ގުރައިދުއަށް ބޭނުން ގިނަކަންތައް ސަރުކާރުން ކޮށްދީފި: އިދިކޮޅު
މަގުހެދުމާ ޓާފްދަޑު މަރާމާތުކުރުން ނޫން ހުރިހާ ކަމެއް ގުރައިދޫގައި ވަނީ ނިމިފަ
ސަރުކާރުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ނުހިނގާކަން ދެއްކުމަށް ޔާމީނު ހިންގާ ފިތުނައިގެ މަޝްރޫއުން ހައްތާ ލިބެނީ ކޮޅު ކެއްސެވެ. ޔާމީނު ނޫން އެހެން އެހެންގޮތެއް އޮތްކަމަށް ގަބޫލުނުކުރާ ކައުންސިލަރުން ލައްވާ ކިތަންމެ ފިތުނައެއް އުފައްދަން އުޅުނަސް ހަގީގަތް ބަދަލެއް ނުވާނެއެވެ.
ޔާމީނުގެ ފުރިހަމަ ކޮންޓްރޯލު އޮތް ކައުންސިލަރުން އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ބޭނުންވަނީ މި ސަރުކާރަށް ކަންކަން ނުކުރެވޭކަން ދެއްކުމެވެ. ސަރުކާރުން ހިންގާން ބޭނުންވާ އެއްވެސް ކަމެއް އެކި ބަހަނާ ދައްކައިގެން ހިންގިޔަ ނުދިނުމެވެ. އެއްބާރުލުން ނުދީ ދަތިކުރުމެވެ. ޔާމީނު އެމީހުން ޕްރޮގްރާމް ކޮށްފައި އޮންނަނީ އެގޮތަށެވެ. އެހެނެއްކަމަކު އަޅު ކުދިންކޮޅު ލައްވާ ޔާމީނު ހިންގާ ފިތުނައިގެ މަޝްރޫއުތަކުން ކުޑަވެސް އަސަރެއް މި ސަރުކާރަކަށް ނުކުރެއެވެ.
ޔާމީނު ވެރިކަން ނިމުނު އިރު: ގުރައިދޫ ބަނދަރު
ރައީސް ސާލިހު ސަރުކާރުން ހަދާދީފައިވާ: ގުރައިދޫ ބަނދަރު
ގައްސާނު މައުމޫނު ގޮނޑި ހޫނުކުރާ ދާއިރާގެ ތ. ގުރައިދުއަކީ ޕީޕީއެމް އަޅު ކައުންސިލެއް އޮންނަ ރަށެކެވެ. މި ސަރުކާރުން ރަށްރަށަގައި ހިންގާ ތަރައްގީގެ އެއްވެސް ކަމަކީ ހިނގާ ކަންކަން ނޫންކަން ދައްކަން ޔާމީނުގެ މައުތު ޕީސް ލައްވާ މީޑިއާގައި ވާހަކަ ފަޅަނީ އެރަށް ރަށުގެ އަޅު ކައުންސިލަރުން ލައްވައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު މި ސަރުކާރުން ގުރައިދޫގައި ވެސް އެތައް ކަމެއް ކޮށްދީފިއެވެ.
މަގުތައް ހެދުމާއި ޓާފް ދަނޑެއް މަރާމާތުކުރުން ނޫން އެއްވެސް ކަމެއް ތ. ގުރައިދޫގައި ނުކުރެވި އޮތް ކަމަކަށް ނުވެއެވެ. ބޮޑު ވާހަކަ އަކަށް ހަދައިގެން ދައްކަން އެނގުނުހާ ވެސް ވާހަކައަކީ މި އަހަރަށް ބަޖެޓްކޮށްފައި އޮތް މަގުހެދުން ލަސްކޮށްފައިވާ ވާހަކައެވެ.
ޓާފް ދަޑެއް މަރާމާތު ކުރުމާއި މަގުތައް ހެދުން ނޫން ކަންކަން ގުރައިދޫގައި ސަރުކާރުން ނިންމާދީފައި އޮތް ކަމަށް އިދިކޮޅުން ވެސް އެބަ ހެކިވެއެވެ. ކަންކަން ކުރިޔަ ނުދޭން ގަދަފައި ވިއްދަމުން ދައްކަނީ ކަންކަން ނުކުރެވި އޮތް ވާހަކައެވެ. ކަމެއް ކޮށްފިއްޔާ ދައްކަނީ ހަރަދު ބޮޑު ވާހަކައާއި ދަރަނީގެ ވާހަކައެވެ.
ގުރައިދޫ ފަދަ ޔާމީނުގެ އަޅުކައުންސިލެއް އޮންނަ ރަށްރަށުގައި ޓާފް ދަނޑުގެ މަރާމާތާއި މަގު ހެދުން ނޫން ރައްޔިތުން ބޭނުންވާ ހުރިހާ މަސައްކަތެއް ކުރެވިފައި އޮތްކަން އިދިކޮޅުން ކަށަވަރު ކޮށްދިނުމުން ރައްޔިތުން ރައީސް ސާލިހުގެ ސަރުކާރު ބަލައިގެންފައިވާ މިންވަރު ހާމަވެގެން ދެއެވެ.