ފުލުހުންގެ އިހުމާލުން އިންސާފު ނުލިބޭ އެތައް މަރެއް!

ފުލުހުންގެ އިހުމާލުން އިންސާފު ނުލިބޭ އެތައް މަރެއް!

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ފަހުން 13 އަހަރު ވެއްޖެއެވެ. ހަގީގަތް ހޯދަން ނުފޮރޮޅާ ގަލެއްނެތެވެ. ހޯދުނު ހަގީގަތެއްނެތެވެ. ހޯދުނު އިންސާފެއް ނެތެވެ.

ރިލުވާން ގެއްލުނު ފަހުން 11 އަހަރު ވެއްޖެއެވެ. ވީކިހިނެތް ކަމެއް ގެއްލުނު ސަބަބެއް ނުހޯދުނެވެ. ގަބޫލުކުރެވޭ ވަރުގެ ތަހުގީގެއްކުރެވި ރިލުވާނުގެ އާއިލާއަށް އިންސާފެއް ހޯދައެއް ނުދެވެއެވެ. 

ބްލޮގަރ ޔާމީނު ރަޝީދު މަރާލިތާވެސް 8 އަހަރު ވެއްޖެއެވެ. ނަމަކަށް ކަމެއްކޮށް މަރުގެ ހަގީގަތް ފޮރުވައި ނިމިއްޖެއެވެ. އިންސާފު ލިބުނު ކަމުގެ އިހުސާސް އާއިލާއަށް ކޮށެއް ނުދެވުނެވެ. 

ރައުދާގެ މަރުގެ ހަގީގަތެއް ނުހޯދުނެވެ. ރައުދާގެ މަރާގުޅިގެން ރައުދާގެ ބައްޕަ ކުރާތުހުމަތު ތަކުގެ ހަގީގަތް ހޯދަން ކުޑަވެސް ސަމާލުކަމެއްނުދީ ތިބީ ލޯމަރައިގެންނެވެ.  

ލައިޓް ސިގްނަލް ކޮޓަރިއެއްގެ ތެޜޭގައި މަރުވެފާތިބި ދެމަފިރިންގެ މަރުގެ ހަގީގަތް ނުބަލާ ލޯބިންގުޅޭ ދެހިތެއް ސަފުން ވަކިނުވާނެޔޭ ކިޔާ ވަޅުލާ ނިންމާލީއެވެ. 

ދަތުރު ގޮސް އުލެނިކޮށް ގެއްލުނު ތަސްލީމު މުހައްމަދަށް ވީނުވީއެއް ނޭނގި އަހަރުވެގެން ދިޔައީއެވެ. ހޯދުނު ހަގީގަތެއް ލިބުނު އިންސާފެއް އަދިނެތެވެ. 

ބެލްކަނިން ވެއްޓި މަރުވުމުން އަވަސް އަރުވާލައިގެން މެންދަމު ވަޅުލި ދޮން ދަރިއެއްގެ މަރުގެ ތަހުގީގު ބޯމަތިން ދިޔަގޮތް ނުދަންނަ މީހަކު ނެތެވެ. 

ބަންޑުންޖަހާލި ޑިންގީއެއްގައި ހުރި މިރުސްތަށި ހުރިގޮތަށް ހުއްޓާ އެޑިންގީގައި ހުރި ފުލުސްމީހާ ކަނޑަށް ވެއްޓި ގެއްލުން ކަހަލަ ކިތަންމެ މައްސަލައެކެވެ. ނިދަންވަނތް ގޮތަށް ނުނިކުމެ އޮއްވާ މަރުވި ސިފައިންގެ އޮފިސަރ އަހުމަދު އާތިފުގެ މަރު ފަދަ ކުއްލި މަރުތަކުގެ ހަގީގަތް ހޯދުމެއް ނެތި މަރުވީމާ މަރުވީކަމަށް ނިންމާލާ ފައިލްކޮށްލާފާ ހުރީ މަދަބައިވަރެއް ނޫނެވެ. 

ހުރުމަތްތެރި ވެގެންވާ ފުރާނައާއި ގުޅުންހުރި އެކިވަރުގެ މިކަހަލަ އެތައް މައްސަލައެއްގެ އިންސާފު ހޯދާނުދީ އޮއްބާލައިގެން ތިބެ ވާޖިބަށް ހުރަސްއަޅާ ވާހަކަ ފުލުހުން ނުދައްކާށެވެ. މުދަލާއި ފައިސާއާއި އަނިޔާއާއި މައްސަލަތަކުގެ އިންސާފުގެ ވާހަކަ އަދި އޮތީއެވެ. މާތްކަލާނގެ ރަސްކަންފުޅު ގަންދީ ހުވާކޮށްގެން ފުލުހުންގެ ޔުނީފޯމްގައި ތިބެ ފުލުހުން ހިންގާ ޖަރީމާތަކާއި ސިޔާސީ ނުފޫޒުގައި ފުލުހުންގެ ހުރުމަތް އަމިއްލައަށް ކަނޑާލާ ގޮތުގެ ވާހަކަވެސް އަދި އޮތީއެވެ. ރައްޔިތުންނަށް ގެއްލިފައިވާ އިތުބާރު ނުހޯދާ މުޒާހަރާ ރޫޅުމާއި ފޯނުކޯލް އަޑުއެހުމާއި ޓޯކުރުން ނޫނީ ފުލުހުންނަށް ވާޖިބެއް ނޯންނަނީ ތާއެވެ.