ތިނަދޫ އޯވަރވޯޓަރ ޓަރމިނަލް އެއަރޕޯޓްގެ ހިލަންވެސްނެތް
ޑުޕްލިކޭޓް ވަގު ކުންފުނިތަކާއެކު ސޮއިކުރާ އެމްއޯޔޫއެއް ހަގީގަތަކަށް ނުވާނެ
ފަހުމުނާމާގައި ސޮއިކުރިތާ މަދު ހަފުތާއެއްގެ ތެރޭގައި މަސައްކަތް ފަށަން ރައީސް މުއިއްޒު ވިދާޅުވި ތިނަދޫ އޯވަރ ވޯޓަރ ޓަރމިނަލް އެއަރ ޕޯޓްގެ ހިލަންވެސް ނެތެވެ. ގިނަވެގެން ދެއަހަރު ދުވަހުގެ ތެރޭގައި ނިންމަން ވިދާޅުވި ތިނަދޫ އެއަރ ޕޯޓްގެ ބިޔަ މަސްރޫއަކީ ތިނަދު ރައްޔިތުންގެ ލޮލުގައި މަޖިލިސް އިންތިހާބާ ދިމާކޮށް އަޅުވާލި އަދުނަކީތާއެވެ.
ތެޔޮގުޅާ ސާދާ ކުރުމުގައި މުއިއްޒުވަރުގެ މީހަކު ހަމަ މަދުވާނެއެވެ. ފަޑުފާޑުގެ ފޭކް ކުންފުނިތަކާއި ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ނަންނަމާއި ގުޅުވައިގެން ހަދައިގެން އުޅޭ ޑުޕްލިކޭޓް ވަގު ކުންފުނިތަކާއެކު ސޮއިކުރާ އެމްއޯޔޫއެއް ހަގީގަތަކަށް ނުވާނެއެވެ. ގަޔަށް ބާރު ޝޫޓެއް ލައިގެން ތުންދިގު ބޫޓަށް އަރައިގެން އަންނަ ކޮންމެ ދޮން މީހަކީ މިލިޔަނަރެއް އިންވެސްޓަރެއް ނޫނެވެ. އަދި މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ސީއީއޯ އިން ކަމަކަށްވެސް ގިނަ ފަހަރުނުވާނެއެވެ.
ހުވަދު އަތޮޅުން 12 ރަށް ދީގެން ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމާ ލާޖައްސައިގެން ހަޑިއެއް ހާވަން އުޅުމެކޭ ރަސްމާލެ ހިއްކަން ރާޖޫއަށް ދިނުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. 2408 ޓޫރިސްޓް ހެދުގެ ހުވަފެން ދައްކައިގެން ތިނަދޫ މީހުން އެތިބީ ޅޮސްއުނދޯއްޔަށް ލާފައެވެ.
ތިނަދޫގައި ކުރިން ހިއްކާފައި އޮތް ބިމާ ގުޅުވައިގެން އިތުރު 50 ހެކްޓަރުގެ ބިން އިތުރު ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ބިމާ އެއްފަސްވެގެން ފިސާރި ބޮޑު ރަންވޭއެއް ހިމެނޭ އިންޓަރނޭޝަނަލް އެއަރޕޯޓާއި އޯވަރވޯޓަރ ޓަރމިނަލް ތިނަދުއަށް ހާއްސަކޮށްގެން ތިނަދޫފަޅުގައި ތަރައްގީ ކުރާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ތިނަދޫ ރައްޔިތުންގެ ތަރައްގީގެ އުންމީދު ތަކުގައި ދާއިމީ ކުލަޖައްސަވާނެ ކަމަށް ވިދާޅުވެ ހެއްދެވީ ބުހުތާން ދޮގެވެ. ކާޑެއްދުއާ ބުރިޖަކުން ކޮންމެހެން ގުޅައިނުލިޔަސް އެއްފަސްވެގެން ރެޒިޑެންޝަލް ބޭނުމަށް އިތުރު ބިން އިތުރުކޮށް އިންޓަނޭޝަނަލް އެއަރޕޯޓެއް އޯވަރ ވޯޓަރ ޓަރމިނަލަކާއި އެކު ތިނަދޫ ސިޓީ ތަރައްގީ ކުރަން ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ތަންފީޒު ކުރުވަން ތިނަދޫ ރައްޔިތުން ނިކުންނަން ޖެހެއެވެ. ތިނަދޫ ރައްޔިތުންނަކީ އެއްވެސް ވެރިއަކަށް ގުނބޯ ހައްދާ ޅޮސް އުނދޯއްޔަށް ލައިގެން ހެއްލޭނެ ބައެއް ނޫނެވެ.