އަމިއްލަ ލޮލުން ދުނިޔެ ނުދެކި ބާކީ ނޫވޭ!
ވަށައިގެން ހިނގާހާ ކަމެއް ހިނގާނީ ތިބާ އެދޭ ގޮތް ގޮތަކަށް ނޫން.
ރަންކޮޅާއެވެ. ބާކީނުވާށެވެ. ތިބާގެ ދުނިޔެ ތިބާގެ ލޮލުން ދެކޭށެވެ. މީހެއްގެ ލޮލުން ތިބާގެ ދުނިޔެ ނުބަލާށެވެ. ތިބާ އަހަނީ މީހަކު އިއްވި އަޑެއް ނޫނެވެ. ތިބާ ބުނަންވާނީ ތިމާގެ ބަހެވެ.
މީހަކު ދެއްކިއެއްޗެއް ބަލާ މީހަކަށް ފެންނާނީ މީހަކު ދެއްކި އެއްޗެއް ދެއްކި ގޮތަކަށް ދެއްކިވަރަކަށެވެ. މީހަކު ބުނާ އެއްޗެއް ބުނާމީހަކު އަބަދުވެސް ބުނަންޖެހޭނީ މީހަކު ބުނިއެއްޗެއް ބުނި ގޮތަކަށެވެ. މީހަކު އިއްވި އެއްޗެއް ނޫނީ ނާހާ މީހަކަށް އިވޭނީ އިއްވާ މީހާ އިއްވި އެއްޗެއް އިއްވިގޮތަކަށެވެ.
އިންސާނާ އަކީ އަމިއްލަ އަމީރެކެވެ. ތިބާގެ ނަފްސްގެ މައްޗަށް ބަރު ފޯރުވާނީ ތިމާއެވެ. ތިބާގެ ވަށައިގެން މައްޗާއި ތިރިއާއި ކުރިމައްޗާއި ފަހަތާއި އަރިމަތި އޮތްކަން ތިބާ ދަންނަން ޖެހެއެވެ. ކަންކަމުގައި ފައިގެ ބޮޑުވާ އިނގިލި ކުރިއަށް ވުރެ ދުރު އޮތްކަން އެގެން ޖެހެއެވެ. ތިޔަ ޖިސްމުގެ ވަށައިގެން ތިޔަ ކަހަލަ ނޫނަސް އެތައް ޖިސްމަކާ ދިރުމެއް އޮތްކަން ތިބާއަށް އެގެންވާނެއެވެ.
ވަށައިގެން ހިނގާހާ ކަމެއް ހިނގާނީ ތިބާ އެދޭ ގޮތް ގޮތަކަށް ނޫނެވެ. ހޮދު ތިމާގެ އަމިއްލަ ނަފްސްގައި ވެސް ތިމާއަށް ބާރު ނުފޯރުވޭ އެތައް ކަމެއް ހިނގަހިނގާ ހުރޭ ނޫން ހެއްޔެވެ. އެހެން ކަމަށް ވާއިރު ވަށައިގެން ހިނގަހާ ކަމަކީ ތިބާ ބޭނުންހާ ގޮތަކަށް ހިނގާނެ ކަންކަމެއް ނޫނެވެ.
ކަންކަން ތަރުތީބުވެ ހިގާ ގުދުރަތީ އަދާލަތުން ބޭރަށް ތިބާއަށް ނުދެވޭނެކަން ފުރަތަމަ ތިބާ ދަތުން ބޭނުމެވެ. ވަކި އެކަކު އެކަނި ބޭނުންވާހާ ގޮތަކަށް ތިބީންގެ ހުރިހާ ކަމެއް އޮބަހައްޓަން އުޅުނަސް އެކަމެއް ނުހިނގާނެއެވެ. ބައެއްފަހަރު ބައެއް މީހުންނާއި ބައެއް ފަހަރު އެންމެން މޮޔަ ހެއްދުނަސް އެންމެނަކު އަބަދަކު އެކަކަށްވެސް މޮޔައެއް ނުހެއްދޭނެއެވެ.
ރާއްޖޭގެ ސިޔާސީވެށިން އެކަނިވެސް އެހުރީ އެކަންކަން ދިމާލަށް ފެންނާށެވެ. ދިގު ތިރީސް އަހަރުގެ މައުމޫނިޒަމް އެފުށް މިފުށަށް ޖެހިގެން ދިޔައިރުވެސް މައުމޫނަކީ އެނޫން މިހަކު ނެތްކަމަށް ބަޔަކު މީހުން ދުށް މީހެކެވެ. އޭރު ގިނަ ބަޔަކު އެމީހުންގެ ދުނިޔެ ބެލީ މައުމޫނުގެ ލޮލުންނެވެ. އެކަމަކު މިއަދަކީ އެދުވަހެއް ނޫނެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ލޮލުން ދުނިޔެ ދެކޭ މީހުން މިއަދު ލައްކަ ގިނައެވެ. އެހެނަސް އެހަގީގަތްވެސް ބަދަލުވަމުން ދާލެއް ލަހެއް ނޫނެވެ.
ތިބާގެ ވަށައިގެން އެންމެ ކައިރިން ފެށިގެން މި އޮތް ބޮޑު ކާއިނާތުގައި ހިނގާހާ ކަންކަމަށް އަމިއްލަ ސިކުނޑިން ވިސްނާލުމުން ތިމާ ފަދަ އަނެއް އިންސާނާއަށް ތިބާ އަޅުވެތި ވެވޭ ވަރު އިހުސާސް ކޮށްލެވޭނެއެވެ. އަމިއްލަ ލޮލުން ތިމާގެ ދުނިޔެ ނުދެކޭ މިންވަރު އިހުސާސް ކުރެވޭނެއެވެ. މީހަކު ދެއްކި އެއްޗެއް ދެއްކި ވަރަކަށް ބަލައިގެން އުޅެވޭ ވަރު ވަޒަން ކޮށްލެވޭނެއެވެ. ތިމާއަށް ދުނިޔެ ދައްކާ މީހާގެ މަވެތިކަމާއި އަޅުވެތި ކުރުވުމުގެ ބޮޑުކަން ވަޒަން ކޮށްލެވޭނެއެވެ. އެއްވާހަކަ ދެފަހަރު ދެގޮތަށް ދައްކާ ވަސްވާސް ތަކުގައި ތިމާ ބަނދެލެވިފައި ވާވަރު އިހުސާސް ވާނެއެވެ.
އެކަކު އަނެކަކު ދެކެ ވާލޯތްބާއި ކުރާ އިހުތިރާމާއި ކިޔަމަންތެރި ކަމަކީ އަޅުވެތި ކުރުވުމުގެ އީމާނަށް ވެވިފައިވާކަން ގަބޫލު ކުރެވެނީ ތިމާއާއި ހަމައަށް އެކަންކަމުގެ ނުސިޔާނު އަސަރެއް ފޯރީމައެވެ. ލޮލުމައްޗަށް ވެއްޓިފައިވާ ފަރުދާ ކަޝްފުވެ ދުނިޔެ ދެއްކި މީހާގެ އަސްލު ސިފަ ފާޅުވާއިރު ތިބާއަށް ތިބާގެ ދުނިޔެ ނުލިބޭ ވަރަށް އޮންނަނީ ފަސްވެ ލަސްވެފައެވެ. އަމިއްލަ ލޮލުން އަމިއްލަ ދުނިޔެ ނުބެލުނު ކަމުގެ އުގޫބާތުގައި ބަނދެވި ނުނެއްޓެވޭ ވަރުވެފައެވެ.