ރައްޔިތުންގެ މަޖިލީހުގައި އިންނެވީ އެންމެ މެންބަރެއް: ޝާހިދު

އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވަނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އިންނެވީ އެންމެ މެންބަރެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި އަދަދު ނުކުރެވޭ ވަރަށް ޕީއެންސީގެ ކޮންޓްރޯލް އޮތަސް މަޖިލީހުގެ ކޮންޓްރޯލް އޮތީ ސީދާ މުލިއާގެ ތެރޭގައެވެ.
ޕީއެންސީގެ ނަމުގައި މަޖިލީހުގައި ތިބީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތަކަށް ވޯޓްލައިދޭން ތިބި ބައެކެވެ. މަޖިލީހުގެ ކޮންޓްރޯލް ޕީއެންސީއަށް އޮއްވާ ގާނޫނު އަސާސީއަށް އެންމެފަހުން ގެނައި ބަދަލުން މިހާރު ކޮންޓްރޯލް އޮތީ ސީދާ ރައީސުލްޖުމްހޫރިއްޔާ މުށުތެރޭގައެވެ. ރައްޔިތުން ނިކަމެތިކޮށް ބިކަ ކޮށްލެވޭނީ މިހާވަރަށެވެ. ރައްޔިތުންގެ އަތުން ބާރުތައް ނިގުޅައިގަނެވޭނީ މިވަރަށެވެ.
އޮނަރަބަލް ޝާހިދު ވިދާޅުވަނީ މިއަދު ސަރުކާރުގެ ފަރާތުން އެމްޑީޕީއަށް ބިރު ދައްކަވަމުން ގެންގޮސްފާނެ ކަމަށެވެ. ދެން ދުވަހަކުވެސް އެމްޑީޕީއަށް ބޯހިއްލާ ނުލެވޭނެއޭ ބުނަމުން ވެސް ގެންދާނެއެވެ. އެހެންނަމަވެސް ސަރުކާރަށް އޮޅިފައިވާ އެއްޗަކީ އަދި ނޭނގޭ އެއްޗަކީ އެމްޑީޕީގެ ފަހުލަވާނުންގެ ހިތްވަރެވެ. ކުރިންވެސް އެމްޑީޕީން އޮންނާނީ މިކަހަލަ ހުދުމުހުތާރު ސަރުކާރުތައް ބަލިކޮށްފައެވެ. މި ސަރުކާރުވެސް އެމްޑީޕީން ބަލި ކޮށްލާނަމެވެ.
" ކުކުޅަށް ކާން އަޅާހެން ރަށްރަށަށް ދޮޅު ޕެކެޓް ކަދުރު ފޮނުވާފަ، ނުކުންނާށޭ ކަދުރު ލިބިފައޭ މިހިރީ. ދޮޅު އިންޗިން ދޮޅު އިންޗިން ބުރިކޮށްގެން، ތޯލާއަކުން މިނެގެން ކަދުރު ބަހަން މި ފެށީ. މިއެއް ނޫން އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގެ މިއަދުގެ ހާލަކަށް ވާން ޖެހޭނީކީ" ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް ވިދާޅުވަނީ " ކަންމަތީ ފިހާރައިން ގަންނަ އެއްޗެއްސަށް، ޓެކްސްގެ ގޮތުގައި އެ ނަގާ ފައިސާ، އެދެނީކީ ސަރުކާރަށް ތާޢީދު ކުރާ މީހުންނަށް ވަޒީފާ ދޭކަށް ނޫން." ކަމަށެވެ. ދިވެހި ރައްޔިތުންނަށް ސިޔާސީ ފިކުރުގެ ތަފާތު ކުރުމެއް ނެތި، އެންމެންނަށް ލިބެން ޖެހޭ ހައްގުތަކެއް ހުރީމާ ރައްޔިތުން އަތުން ނަގާ ފައިސާ ބޭކާރު ނުކޮށް ރައްޔިތުންނަށް ދިނުމަށް ސަރުކާރަށް ޝާހިދު ގޮވާލައްވައެވެ.
ޕީއެންސީ މެމްބަރުން ސަރުކާރަށް ކިތަންމެ ތާއީދެއް ކުރިޔަސް ބޭނުންވާ ބޭސް ނުލިބޭ ކަމަށް ވަންޏާ ދިވެހި ރައްޔިތުން ތަހައްމަލް ކުރާ އެ ދަތި އެމީހުންވެސް ތަހައްމަލް ކުރަން ޖެހޭނެއެވެ.