މަޖިލިސް އުފެދޭގޮތާއި ސިޔާސީ ހަގީގަތް ދިމާނުވޭ: އައިމަން

މަޖިލިސް އުފެދޭގޮތާއި ސިޔާސީ ހަގީގަތް ދިމާނުވޭ: އައިމަން

މައިނޯރިޓީއަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބިގެން އެމީހުންގެ ވިސްނުމަށް ގައުމުގެ ކަންކަން ބައްޓަންވެގެން ދިޔުމަކީ ގައުމު ހަމަ މަގުން ކައްސާލާފައި އޮންނަ އެންމެ ބޮޑު ސަބަބެވެ. ރައްޔިތުންގެ މައިނޯރިޓީން އުފެދޭ މަޖިލީހެއްގެ ސްޕަމެޖޯރިޓީ ވަކިބަޔަކަށް ލިބިގެން ރައްޔިތުންގެ މަޖިލިސް އުފެދުމަކީ ގައުމުގެ ކަންކަން ފާލު ނައްޓާލާ މައިގަނޑު ސަބަބެވެ. 

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އައިމަން ވެސް ވިދާޅުވަނީ ދެ އިންތިހާބު އެއްކުރުމަކުން ނުވަތަ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން ސަރުކާރަށް މިހާރު ލިބޭގޮތަށް ސްޕަމެޖޯރިޓީ ލިބުން ހުއްޓުމަކަށް ނާންނާނެކަމަށެވެ. މިހާތަނަށް ސަރުކާރުތަކަށް ރައްޔިތުންގެ މަޖިލީހުގެ ސްޕަމެޖޯރިޓީ ލިބެނީ ރައްޔިތުންގެ ސްޕަމެޖޯރިޓީ ލިބިގެން ނޫންކަމަށް ވެސް އޭނާ ވިދާޅުވެއެވެ. 

" ސަރުކާރުތަކަށް ހީވާކަހަލަ އެމީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ސްޕަމެޖޯރިޓީ ލިބެނީ ރައްޔިތުންގެ ސްޕަމެޖޯރިޓީ ލިބިގެންނޭ. އެއީ އެކަމަކު އެ މީހުނަށް ހީވާ ވަރަށް ބޮޑު ކުށްހީއެއް" އައިމަން ވިދާޅުވިއެވެ. އައިމަން ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު އެމްޑީޕީއަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިނުނީ ރައްޔިތުްގެ ޖުމްލަ ވޯޓުގެ 46.83 ވޯޓެވެ. ހަމައެހެން 2024 ގައި ޕީއެންސީއަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބުނީ 47.5 ޕަސެންޓް ވޯޓުން ކަމަށް އައިމަން ވިދާޅުވިއެވެ. 

މަޖިލިސް އުފެދޭ ގޮތާއި ރާއްޖޭގެ ސިޔާސީ ހަގީގަތް ދިމާނުވާކަމަށް އައިމަން ވިދާޅުވެއެވެ. އެހެނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރަން ތިބި ގިނަ މެންބަރުންނަކީ ދާއިރާއަަށް ވޯޓުދިން ރައްޔިތުންގެ އަގުލަބިއްޔަ ވޯޓު ލިބިފައިތިބި ބައެއް ނޫނެވެ. މަޖިލިސް އުފެދުން އެހެން އޮތްހާ ދުވަހަކު އިންތިހާބު އެއްކުރުމަކުން ނުވަތަ ވަކިކުރުމަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ ބާރުކެނޑި ދަތްނެތް ސިންގާ ތަކަކަށް އެތަންތަން ބަދަލުވެ ޗެކް އެންޑް ބެލެންސް ނިޒާމުގެ ވާގިނެތެނީ އެހެން ވެހގެންނެވެ. ސަރުކާރު ޖަވާބުދާރީ ނުކުރެވެނީ އެހެން ވެގެންނެވެ. އަޒުލުކޮށްފާނެ ކަމުގެ ބިރު ނުގަނެ ހިތުހުރި ގޮތަކަށް ރައީސް ދައުލަތް ހިންގަނީ އެހެން ވެގެންނެވެ. 

ދާއިރާތަކުގެ ރައްޔިތުންގެ އަގުލަބިއްޔަތު ތާއީދުނުކުރާ މަންދޫބުންނަކީ ހަގީގަތުގައި ރައްޔިތުންގެ މަންދޫބުންނެއް ނޫނެވެ. ހަގީގީ ރައްޔިތުންގެ މަންދޫބުން ތިބޭ މަޖިލީހަކުން މިހާރު މިފެންނަ ކަހަލަ ގައިރު ޒިންމާދާރު ކަންކަމެއް ނުފެންނާނެއެވެ.