ވެރިކަން ލިބުމުން ޕީޕީއެމް - ޕީއެންސީން ގާނޫނުއަސާސީ އޮޅާލާ: ޝާހިދު

ޕީޕީއެމް - ޕީއެންސީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގާނޫނު އަސާސީ އޮޅާލާކަމަށް އދގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުން ޤާނޫނު އަސާސީ ބަލައިގެންފައިވަނީ އޭގައި ހުރި އުއްމީދުތަކެއް ހާސިލް ކުރުމަށް ކަން އެމަނިކުފާނު އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޭގައި ފާހަގަ ކުރެއްވިއެވެ.
2008 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އައި އިރު ޕީއެންސީ - ޕީޕީއެމް އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ރާއްޖޭގެ ޤާނޫނު އަސާސީ އޮޅާލާ ކަމަށާއި އެކަމަކު އެމީހުނަށް އެކަމެއް ނުވާނެކަމަށް އެމްޑީޕީގެ ރައީސް ޔަގީން ކަމާއެކު ވިދާޅުވިއެވެ. އެމީހުން ބޭނުންވިޔަސް އެކަން ނުވާނެކަން ރައްޔިތުންނަށް އޮނަރަބަލް ޝާހިދު ހަނދާން އައުކޮށް ދެއްވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެކަން ނުވާނެކަން އެނގެނީ 2013 އިން 2018 އަށް އޮތް ސަރުކާރުންވެސް ހަމަ މި ސަކާރާތް ޖެހިއެވެ. މިހާރު އެ ގެންނަ ބަދަލުތައް ޤާނޫނު އަސާސީއަށް ގެނައެވެ. މަޖިލީހުގެ މެމްބަރުން ބަނދެލަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. ރައްޔިތުން މާޔޫސް ކޮށްލަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރިއެވެ. އިދިކޮޅު ޕާޓީގެ ހުރިހާ ލީޑަރުން ގެންގޮސް ޖަލަށް ލިއެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ ކޯޓުގައި ތިބި ފަނޑިޔާރުން ގެންގޮސް ޖަލަށް ލިއެވެ. މިހިސާބަށް ކަން ކަން ދިޔަކަމީ ހަގީގަތެކެވެ. މިހާ ހިސާބަށް ކަންކަން ދިޔުމުން ޤާނޫނީ ޙައިސިއްޔަތެއް އޮތް ސަރުކާރެއް އޮތް ކަމަކަށް ޤަބޫލު ކުރެވިގެން ނުވާނެ ކަމަށް ކުރީގައި ހާރިޖީ ވަޒީރުކަންވެސް ކުރައްވާފައިވާ އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.
ވަރަށް ސާފުކޮށް ޝާހިދު ވިދާޅުވަނީ ގާނޫނީ ހައިސިއްޔަތެއް އޮތް ސަރުކާރެއް މިހާރު މި ރާއްޖޭގައި ނެތްކަމަށެވެ. " ރާއްޖޭގެ ގާނޫނުއަސާސީއާ ކުޅެފި. ކޯޓުތަކަށް އަތް ބާނައިފި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކަރުގައި ވާ ޖަހައި އެއީ އެންމެ މީހަކު ކޮންޓްރޯލް ކުރާ ތަނަކަށް ހަދައިފި" ޝާހިދު ވިދާޅުވިއެވެ.