ސާޖިދާ އުޅުއްވަން ތިޔަ އުޅުއްވަނީ މާ އައްޗިކޮށް
ރައީސަށް އޮންނަ މުސާރައިގެ 33%އަށް ވާހާ ފައިސާ ފަސްޓް ލޭޑީއަށް ދޭ
ސިވިލް ސާވިސް މުއައްޒަފުން އަމަލުކުރަން ޖެހޭ ގާނޫނު ތަކަކާއި ގަވައިދު ތަކަކާއި ހަމަތަކެއް ހުރެއެވެ. ސިވިލް ސާވިސްގެ ކޮންމެ މުއައްޒަފަކަށް ވެސް އެ މީހެއްގެ މަގާމުގެ ހައިސިއްޔަތުން ކުރަން ލާޒިމު ކުރާ ކަންތައްތަކެއް ހުރެއެވެ. ވަކި ގަނޑިއަކަށް ވަކިތާކަށް ހާޒިރުވެ މަސައްކަތް ކުރަންޖެހެއެވެ. ޗުއްޓީ އާއި ސަލާން ބުނުމުގެ އުސޫލުތަކެއް އޮވެއެވެ. ރަސްމީ މަސައްކަތުގެ ގަޑިއެއް ކަނޑައެޅިފައި އޮތުމާއި އެގަޑީގައި އެނޫން ކަންކަން ކުރަން ވަޒީފާގެ މަސައްކަތާ ދުރުގައި އުޅުމަކަށް ހުއްދައެއް ނުވެއެވެ. ހައިރާކީގެ ގޮތުން ކިޔަމަންތެރިކަން އަދާކުރަންޖެހޭ ވެރިން ތަކެއްވެސް ކޮންމެ މުއައްޒަފަކަށް ތިބެއެވެ. އަދާކުރާ ވަޒީފާއަށް ކަނޑައެޅިފައި އޮންނަ އުޖޫރައަކާ އިނާޔަތްތައް ވެސް ހުރެއެވެ.
ސިވިލް ސާވިސްގެ ކޮންމެ ފެންވަރެއްގެ މުއައްޒަފަކު ވެސް ދުވަހުން ދުވަހަށް މަސައްކަތް ރިޕޯޓް ކުރަން ޖެހޭ ވެރިއަކު ހުރެއެވެ. ހަމަޖެހިފައި އޮންނަ އުސޫލުން ވަޒީފާގެ ޒިންމާތައް އަދާނުކުރެވޭ މުއައްޒަފުންނާމެދު ފިޔަވަޅު އަޅަން އުސޫލުތައް އޮވެއެވެ. އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ޖެހޭ ވަގުތުގައި ނާޅައިފިނަމަ އެއީވެސް އެކަންކުރަން ތިބޭ ބަޔަކަށް އަދަބުލިބޭ ކުށެވެ. ކުޑަމިނުން ޗުއްޓީނަގާ ސަލާން ބުނެ ހެދުމުގައިވެސް މިންވަރަކާއި ގޮތްތަކެއް ކަނޑައެޅިފައި އޮވެއެވެ.
ތެދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނަކީ ރަމްޒީ ބޭފުޅެކެވެ. ސަރުކާރު ހިންގުމުގެ އެއްވެސް ކަމެއްގައި އަމަލީގޮތުން އުޅުއްވަން ޖެހި ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެހެނެއްް ކަމަކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުންނަށް ވީތީ އެބޭފުޅަކަށް ދައުލަތުން އިނާޔަތް ދިނުން ގާނޫނު ލާޒިމުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައަޅާފައި އޮންނަ މުސާރައިގެ 33%އަށް ވާހާ ފައިސާ ފަސްޓް ލޭޑީއަށް އިނާޔަތުގެ ގޮތުގައި ދޭން ޖެހެއެވެ.
އަނެއްކޮޅުން ފަސްޓް ލޭޑީގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ ހާއްސަ ޕްރޮޓޮކޯލް ތަކެއް ވެސް ހުރެއެވެ. ރަސްމީ ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގާ ބޭރު ގައުމުތަކަށް ވަޑައިގަންނަވަން ޖެހެއެވެ. ރަސްމީ އެތައް އިހުތިފާލެއްގައި ރަސްމީ ގަޑީގައި ރަސްމީކޮށް އުޅުންވަން ޖެހެއެވެ. ބޭރު ގައުމު ތަކުން ރާއްޖެއަށް ވަޑައި ގަންނަވާ އިއްޒަތްތެރިންނާ ބައްދަލުކުރެއްވުމާ އަދާ ކުރައްވަން ޖެހޭ ރަސްމީ ޕްރޮޓޮކޯލްތައް ފަސްޓް ލޭޑިގެ ހައިސިއްޔަތުން ފުރިހަމަ ކުރައްވަން ޖެހި ވަޑައިގަންނަވައެވެ. މިހެން ގޮސް އެތައް ބައިވަރު ކަންކަން ކޮންމެ ދުވަހަކު ހުއްޓާ ނުލައްވާ ކުރައްވަން ޖެހި ވަޑައިގަންނަވާ ބޭފުޅަކަށް ފަސްޓްލޭޑީވެއެވެ.
ސިވިލް ސާވިސް މުއައްޒަފަކު ފަސްޓްލޭޑީ ކަމުގައި ހުރެގެން ރައީސްގެ އަބިކަނބަލުންގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ ރަސްމީ ކަންކަން ސިވިލް ސަރވިސްގެ ގާނޫނާ އެއްގޮތަށް ވަޒީފާ އަދާ ކުރެވުމަކީ މުސްތަހީލު ކަމެކެވެ. ބޭނުންހާ ގަޑިއެއްގައި ޗުއްޓީ ހޯދުމާއި ސަލާން ބުނުމާއި ވަޒީފާގެ ވާޖިބުތައް ތަރުތީބުން އަދާ ނުކޮށް ސިވިލް ސާވިސްގައި ވަޒީފާ އަދާކުރުމަކީ ވެވޭނެ ކަންކަމެއް ނޫނެވެ. ފަސްޓްލޭޑީ ކަމަށް ސިވިލް ސަރވިސްގެ މުއައްޒަފަކު ފަސްޓްލޭޑީއަށް ވުމުން އެހެން މުއައްޒަފުންނަށް ނޯންނަ އިމްތިޔާޒެއް ދެވޭނެ ހާއްސަ ހާލަތެއްވެސް ސިވިލްސާވިސް ގާނޫނަކު ނުއޮވެއެވެ.
ފަސްޓްލޭޑީގެ ގޮތުގައި ހުންނަވާ ބޭފުޅަކަށް ސިވިލް ސާވިސްގެ މުއައްޒަފެއްގެ ގޮތުގައި އަމަލީކޮށް އުޅުއްވުމަކަށް ފުރުސަތެއް ހަގީގަތުގައި ނެތެވެ. ފަސްޓްލޭޑީއަށް ވުމުން އަމަލީ މަސައްކަތަށް ނުނިކުންނަވާ ފަސް އަހަރަށް ނޯޕޭ ލީވެއްގައި ސިވިލް ސާވިސް މުއައްޒަފަކަށް ހުރެވޭނެ އުސޫލެއް އަދި ތަޢާރަފް ވެފައެއް ގާނޫނުގައި ނެތެވެ.
އަނެއްކޮޅުން ރައީސް ކަމުގައި ހުންނަ މީހަކު އެއްވެސް އެހެން ވަޒީފާއެއް އަދާ ނުކުރާން އޮންނަނީ ކަމެއް ވެގެންނެވެ. ފަސްޓްލޭޑީއަކީ ރައީސްގެ ޒާތީ ދިރިއުޅުއްވުމުގެ އެއްބައެވެ. ސިވިލް ސާވިސްގެ މުއައްޒަފެއްގެ ގޮތުން ވިޔަސް ފަސްޓްލޭޑީ އެހެން ފަރާތެއްގެ ބާރުވެރި ކަމުގެ ދަށުގައި ހުރުމަކީ ގާނޫނުގެ ރޫހެއް ނޫނެވެ. އެކަމަކީ ރައީސްގެ މައްޗަށް ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ނުފޫޒެއް ފޯރުވުމަށް ފުރުސަތު އޮތްކަމެކެވެ. ފަސްޓްލޭޑީއަށް ހާއްސަ އިނާޔަތެއް ގާނޫނުން ކަނޑައެޅިފައި އޮންނަނީ އެހެން ވެގެންނެވެ. ސީދާ ބަހުން ގާނޫނަކުން ކަމެއް މަނާ ނުކުރުމަކީ އެކަމެއް ކުރަން އޮތް ހުއްޖަތެއް ނޫނެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފަސްޓް ލޭޑީގެ ގޮތުގައި ހުންނަވައިގެންވެސް ސިވިލް ސާވިސްގެ ވަޒީފާއަށް ނިކުންނެވުމަށް ގަދަފައި ވިއްދަވާ ހުއްޖަތް ގާއިމު ކުރައްވަން އުޅުއްވާތީ ހައިރާން ވެއެވެ. ބައެއް ކަންކަމަކީ ބައެއް ހާލަތްތަކުގައި ކުރެއްވީމާ ނިކަން ހުތުރު ކަންކަން ކަމެވެ. ފަސްޓްލޭޑީ ކަން ލިބި ވަޑައިގެންނެވުމުން ވެސް ސާޖިދާ އުޅުއްވަން ތިޔަ އުޅުއްވަނީ މާ އައްޗިކޮށެވެ.