ޝިއުނާ އަށް: ގަދަކަމަނާ ހެދެން ހަދައިގެން ވެވެނީ ބަރަހަނާ

ޝިއުނާ އަށް: ގަދަކަމަނާ ހެދެން ހަދައިގެން ވެވެނީ ބަރަހަނާ

ކަންކަމުގައި ހޭދެބައިވެގެން ވާހަކަ ދެއްކުމަކީ ޝިއުނާގެ ފުށުން އަލަކަށް ފެނުނު ކަމެއް ނޫނެވެ. ސައިޒަށްވުރެ ބޮޑު ބޫޓަކަށް އެރުނީމާ ވެސް ވާނީ އެހެންނެވެ. ފައި ހޫރާލާއިރަށް ބޫޓުކިބަ ނެއްޓިގެން އެނބުރިއައިސް ތިޔަ ޖެހެނީ އަމިއްލަ ބޮލުގައެވެ. 

ނޫނޭވާ ޝިއުނާއަށް މިގައުމުގައި ކާކު ކުރީކީއްކަން ވަރަށް އެބަ އެނގެއެވެ. ތިމާވަރު މީހަކު ނެތިގެން އާއްމުކޮށް އަނގަ ދިޔާކުރާއިރު ތިމާއަށް ތަންދޮރު ނޭނގޭކަން އަމިއްލައަށް ތިޔަ ހާމަ ކޮށްދެނީއެވެ. ޝިއުނާ ކަންކަމުގައި ރައްދުދީ ވާހަކަ ދައްކަނީ އެއްވެސް އެއްޗެއް އެނގިގެން ނޫންކަން އަމިއްލައަށް ތިޔަ ފަލީހަތް ވަނީއެވެ. 

އުސްތާޒު ހުސްނުއްސުއޫދު ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވީ ދަށު ކޯޓެއްގެ ފަނޑިޔަރުކަން ވެސް ނުކޮށް ކަމަށް ބުނެ ކަނޑައެޅިގެން މާސިންގާ ދޮގެއް ފަތުރާލީ ކާކަށް ކޮން އެއްޗެއް އޮޅޭނެ ކަމަށް ހެއްޔެވެ. އުސްތާޒު ސުއޫދަކީ ދިވެހިރާއްޖޭގެ މަދަނީ ކޯޓުގެ އިސް ގާޒީކަން ކުރައްވާފައިވާ ބޭފުޅެއްކަން ނޭނގޭ މީހަކު މީހުންގެ ތެރެއަށް ނިކުމެލާ ނޫޅޭނެއެވެ. 

ހުސްނުއްސުއޫދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެވުނީ ފަނޑިޔާރު ކަމުގެ އެއްވެސް ތަޖުރިބާއެއް ނެތިކަމަށް ބުނެ ޝިއުނާ ފޮނުއެރުވުމުން ސުއޫދުގެ އިއްޒަތުއްނަފްސަކަށް ލިބޭނެ އުނިކަމެއް ނެތެވެ. އެކަމުން ބޮޑަށް ހާމަވެގެން ދިޔައީ ޝިއުނާގެ ގޮތް ނެތް ކަމެވެ. ތަންދޮރު ނޭނގޭ ކަމެވެ. ޝިއުނާ ދައްކާ ވާހަކައިގެ އިތުބާރެއް ނެތްކަމެވެ. ގަދަކަމަނާ ހެދެން ހަދައިގެން ވެވެނީ ބަރަހަނާއެވެ. 

އިންޑިއާގެ ބޮޑުވަޒީރު ލަކުޑިދީބު ރަށެއްގެ މޫދަށް އެރެލާ ގޮނޑު ދޮށުގައި ހިނގާލުމުން ދުނިޔެ ރަންވެގެން އުޅުނު މަންޒަރު ވެސް ދުށީމެވެ. އަނގަ ގަދަ މިތުރު ހެދިގެން ތެޅެގަތް ވައްތަރުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުންތަކެއް ގައުމަށް ދިންތަން ދުށީމެވެ. އެ އޮތް ބޮޑު އުތުރުކަރަ އެކުގައި ނިކުމެ ރާއްޖެ ބޮއިކޮޓްކޮށް ދުނިޔެއަށް ރާއްޖެ ގިނަކޮށްލި ސަބަބަކަށް ޝިއުނާގެ ރޯނު އެދުރުކަން ވެގެން ދިޔައެވެ.

ދުނިޔޭގެ އާޖުފާޖު ނޭނގި އޭރު އެޖެހި ސަކަރާތުން އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ރާއްޖެއަށް ލިބުނެވެ. އެންމެ ފަހުން އިންޑިއާގެ ފައިބުޑަށް ތިރިވެ ބޯ ގުދުކޮށްގެން މޯދީ ތުބުން ވެއްޓޭ ބަތްފުށް ކެއުންނޫން ގޮތެއް ނެތް ހާލަތަށް އިންޑިއާއިން ޝިއުނާމެން ދަނޑިމަތި އަބުރާ ސަރުކާރު ތިޔަ އޮތީ ވައްޓާލާފައެވެ. ހަމަ ތެދެކެވެ. މިނޫން ދުވަހަކުން ޝިއުނާމެން ގަސްދުގައި ރާއްޖެއަށް ގެއްލުމުގެ ބަދަލު ދޭންޖެހޭނެއެވެ. ތައްޔާރަށް ހުންނާށެވެ.