ޔާމީނުގެ އަޅު ކައުންސިލަރުންނަށް ޕްރޮޖެކްޓްތަކެއް ނުހުއްޓުވޭނެ
ރައީސް ސޯލިހުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގައި އަސާސީ ހިދުމަތް ގާއިމުކޮށް ނުދެވޭ އެންމެ ރަށެއް ވެސް ނޯންނާނެ ވާހަކަ ބުނާތީ ބަޔަކަށް ހާދަ ވަރެއް އެބަވެއެވެ. އެކަމާ މޭ ބޮޑުވެ ޔާމީނުގެ އަޅު ކުދިންކޮޅު އަނެއްކާ އާ ކުޅިއެއް ފަށައިފިއެވެ. ރަށްރަށުގައި ކުރެވިފައި ހުރި ކަންކަމާ ކުރެވެމުންދާ ކަންކަން އެއީ ނުވާ ކަންކަމަށް ހަދައިގެން ފިތުނަ އުފެއްދުމުގެ ކެންޕޭން އޮތީ މެކުހަށް ޖަހާފައެވެ. އެކަމަކު ހޭވައްޓާލާފައި ރަށްރަށަށް ގުޅައިގެން އުޅެ އުޅެވެސް ފިތުނައެއް އުފައްދާލަން އުޅޭ ވަރަކަށް އެ ވެރިންނަށް ލިބެނީ ހައްތަހާ ވެސް ކެއްސެވެ.ޕީޕީއެމަށް ގޮސް ހުސްވެފައި ތިބި ކައުންސިލަރުން ލައްވާ އެއްވާނަކަށް ދޮގު ހެއްދުމުގެ ކެންޕޭން އަތަށް ގޮވުންނޫން ކަމެއް ނުވެއެވެ.
ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކަކީ އެކި ފަރާތްތަކަށް ކޮންޓްރެކްޓަށް ދީގެން ކުރެވޭ މަސައްކަތްތަކެއް ކަން ތުއްތު ކުއްޖާއަށް ވެސް އެނގޭނެއެވެ. އެއްބަސްވުމުގައި ސޮއި ކުރާ ތާރީހުން ފެށިގެން މަސައްކަތް ނިންމުމަށް މުއްދަތެއް ދީފާ އޮންނަ ކަންވެސް އެނގޭނެއެވެ. ކޮންޓްރެކްޓް މަސައްކަތީ ޕީޕީއެމްގެ ކައުންސިލަރ ރަވައިގަތީމާ ރޭ ގޮތަށް އޮންނަ ކަމެއް ނުންތާއެވެ.
މަސައްކަތުގެ ކޮންޓްރެކްޓް ނަގާ ފަރާތްތަކުން މުއްދަތަށް ކަންނިންމާ އެ މީހުނަށް ގެއްލުން ނުވާ ގޮތަށް މަސައްކަތްތައް އިންތިޒާމުކޮށްގެން ކުރުމަކީ ކޮންޓްރެކްޓަރގެ ކަމެކެވެ. އެ މީހުން މަސައްކަތް ކުރާނީ ޕީޕީއެމް ކައުންސިލަރ ބޭނުން ވާހާ ގޮތަކަށް ނޫނެވެ. ކޮންޓްރެކްޓަރގެ އެއްބަސްވުމާ އެއް ގޮތަށެވެ. އެވެނި ކަމެއް މިހެން ނުވެޔޭ މިވެނިކަމެއް އެހެން ނުވިޔޭ ކިޔައިގެން ފިތުނަ އުފަންދަނީ ސަރުކާރަށް ކަންކަން ނުވާކަން ދައްކަން ނޫން ހެއްޔެވެ. ތިޔައެއް މިހާރަކު ނުހިނގާނެއެވެ.
ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތައް ހިންގިޔަ ނުދޭން ޔާމީނުގެ އަޅު ކައުންސިލަރުން ލައްކަ ދުއްތުރާ ކުރެއެވެ. ފޭކް ފޮޓޯތައް ހަދައިގެން މީހުނަށް އޮޅުވާލެވޭތޯ އުޅެއެވެ. ގޮތެއް ފޮތެއްނެތް މިފާޑުގެ ކައުންސިލަރުން ކަންކަން ވިޔަ ނުދޭން ކުރެވެން އޮތްހާ ދުއްތުރާލަކާ ޖެއްސުމެއް ކުރަމުން ރަށޭ ރައްޔިތުންނޭ ކިޔައިގެން އަނގަ އެބަ ފުޅާ ކުރެއެވެ. ރަށްރަށުގެ ރައްޔިތުންގެ ލާބަޔަށް ސަރުކާރުން ކުރާ ކަންކަމަށް ހުރަސް އަޅާ ދަތިކުރާ ބަޔަކީ ޔާމީނުގެ އަޅު ކައުންސިލަރުންނެވެ. ޕީޕީއެމްގެ ހުރިހާ ކައުންސިލަރުން ތިބީކީ ރަށުގެ ތަރައްގީގެ ކަންކަމުގައި ޔާމީނު ބުނާހާ ގޮތެއް ހަދާ ރައްޔިތުންނަށް ދަތިކުރާ ވިސްނުމެއްގައެއް ނޫނެވެ. އެހެނެއްކަމަކު ޔަމީނުގެ އަޅު ކައުންސިލަރުންނާ ހެދި ރަށްރަށުގެ އެތައްކަމެއް ލަސްވެ ފަސްވަމުން ދާކަމީ ފެންނަން އޮތް ހަގީގަތެކެވެ.
ރައްޔިތުންގެ ލުއި ފަސޭހައަށް ކުރެވޭ ކަންކަން ކުރުމަށް އެއްބާރުލުން ނުދޭ ޔާމީނުގެ އަޅު ކައުންސިލަރުން ރައްޔިތުންނޭ ކިޔާ އަނގަހުޅުވަން ލަދެއް ހަޔާތެއް ނެތެވެ. ޔާމީނުގެ އަޅު ކައުންސިލަރުން ކިތަންމެ ގަދަފައިވިއްދާ ކަންކަން ވިޔަނުދޭން އުޅުނަސް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކެއް ނުހުއްޓުވޭނެއެވެ. ބަޔަކު ކަނުވެ ބީރުވެފާ ތިއްބަސް ތަރައްގީއާއި ރައްޔިތުންގެ ލުއި ފަސޭހައަށް ރައްރަށުގައި ސަރުކާރުން ހިންގާ ކަންކަން ރަށްރަށުގެ ރައްޔިތުން އުފަލުން ބަލައިގަނެއެވެ. ޒަމާނުއްސުރެ އިހުމާލުވެ އެކަހެރި ކޮށްލާފައި އޮތް ރަށްރަށަށް ލިބޭ ކުރިއެރުން ނުލިބޭ ކަމަކަށް ފަތުރާ ފިތުނަވެރި ވާހަކަ އަކުން ނުހެދޭނެއެވެ. ނިލަންދުއެއް އޭދަފުއްޓެއް ކުޅުދުއްފުއްޓެއް ކިޔާނެ ކަމެއް ނެތެވެ.