ކުރީ ސަރުކާރުގެ ވެރިން ހައްޔަރުކުރަން ފަށަނީ!

އެކުގައިނެތް ރައްޔިތުން ކިބައިން ބަދަލުހިފާނަން: މުއިއްޒު

ކުރީ ސަރުކާރުގެ ވެރިން ހައްޔަރުކުރަން ފަށަނީ!

ރައީސް މުއިއްޒު ބުނާ ގޮތުން ރައްޔިތުން ތިބެންޖެހޭނީ އެޅިހާބަތަކަށް ރިހަވެގެންނެވެ. ސަރުކާރުން ހެދިހާއެއްޗެއް ހެދިގެންނެވެ. ސަރުކާރުގެ އެއްވެސް ނިންމުމަކަށް ފާޑުކިޔާ ދެކޮޅު ހެދިގެން ނުވާނެއެވެ. އިހުތިޖާޖުކޮށް ޝަކުވާކޮށްގެން ނުވާނެއެވެ. ސަރުކާރުން ހެދިހާއެއްޗެއް ހެދިގެން ރައްޔިތުން ނެތިއްޔާ ރައްޔިތުންގެ ކިބައިން ބަދަލުހިފާނެކަމަށް ރައީސް މުއިއްޒު އެބުނީ ވަރަށް ފާޅުގައެވެ.  

މުއިއްޒު ބުނިގޮތުގައި ރާއްޖޭން ބަދަލު ހިފުމުގެ ރޫހު ނައްތާލެވިއްޖެއެވެ. ރައްޔިތުން މުއިއްޒު ބޭނުންވާ ގޮތުގައި ތިބިހާ ހިނދަކު ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެއެވެ. މުއިއްޒުގެ ފަރާތުން ބަދަލު ހިފުމުގެ ރޫހު ފެންނާނީ މުއިއްޒު ޖަހާހާ ބެރަކަށް ނުނަށަންޏާއެވެ.  

ޕީއެންސީ ޖަގަހަ ހުޅުވުމައް ރޭ ބޭއްވި ހަފްލާގައި މުއިއްޒު ބުނެފައިވަނީ "ސިޔާސީ ބަދަލު ހިފުމެއް ނުހިފާނަން، ބަދަލު ހިފުމުގެ ރޫހު ނައްތާލަން ދިވެހި ރައްޔިތުން ބޭނުންވީ. އެކަން މިވަނީ މި ގައުމު މިހާރު ނައްތާލާފައި. ނުފެންނާނެ ބަދަލު ހިފުމުގެ ރޫހެއް މިގައުމަކުން. އަޅުގަނޑުމެންނާއެކީ ރައްޔިތުން ތިބިހާ ދުވަހަކުން މިގައުމުން ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެ. ނުފެންނާނެ މިދަންނަވަނީ، ނުފެންނާނޭ." ކަމަށެވެ. 
ބަދަލު ހިފާނެ ގޮތްވެސް ރޭގައި މުއިއްޒު ކިޔާދިނެވެ. މުއިއްޒު ސަރުކާރުން ބަދަލު ހިފާނީ އަދުލު އިންސާފު ގާއިމު ކުރުމުގެ ނަމުގައެވެ. ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގުމުގެ ނަމުގައެވެ. ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގުމުގެ ނަމުގައި ފިޔަވަޅު އެޅުމަކީ ބަދަލު ހިފުމެއް ނޫންކަމަށް މުއިއްޒު ބުންޏެވެ. އުފައްދައިގެންވެސް ހެއްކާއެކީގައި މުއިއްޒު ކުރިމައްޗަށް މީހަކު މިހާރު ގެނަޔަސް އިސްވެ ފިޔަވަޅު އަޅާނެކަމަށް ބުނެ ގަދައަޑުން އިންޒާރު ކުރިއެވެ.
 
ތެދެކެވެ. ނާޖާއިޒް ގޮތުގައި ބާރުގެ ބޭނުންކޮށް ގަވައިދާ ހިލާފަށް ކަންކަން ކުރުމުގެ ފުރުސަތެއް މުއިއްޒު ސަރުކާރަކު ނުއޮންނާނެއެވެ. މުއިއްޒު ސަރުކާރުގައި ކޮރަޕްޝަނާއި ވައްކަން ހިންގޭ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލު ކޮށްގެން ޖަރީމާތައް ފަތުއަޑު ކިޔާފާ ހިންގެން މުއިއްޒަށް މިވަގުތު އެބައޮތެވެ. މުއިއްޒު ސަރުކާރުގައި ކޮރަޕްޝަނާއި ވައްކަމަކަށް ފުރުސަތެއް ނޯންނާނެކަމަށް ވިދާޅުވާއިރު ކުރުމުއްދަތެއްގައި އެންމެ ކޮރަޕްޓް ސަރުކާރަކަށް ރާއްޖޭގެ ތާރީހުވެސް ދުށް ސަރުކާރަކީ މުއިއްޒު ސަރުކާރުކަން ކުޑަކުއްޖަކަށްވެސް އެނގެއެވެ.  

އަދުލު އިންސާފު ގާއިމު ކުރުމުގެ ނަމުގައި މުއިއްޒު އަމާޒު ހިފާފައި ހުރީ ކުރީ ސަރުކާރުގެ އިސްވެރިން ހިފާ ހައްޔަރު ކުރުމަށެވެ. އެއްވެސް ބޭފުޅެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތިއެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ނަމުގައި ބަދަލު ހިފުމަށެވެ. އެތެރެހަށީގައި ރޯވެ އަނދަމުންދާ ބަދަލު ހިފުމުގެ ހުޅުގަނޑު އެންމެ ފަހުން ކެތްނުވެގެން ވަރަށް ފާޅުގައި މުއިއްޒު އެ ބޭރުކޮށްލީއެވެ.  

އިދިކޮޅު ސިޔާސީ ވާދަވެރިކަމަށް ރާއްޖޭގައި މިހާރު ޖާގަ ނޯންނާނެ ކަމަށް އެބުނީއެވެ. ސަރުކާރާއެކީ މަސައްކަތްކޮށް މުއިއްޒަށް އިހުލާސްތެރިކަމުގެ އަތް ދިއްކުރާ މީހަކަށް ނޫނީ ރައްކާތެރިކަމެއް ނެތްކަމުގެ އިންޒާރު މުއިއްޒު ރައްޔިތުންނަށް ރޭގައި އެދިނީއެވެ. ހަގީގީ ގޮށްމުށުގެ ވެރިކަމަށް ފެށިއްޖެކަން ރަސްމީކޮށް އެވަނީ އިއުލާނުކޮށްފައެވެ.