މާލޭގެ ޓްރެފިކް: ހަމައެއް ލަމައެއް ނެތް

ކަމެއް ހައްލުކުރުމަށް ޕާސްޕެކްޓިވް ނުވަތަ ނަޒަރިއްޔާތު ބަދަލުކުރުން މުހިންމު

މާލޭގެ ޓްރެފިކް: ހަމައެއް ލަމައެއް ނެތް

~ ހިލް ހިލްމީ ~

މާލޭގެ މަގުމައްޗަށް ދިމާވެފައިއޮތް ބޮޑު މުސީބާތަކީ ހަމައެކަނި މިތާ ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ މައްސަލައެއްނޫނެވެ. މިއީ ފަތުރުވެރިން މާލެއަށް ޒިޔާރަތް ކުރުމަށްވެސް ހުރަސްއެޅިފައިވާ، ހައްލުކުރުން ކޮންމެހެން ލާޒިމް މައްސަލައެކެވެ. ހަނި މަގުތަކާއި، ދުވަހެއްދުވަހަކަށް އިތުރުވަމުން އަންނަ އާބާދީއާއި، ދުއްވަން ދަސްކުރުމުގެ މަރުހަލާއާއި ދުއްވުމުގު ގަވާއިދު އެނގޭވަރު ވަޒަންކުރުމަށް ބާއްވާ އިމްތިހާނު ނުވަތަ ތިއަރީ ޓެސްޓު ހެދުމުގެ މަރުހަލާގައި އެކަން އޮންނަންވީ އެންމެ ހަރުދަނާގޮތްތައް ނެތުމުގެ ސަބަބުން މާލޭގެ މަގުތައްވަނީ ތޫފާނެއްފަދަ ބޮޑު މުސީބާތަކަށްވެފައެވެ.  

ދުއްވަން ދަސްކުރުމުގެ މަރުހަލާގައި އިހުމާލުވެފައިވުން.

މާލޭގެ ޓްރެފިކަށް ދިމާވެފައިވާ މައްސަލައިގެ އަސްލު ސަބަބަކީ ދުއްވަން ދަސްކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމުގައި އަވަސްއަރުވާލުމާއި ދުއްވުމުގައި ގަވާއިދަށް އަމަލުކުރުމުގެ ހުނަރާއި ވިސްނުން ދަސްކުރާމީހާގައި ހުރިކަން ބެލުމުގެ ޕްރޮސެސް އެސެސް ކުރުމުގައި އިހުމާލުވުމެވެ. އަދި ހަމައެހެންމެ މިކަންކުރާ އިންސްޓްރަކްޓަރުން މިފަދަ މުހިންމު ތަމްރީނުދިނުމަށް އެންމެ ފުރިހަމައަށް ގާބިލުތޯ ނޫންތޯ ބަލާލެވިފައި ނެތުމަކީވެސް މިކަން ރަގަޅު ނުކުރެވިގެންއުޅޭ ސަބަބެއްކަމުގައި ވެދާނެއެވެ. ދުއްވުމުގައި ހުންނަންވާނެ ވިސްނުމާއި މަގުމައްޗަށް ރަގަޅަށް ބަލައި ސަމާލުވާންވީވަރު ބުނެދީގެން އެކަން އަމަލީގޮތުން ކުރެވެނީ ކިހާވަރަކަށްތޯ ބެލުމުގެ ހުނަރު ނެތީކަމުގައިވެސް ވެދާނެއެވެ. މަގުމަތީގެ ނިޝާންތަކަށާއި އެކިދިމަދިމާލުން އެމަގަކަށް ވަންނަ އެހެނިހެން ދުއްވާއެއްޗިހި ވަނުމުގައި ރައްކާތެރިކަމާއިއެކު ދުއްވުމުގެ އުސޫލުތަށް ހިފެހެއްޓުމުގެ ފުރިހަމަ ވިސްނުމެއް ދުއްވަން ދަސްކުރާމީހާއަށް އުނގަންނައިދިނުމަކީ މުހިންމުކަމެކެވެ. ހިތާމައަކީ ޑްރައިވަރުންނަށް މިތައުލީމު ދިނުމުގައި މުހިންމު ކަންކަމާއިމެދު ދެވެންވާ ސަމާލުކަން ނުދެވުމާއި ގަވާއިދު އުނގަންނައިދުނުމުގައި ހަރުދަނާކޮށް ސާބިތުވެވިފައި ނެތުމެވެ. ފަރުވާކުޑަކުރެވުމެވެ.

ޓްރެފިކްގެ ގަވާއިދުތަކާއި ހަމަތަށް ހަނދާނުގައި ނެތުން

ދުއްވަން ދަސްކުރުމުގެ އެންމެ މުހިންމު އެއްބަޔަކީ ގަވާއިދުތަކެވެ ނުވަތަ ތިއަރީތައް ދެނެގަތުމެވެ. އެ ގަވާއިދެއް ނުވަތަ އުސޫލެއް ދަސްކުރާއިރު އެގަވައިދެއް ހެދިފައިވަނީ ކޮން ހަމަތަކަކަށް ބިނާވެގެންތޯ އެނގުން މުހިންމެވެ. ޑްރައިވަރުންވާންވާނީ އެއްގަމުގައި ދުއްވުމަށް ހެދިފައިވާ ގަވާއިދުތަކަށް ފަރިތަ ބަޔަކަށެވެ. މިއިން ކޮންމެ ގަވައިދަކީ އެކަތިއަނެކައްޗާއި ލާމެހިފައިވާ ގަވައިދުތަކެއްކަން ފުރިހަމައަށް އެނގި އެއަށް މާބޮޑު ވިސްނުމަކާއިނުލާ އަމަލުކުރެވޭ ބަޔަކަށްވާންވާނެއެވެ. އޯވާޓޭކު ކުރަންޖެހޭ ގޮތާއި، ލޯގަނޑުތަކަށް ފަރިތަވެ އެއިން ފަހަތްބަލައި، ފަހަތުން އަންނަ މީހުންނަށް އޮޅުންނާރާނެ ފަދައިން ރަގަޅު ދަނޑިވަޅު ތަންއޮއްވާ ސިގުނަލްދިނުމަށްފަހު އޯވާޓޭކު ކުރުންފަދަ ކަންކަމަކީ އެންމެ ފަހަރަކުވެސް އިހުމާލުވެވިގެންވާނެ ކަންކަމެއްނޫނެވެ. މަގުމަތީގަ ދުއްވާއެއްޗަކަށް އެރުމަށްފަހު އެއުޅަނދެއް ދުއްވާމީހާގެ އެންމެ އިސް ވާޖިބަކީ ދުއްވުމުގެ ގަވައިދައް ސަމާލުވުމާއި މަގުމައްޗަށް ސަމާލުކަންދިނުމެވެ. މިއީ އެންމެ ހިނދުކޮޅަކަށްވެސް ދޫކޮށްލެވޭނެ ކަމެއްނޫނެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި އެއްގަމުއުޅަނދަށް ލައިސަންސް ދިނުމުގައި ލައިސަން ނަގާމީހާގެ ނަފުސާނީ ފެންވަރާއި ކޮގްނެޓިވް ގާބިލުކަން މިހާރު ވަޒަންކުރެއެވެ. މީގެ މާނައަކީ އެމީހެއްގައި އަވަސް ނިންމުން ނިންމުމުގެ ގާބިލުކަން ހުރިވަރަކާއި މަގުމަތިން ފެންނަ ކަންކަމާއި ހާލަތު ވަޒަންކުރުމުގައި އަވަސްލަސްމިން ދަނެގަތުމާއި އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅު ދުއްވުމުގެ ތެރޭގައި އެޅުމުގެ ގާބިލުކަން ހުރިވަރު ބަލާނެ ގޮތްތަށް އުފައްދައި އިމްތިހާނުގައި ހިމަނައެވެ. ދުއްވަން އެނގި ގަވާއިދު ޕޭޕަރުން ފާސްވިޔަސް މިބައިގައި ފެންވަރު ނެތުމުން ވަކި މުއްދަތެއްދީގެން ފަހުން ރީޓެސްޓު ހެދުމަކީ މިހާރު އޮންނަ ކަމެކެވެ. މިހާރުގެ ހާލަތައް ބަލާއިރު މިގައުމުގައި މިކަން ކުރުން މާމުހިންމުކަމުގައި ފެނެއެވެ. މިކަންކުރުން ލަސްވެސް ވެއްޖެއެވެ.

އޯވާޓޭކް ކުރުމުގެ ގަވާއިދު އޮތީ ހަމައިންނެއްޓިފަ

ޓްރެފިކް ގަވައިދުގަ އެންމެ ސީރިއަސް  އެއް ގަވައިދަކީ އޯވާޓޭކު ކުރުމުގެ ގަވައިދޭ ބުނުމަކުން ގޯހެއްނުވާނެއެވެ. މިފަހަކަށްއައިސް މިކަންކުރަނީ މުޅިން ގަވާއިދާއި ޚިލާފަށެވެ. މިރާއްޖޭގައި ޓްރެފިކްގެ ނިޒާމް ކަނޑައެޅި، ގަވާއިދު އޮތީ ކަނާއަތްފަރާތުން ކުރިއަށް އަރާގޮތަށެވެ. މާނައަކީ، އާންމުކޮށް ދުއްވާއިރު ހުންނަންވާނީ ނުވަތަ އޮންނަންވާނީ ވީހާވެސް ވައަތްފަރާތުގައެވެ. ނަވަވެސް ގަވައިދަށް އަމަލުކުރަނީ މަދު ބައެކެވެ. ގަވާއިދުގަ މިހެން އޮތަސް ނުގަވައިދަށް އަމަލުކުރުމުގެ ކަންތައް ގޮސްފައޮތް ހިސާބަކީ، ގަވައިދުންދާ މީހާއާއި ދިމާލަށް ނުގަވައިދުންދާމީހާ ލޯއަޅާ ބަލާގޮތުން ދޭހަވަނީ އެމީހާއަށް ގަވާއިދަށް އަމަލު ނުކުރެވުނުކަމުގެ ކުޑަވެސް އިހުސާހެއް ނެތްކަމެވެ. އަދި މިކަންކަން ބެލުން މަތިކޮށްފައިވާ މީހުންނަށް މިކަން ތާއަބަދު ހިނގަމުންދާއިރު ކަހާތަން ހިރުވާލިހެންވެސް ހީނުވިއޭ ބުނެވިދާނެއެވެ.

ތަންފީޒުކުރުމުގެ އުސޫލުތައް ނެތުން

ޓްރެފިކް ފުލުހުން ވަކިގަޑިތަކެއްގަ މަގުތަކުގައި އެތުރި މައިގަނޑު ގޮތެއްގަ ފޯކަސްކުރަނީ އަހަރީ ފީ ދެއްކިތޯ ބެލުމާއި ލައިސަންސް ސައްހަތޯ ބެލުން އަދި އިންޝޫރެންސާއި ރޯޑްވާދިނަސް އޮތްތޯ ބެލުމަށެވެ. ދުއްވަނީ ހަމައިންތޯ، އޯވާޓޭކު ކުރަނީ ރަގަޅަށްތޯ، މަގަކުން އަނެއް މަގަކަށް ނިކުންނައިރު  ތަންދޭންޖެހޭ މީހާއަށް ތަންދޭތޯ، ލިޔެބަޔާންވެގެންވާ، ޓްރެފިކުގައި ކުރުން މަނާކޮށް ބަޔާންވެގެންވާ ގަވާއިދާއި ސީދާ ޚިލާފުވިޔަސް އަޅާލިތަން ނުފެނެއޭ ބުނުމަކީ މުޅިއަކުން ދޮގެއް ނޫނެވެ. ދުއްވުމުގައި ގަވާއިދާއި ޚިލާފަށް ކުރެވޭ ކަމަކުން ފުރާނައަށް ނުރައްކާތެރިވާވަރުގެ ގަވާއިދާއިމެދު އެކަން ބަލަހައްޓަން މަތިކުރެވިފައިވާ މީހުން އަޅާނުލާ ދޫކޮށްފަ އޮތުމަކީ ހިތާމަހުރި ކަމެކެވެ. ކުރިން ދެންނެވުނު ކަންކަމާއިމެދު ސަމާލުވާވަރަށް ދުއްވުމުގައި ހިފަހައްޓަންޖެހޭ ހަމަތައް ހިފެހެއްޓުމުގައި އަޅާލާނަމަ ކިހާރަގަޅުވީސްތޯއެވެ.

ބާރުބޮޑުވާ ގަޑިތަކު ހަލަބޮލިވުމަށް ކުޑަނަމަވެސް ލުޔެއްލިބިދާނެބާ؟

މާލޭގެ ދެތިން ދިމާލެއްގައި ސްކޫލުތައް ފެށޭގަޑިއާއި ނިމޭގަޑީގަ ޓްރެފިކް ބާރުބޮޑުވެދާނެތީ އެސަރަހައްދު ގިނަވަގުތުތަކަކަށް ބަންދު ކުރަންޖެހެއެވެ. މިކަން ކުރުމުގައި މިނޫން ހައްލެއް އޮވެދާނެއޭ ހިތައްއަރައެވެ. ސްކޫލުތައް ފަށާގައިއާއި ނިމޭގަޑި ދެ ސްކޫލު ދެމެދު ކުޑަ ފަރަގެއް ގެނައުމަކީ ނުކުރެވޭވަރު ބޮޑު ދަތި ތަކުލީފެއް ނިކުމެދާނެ ކަމެއްކަމުގައި ނުފެނެއެވެ. މިސާލަކަށް އިސްކަނަދަރު ސްކޫލާއި އަމީނިއްޔާ ފެށޭގަޑި 15 ވަރަކަށް މިނިޓް ތަފާތުކޮށްފިނަމަ ނިމޭގަޑިވެސް ތަފާތުވާނެވެ. އެހެންވުމުން ކުރިން ފެށޭ ސްކޫލަށް ކުދިންލާންދާ ބެލެނިވެރިން އެ ސްކޫލަށްގޮސް ކުދިންލުމަށްފަހު އަނެއް ސްކޫލަށް ކުދިންލާން އަންނަ މީހުން އަންނައިރު އެހިސާބު އޮންނާނީ މައިތިރިކޮށެވެ. މިކަން  ޕްރެކްޓިކަލްކޮށް ފެނުމުންނޫނީ ވާނެ ފަސޭހަ ތަސައްވަރު ނުކުރެވިދާނެއެވެ. މިމަޝްވަރާ ރޭވުންތެރިކަމާއިއެކު ކޮއްލުމަކީ ހައްލެއް ހޯދިދާނެ ގޮތެކެވެ. ސްކޫލުތައް ފެށެންވާނީ ހަމަ އެއްގަޑިއެއްގައޭ ބާވައިލެއްވުނު ފޮތެއްގަ ނުވަތަ އަހަރުމެން ލިޔެ ބަދަލުނުކުރެވޭނެ ސިލެއްޖެހި ފޮތެއްގައިވެސް ނެތެވެ. އަޖުމަ ބެލިދާނެތާއެވެ. މިދެންނެވި ގަޑިތަކުގައި ޓްރެފިކަށް އެއަންނަ ބޮޑު ބަދަލާއި ގައުމުގެ އުފެއްދުންތެރިކަމާއި ގުޅުން އޮވެދާނެއެވެ. އިގުތިސާދައް ބުރޫއަރާނެވެ. ގިނަބައެއްގެ އަގުހުރި ގަޑިތަކަށް ބަދަލުއާދެއެވެ. މިއީ ވިސްނާލުން ރަގަޅު ކަމެކެވެ.

ކަމެއް ހައްލުކުރުމަށް ޕާސްޕެކްޓިވް ނުވަތަ ނަޒަރިއްޔާތު ބަދަލުކުރުން މުހިންމެވެ. ތާއަބަދު އެއް ނަޒަރިއްޔާތަކުން ބެލުމުން ފެންނާނީ ހަމަ އެއް މަންޒަރެކެވެ. ކުޑަ ކަމަކުން ނުހަނު ގިނަ އިޖުތިމާއީ އަދި އިގުތިސާދީ މަންފާ ލިބިދާނެވެ. އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ އަބްރާހަމް ލިންކަންގެ ސްޓެޗިއޫ އަކަށް ކޮތަރު ގުއިރޭތީ އެ ސްޓެޗިއޫ ސާފުކޮށް ބެލެހެއްޓުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެ އެކަމަށްހައްލެއްހޯދަންޖެހުނެވެ. އެ ޚަރަދު ކުޑަކުރާނެ ގޮތެއް ހޯދުމުގެ ތެރޭގައި، އޭރު އެ ސްޓެޗިއޫ ހުރިތަނުން އެހެން ދިމާލަކަށް ބަދަލުކޮށްފިނަމަ އެޚަރަދު ހުއްޓިދާނެކަމުގައި ވިސްނުނު މީހަކު ބުނެގެން އެކަން ކުރިއެވެ. ކޮތަރު އިންތިހާއަށް ގިނަ މައިދާނެއްގައި ހުރި ސްޓެޗިއޫ ހިމާޔަށް ކުރަން ކޮތަރު މަރާ ހުސްކުރެވޭކަށް ނެތެވެ. ވެރިއެއްގެ ސްޓެޗިއޫއެއްވީމަ ސާފުނުކޮށް ދޫކޮއްލެވޭކައް ނެތެވެ. ޚަރަދު ކުރުން ހުއްޓޭކަށް ނެތެވެ. މި ހުރިހާކަމެއްގެ ހައްލު ލިބުނީ ގެނެވުނު ކުޑަ ބަދަލަކުންނެވެ. ސްޓެޗިއޫވެސް ހަޑިނުވެ އެބަހުއްޓެވެ. ކޮތަރުތައްވެސް އުޅެވެ. ޚަރަދުވެސް ކުރާކައްނުޖެހެވެ. ހައްލަކީ ވިސްނާފިކުރުކޮށް ތަފާތު ނަޒަރިއްޔާތުން ކަންކަން ބަލައިގެން ގެނެވޭ އެއްޗެކެވެ. މާލޭގެ މަގުމަތިވެސް މިހާރަށްވުރެ އަމާންކުރެވޭނެއެވެ.