޭގައި ރައްޔިތުންނަށް ލުޔެއްވާނެ ކަމެއް ކުރާކަށް ހަރަދެއް ނުކުރެއެވެ. ކުރިން ކުރަންފަށާ ނުނިމި ހުރި މަދުކަމެއް ނޫނީ ނުކޮށް ތިޔަ ތިބީ ކުރީ ސަރުކާރު ކިޔާލަ ކިޔާލައެވެ. އެހެނެކޭ ކިޔާ ބޭރު ގައުމުތަކަށް ބައިހަދާފައި ކުރާ ދަތުރުތަކެއް މަދެއް ނޫނެވެ. ވެރިކަމުގެ އާރާ ބާރު ގަދަކުރުމަށް ކުރާ ހޭދައެއް ކުޑައެއް ނޫނެވެ. ކަންދެއްކުމަށް ކުރާ އިސްރާފް އިންތިހާއެވެ. ދެހާސް ތިންހާސް ސިޔާސީ މީހުނަށް މުސާރަދޭނެ ފައިސާ ބޯކޮށް އެބައޮތެވެ.
ސަރުކާރުގައި ނެތީ އާއްމު ރައްޔިތުންނަށް ކަރަންޓާއި ފެނަށް ސަބްސިޑީ ދޭނެ ފައިސާއެވެ. ނެތީ ތެލާއި ކާބޯތަކެތި އަތްފޯރާ ހިސާބުގައި ބަހައްޓަން ސަބްސިޑީއަށް ދޭނެ ފައިސާއެވެ. ނެތީ ރައްޔިތު މީހާގެ ބޭސް ފަރުވާއަށް އާސަންދަ ދޭނެ ގޮތެވެ. ނެތީ މަސްވެރިން ކިރާމަހަށް އަގުދޭނެ ފައިސާއެވެ. ނެތީ ދަތުރު ފަތުރު އަގު ހެޔޮކުރާނެ ގޮތެވެ.
އަޖައިބެކެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްކުރަން ގޮވާއިރު ވަށަފަރު މުހައްމަދާއި އޭނާގެ އައުވާނުން އުޅެންވަނީ ރަނުގެ ބާލުހަނާ ތަކުގައެވެ. ހަވާއަރުވާ ޖައްވުގާ އުދުހި ނަށާށެވެ. އާއްމު ރައްޔިތުންވީ ޖިފުޓި ޖަހައިގެން ކަނު އަނދިރީގައި ޅިދުން ވެއްޓޭ އަންނަފޮށާ ނަގަނަގާ އޮށްދާ ހިއްލަހިއްލާ ތިބޭށެވެ. އާނއެކެވެ. އަލީ އާރިފުމެންވީ ރަންއިލޮށިން ކަދުރުކާށެވެ. ރައްޔިތުންވީ ގޮނޑު ހޮވައިގެން މުޅަބަތްކާށެވެ.