އަމާންކަން ހޯދާނުދެވެންޏާ ކީއްކުރަންތިބޭ ފުލުހުންނެއް
ހައްދާ މޮޅު ހެޑްލައިނަކުން ޒިންމާއިން ނުރެކެވޭނެ!
މާލެއަކީ ނުރައްކާތެރި އަމާންކަމެއް ނެތްތަނަކަށް އަނެއްވެސް އަންނަނީ ބަދަލުވަމުންނެވެ. ރައްކާތެރިކަމާއެކު އެނބުރި ގެއަށް ވަދެވޭނެކަމުގެ ޔަގީން ކަމެއް ނެތް ތަނަކަށް އަނެއްކާވެސް މާލެ ބަދަލުވެއްޖެއެވެ. މަގުތަކާއި ކެފޭތަކާއި ހޮޓާތަކަކީ ރައްކާތެރިކަން ލިބިގެން ތިބެވޭ ތަންތާކަށް މިހާރަކު ނުވެއެވެ. މަގެއް މައްޗަށް ނިކުތަސް ކެފޭއެއްގެ ތެރޭގައިވެސް ފުރާނަ އަތްމައްޗަށް ލައިގެން ސިހިސިހި ތިބުން ނޫން ގޮތެއް އެއްވެސް މީހަކަށް މިހާރު ނެތްކަހަލައެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭގޮތުގައި މިހިނގާ ޑިސެމްބަރ 14 ވަނަ ދުވަހުގެ ރޭވެސް މާލޭގައި ނުރައްކާތެރި އަނިޔާވެރި އެތައް ކަމެއް ހިނގައިފިއެވެ. ފުލުހުން ބުނާ ގޮތުން ޑިސެމްބަރ 14 ވަނަ ދުވަހުގެ ރޭ އެކަނިވެސް ނުރައްކާތެރި 3 ހާދިސާއެއް ވަނީ ހިންގާފައެވެ.
- ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ބަޔަކު މުނިޔާމަގު ދި ރިޕަބްލިކް ކެފޭ ތެރެއަށް ވަދެ މާރާމީރީ ހިންގި ކަމަށް 2024 ޑިސެންބަރު 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯރޓް ކޮށްފައިވާ ކަމަށް ވެއެވެ.
- 06 މީހަކު ސައިކަލްގައި އައިސް ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުމުގައި ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމަށް 2024 ޑިސެމްބަރ 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯރޓް ކޮށްފައިވެއެވެ.
- ފިލިގަސްމަގު ނޫރު މިސްކިތް ކައިރީގައި ބަޔަކު މީހުން މާރާމާރީ ހިންގި މައްސަލައެއް ވެސް 2024 ޑިސެމްބަރ 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯރޓް ކޮށްފައިވާ ކަމަށްވެއެވެ.
އަނެއް ކޮޅުން 2024 ޑިސެމްބަރ 12 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއް ކަމަށްވާ ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ. މިހުރިހާ މައްސަލައެއްވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ އޮފީހުން މައުލޫމާތު ދެއެވެ. ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފާހަގަ ކޮށްލެވޭ ކަމަކީ ބުނެވިދިޔަ ހުރިހާ މައްސަލައެއްވެސް ފުލުހުން ތަހުގީގު ކުރަމުންދަނީ ބަޔަކު ރިޕޯޓް ކުރުމުންކަމެވެ. ބަޔަކު ރިޕޯޓް ނުކުރަނީސް ފުލުހުންނަށް ފެނިގެން އެނގިގެން ތަހުގީގު ކުރަމުންދާކަމެއް، ހުއްޓުވިކަމެއް ނެތުމަކީ އަޖައިބެއް ކަހަލަކަމެކެވެ. އިރުއިރުކޮޅުން މީހުނަށް ދައްކަން މަގުމަތީގައި ފުލުހުން ބޭތިއްބިޔަސް އަމާންކަން ހޯދާ ނުދެވެންޏާ ކީއްކުރަން ތިބޭ ފުލުހުންނެއް ހެއްޔެވެ.
އަމާންކަމާ ރައްކާތެރިކަން ކަށަވަރުކޮށް ނުދެވެންޏާ ކޮންމެ ފަސް މިނެޓަކުން ފުލުހަކު ފެނުމުގެ ބޭނުމެއް ނެތެވެ. އަމާންކަމާ ރައްކާތެރިކަން ކަށަވަރުކޮށް ނުދެވެންޏާ ތަހުގީގުތަކުގެ އަދާހަމަ އެނގުމަކުން ރައްޔިތަކަށް ލިބޭނެ ތަސައްލީއެއް ނުއޮންނާނެއެވެ. މާލޭގެ މަގުތަކާއި ގޯތިގެދޮރާއި ވިޔާފާރިތަކަކީ ރައްކާރެރި އަމާން ތަންތަން ކަމުގައި ހެދުމަށް ކުރަންޖެހޭ ވަރަށް މަސައްކަތް ނުކޮށް މޮޅު ގޮތްގޮތަށް މީޑިއާގައި ހެޑްލައިން ހެއްދުމަކުން މުޖުތަމައު ސަލާމަތެއް ނުކުރެވޭނެއެވެ.