ރިބަވީ ނިޒާމުން އިގްތިސޯދަށް ވަނީ ކެންސަރު ޖެހިފަ

ރިބަވީ ނިޒާމުން އިގްތިސޯދަށް ވަނީ ކެންސަރު ޖެހިފަ

އެމެރިކާގެ ދަރަނި 38 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. މިހާރު އެމެރިކާގެ މުޅި ޖުމްލަ ދަރަނި ހުރީ 38.02 ޓްރިލިއަން ޑޮލަރުގައެވެ. އެމެރިކާގެ ދަރަނި ބޮޑުވެ ސަރުކާރުގެ ބައެއް އިދާރާތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. މާލީ ނިޒާމް ހަރުދަނާ ބިންގަލެއްގެ މަތީގައި ބޭއްވުމަށް އެމެރިކާ ސަރުކާރުން އެޅި ކުއްލި އަވަސް ފިޔަވަޅުތަކެއްގެ ސަބަބުން ހުސްވި އަހަރުގެ ދެވަނަ ކްއާޓަރގައި ބަޖެޓް ޑެފިސިޓް 468 ބިލިއަން ޑޮލަރަށް ވަނީ ތިރިކޮށްފައެވެ. 

އެމެރިކާގެ މާލީ ނިޒާމު ހަރުދަނާ ބިންގަލެއްގެ މައްޗަށް ތިރިކޮށް އެމެރކާގެ އާމްދަނީ އިތުރުވެ، ސަރުކާރުގެ ހަރަދުތައް ކޮންޓްރޯލް ކުރިކުރިހެން ދުނިޔޭގެ އިގްތިސޯދަށް އަރާ ލޮޅުންވަނީ ބޮޑެވެ. އެމެރިކާއަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމާއި، ހަރަދުތައް ކުޑަވުމާއި އަލަށް ތައާރަފުކުރި ޓެރިފްތަކުން އެގައުމަށް ލިބޭ އާމްދަނީގެ ނަތީޖާ ރަނގަޅު ވީވީހެން މުޅި ދުނިޔޭގެ އިގްތިސޯދަށް އަރާ ލޮޅުން ވަނީ ބޮޑެވެ. ޑޮލަރުގެ އަގު އުފުލި އެހެން ނޫނީ ކުރަންނުޖެހޭ އެތައް އިތުރު އެތައް ހޭދައެއް އެމެރިކާ ޑޮލަރަށް ބަރޯސާވެފައިވާ ގައުމުތަކަށް ވަނީ ކުރަންޖެހިފައެވެ. 

ނަތީޖާއެއްގެ ގޮތުން އެމެރިކާ ޑޮލަރަށް ބަރޯސާވާ ގައުމުތަކުގެ އުފެއްދުންތެރިކަން ދަށްވެ ތަކެތީގެ އަގު އަތްނުފޯރާ ވަރަށް ބޮޑުވެގެން ދަނީއެވެ. އެމެރިކާގެ އިގުތިސޯދުގެ ހަކަތަ އިތުރުވަނީ އެހެން ގައުމު ތަކުގެ ދިޔަ ބޮއިގެންނެވެ، ދުނިޔޭގެ އިގުތިސޯދުގައި ދައުރުވާ އެމެރިކާ ޑޮލަރު މަދުވާވަރަކަށް އެހެން ގައުމުތަކުގެ ފައިސާގެ އަގުވެއްޓި ދަރަނީގެ ދަންތުރާގައި ޖެހެން މަޖުބޫރުވެއެވެ.  

އެމެރިކާ އެހާލުގައި އޮތްއިރު ނުފޯރާފޮތިން ފޫގެޅުން އާދަވެފައިވާ ދިވެހި ރާއްޖެއަށް ޖެހޭނެ ހާލު ވިސްނާލާށެވެ. ‏އެއްވަޅުގަނޑަށް ފަސްއަޅަން އެއަށްވުރެ ފުންވަޅުގަނޑެއް ކޮނެގެން ނޫނީ ސަލާމަތެއް ނެތް ކަމަށް ގަބޫލުކުރެވި ދަރަނީގެ ދަންތުރައިގައި ޖެހި މިވަނީ ހަފުސް ވެފައެވެ. ދަރަނި އަދާކުރަން ބޮޑު އިންޓްރެސްޓެއްގައި ލޯނު ނަގައިގެން ސަލާމަތްވެދާނެ ކަމަށް ހީކުރުމަކީ ހާދަހާވާ މޮޔަކަމެކެވެ. ރިބަވީ ނިޒާމުގެ ދަށުވެ ގައުމުގެ އިގްތިސޯދަށް މިވަނީ ކެންސަރު ޖެހިފައެވެ.   

ދަރަނީގެ ދަންތުރައިން ދިވެހި ރާއްޖެ ސަލާމަތް ކުރުމުގެ ގާބިލުކަމެއް ރައީސް މުއިއްޒުގެ ސަރުކާރުގައި ވެސް ނެތެވެ. ދަރަނި ދައްކަން އިތުރު ދަރަނި ނެގުން ނޫންކަމެއް ކުރަން އެނގޭ ބަޔަކަށް މިސަރުކާރު ނުވިއެވެ. ކޮރަޕްޝަނާއި އިސްރާފުގައި ހައްދު ފަަހަނައަޅާފައި ވާއިރު ސަރުކާރު ހިންގުމަށް ކުރާހޭދަ ދުވަހެއް ދުވަހަކަށް ކުރަނީ ބޮޑެވެ.