ރިޔާސީ ވައުދާއި ނުދައްކާ ވާހަކަ

ރިޔާސީ ވައުދާއި ނުދައްކާ ވާހަކަ

ރިޔާސީ ވައުދުތައް މަތިމައްޗަށް ވުމުގެ މޫސުމެވެ. އެއް ކެންޑިޑޭޓަކަށް ވުރެ އަނެއް ކެންޑިޑޭޓްގެ ވައުދު ގޯނި ބޮޑެވެ. ތަސައްްވުރާ ހައްލުތައް އެހާމެ ގިނައެވެ. އެހެނަސް އެއްވެސް ކެންޑިޑޭޓަކަށް ދައްކަން ނުކެރޭ ވާހަކަތައް އެބަހުރެއެވެ. ސީދާ ބަހުން ބުނެ އަމާޒު ހިފައިގެން ހާސިލުކުރެވޭތޯ މަސައްކަތްކުރަން ބޭނުން ނުވާ ކަންކަން އަދިވެސް އެބަހުރެއެވެ.   

ދައުލަތުގެ މުދާ ބޭނުންކޮށްގެން ބަޔަކު ބިލިޔަނަރުންނަށް ވާމުންދާ ވާހަކައެވެ. އެތައް ބަޔަކު މިޔަނަރުންނަށް ވެއްޖެއެވެ. ދަނީ ވަމުންނެވެ. އާއްމު ރައްޔިތުމީހާ އޮތީ ޕޭމެންޓް މަތީގައި ސަލާންޖަހާށެވެ. އަޅާލާ މީހަކުނެތެވެ. ދެކޭ މީހަކުނެތެވެ. ކަން ބޮޑުވާ މީހަކުވެސް ނެތެވެ. ސިޔާސީ ވާދަވެރިކަމުގައި ރައްޔިތުން ތިބީ ކަނުބަދެފައެވެ. މުޒާހަރާކޮށް އަޑު އުފުލަނީ ވަކިބަޔަކަށް ވެރިކަން ހޯދާނުދެވިގެނެވެ. ވަކި މީހަކު ޖަލުން ދޫނުކޮށްގެނެވެ. ރައްޔިތުންގެ ހަގީގީ މައްސަލަތަކަށް ހައްލެއްނެތެވެ. ހައްލު ހޯދަކަށް ނުވެސް އުޅެއެވެ.

ދައުލަތަށް ފައިސާ ހޯދުމަށް ބިޑުކޮށްގެން ފަޅުރަށްރަށާއި ފަރުތަކާއި ގިރިތަކާއި ފަޅުތައް ދިގުމުއްދަތަށް ކުއްޔަށްދީ ހުސްވެ ނިމިއްޖެއެވެ. ބިޑްކާމިޔާބު ކުރުމަށްޓަކާ އަޕްފްރޮންޓްކޮށް ދައްކާ ފައިސާއާއި ކަނޑައެޅިފައި އޮންނަ ކުއްޔާއި ޓެކްސްކޮޅު ނޫނީ އެއިން ތަނަކުން ކިތަންމެ ޒަމާނެއްވިޔަސް ދައުލަތަށް ލިބޭ އިތުރު އެއްޗެއް ނެތެވެ. އެތަންތާގެ ވިޔަފާރި ފުޅާވެ ކިތަންމެ ބިޔަވިޔަސް އޭގައި ރައްޔިތަކަށް އޮތް އިތުރު މަންފާއެއް ނެތެވެ. ރައްޔިތުންނާ ދައުލަތުގެ އެސެތްތައް ވަނީ އެމީހުންގެ ކިރުފެލާ ގެރިއަށެވެ. 

ތެދެކެވެ. ދައުލަތުން ކުއްޔަށްދޭ ތަންތަނުން ކުއްޔާއި ޓެކްސް ދައުލަތަށް ލިބޭނެއެވެ. އެވަރުން ފުއްދާލައިގެން ތިބޭށޭ ބުނާ ކަހަލައެވެ. ކުއްޔަށްދޭ މުއްދަތު ހަމަވުމުން މުއްދަތު އިތުރުކޮށްދޭން ވެސް ޖެހެއެވެ. މުއްދަތު ހަމަވިޔަސް އެހާބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވާލުމާއި ފުނޑުފުނޑު ކޮށްލުމަކީވެސް ރަގަޅު ގޮތެއްނޫނެވެ. އެހެންކަމުން ކުލި ރިވައިސްކޮށް ކުލި ބޮޑުކުރުމާއި ކުޑަކުރުން ނޫން އެހެން ގޮތެއްވެސް ނުމެ އޮވޭމެއެވެ. 

ރަށްރަށާއި ފަޅުތައް ނޫނަސް އެހެން ބޮޑެތި ވިޔާފާރިތައް ދައުލަތުގެ މުދަލުގައި އެބަކުރެއެވެ. ކުޑަވަރެއްގެ ކުއްޔެއް ދައުލަތަށް ދައްކައިގެން ކުރެވޭ އެތައް މިލިޔަނެއްގެ އަމިއްލަ ވިޔާފާރިތައް އެބަހުއްޓެވެ. އިފުރު އެއަރޕޯޓާއި ދަރަވަންދޫ އެއަރޕޯޓާއި މާމިގިލީ އެއަރޕޯޓު ފަދަ އެތައް އެއަރޕޯޓެކެވެ. ވިލާގޭހާއި ހަކަތައާއި ނަން ހުސްކޮށެވެ. ގަލްފް ކްރާފްޓާއި ގަރަންޓީފައިބަރއާއި އެބާވަތުގެވެސް އެތައް ފެކްޓްރީއެކެވެ. ދަޅުބަންދުކޮށް މަސް ބަންދުކޮށް ބޭރުކުރާ އެތައް ބަޔެކެވެ. ކޮލެޖުތަކާއި ކެމްޕަސްތަކާއި ހޮސްޕިޓަލްތަކެވެ. ކިޔާ ހުސްނުވާވަރަށް އެތައް މިސާލެއް އެބަހުއްްޓެވެ.

ދައުލަތުގެ އެސެޓްގައި ކުރާ ވިޔާފާރިތަކުން ކުއްޔާއި ޓެކްސް ނޫން އެހެން މަންފާއެއް ދައުލަތަށް ލިބޭގޮތަށް ނިޒާމު ބަދަލު ނުކުރެވެންވީ ސަބަބެއް ނެތެވެ. ކޮންމެ ވިޔަފާރިއެއް ވެސް ހުއްޓުނަނުދީ ޒަމާންތަކަކަށް ދެމިގެން ދާގޮތަށް ވިޔާފާރިކުރާ ފަރާތާ ދައުލަތަށްވެސް ނަފާވެރި ގޮތުގައި އެކަމެއް ކުރިއަރާ ދާނެ ގޮތަކަށް ކަންކަން ފަހިކުރަން ޖެހެއެވެ.

އެގޮތުން މެޖޯރިޓީ ޝެއަރ ހިންގާ ފަރާތަށް ނުގެއްލޭނޭހެން ވިޔަފާރީގެ ޝެއަރ ރައްޔިތުންނަށް ވިއްކުމަކީވެސް ކުރެވިދާނެ ކަމެކެވެ. ވަކި އެއްފަރާތަކުން އެކަނި ހިއްސާގަނެ ހިސޯރު ނުކުރެވޭނެ ގޮތަކަށެވެ. ރައްޔިތުންނަށް ހައްގު މިންވަރަކީ ހަމައެކަނި ކުއްޔާއި ޓެކްސް ކަމުގައި އޮތް އޮތުން އޭރުން ބަދަލުވެގެން ދާނެއެވެ. އެގްރިމެންޓްގެ މުއްދަތު ހަމަވެގެން ތަން ބަންދުކުރަން ޖެހުމުގެ ބިރުން ހިންގާ ފަރާތް ސަލާމަތްވާނެއެވެ. އެތައް ސަތޭކަ އަހަރަށް ވިޔާފާރި ދެމިއޮތުމުގެ ޔަގީންކަން އޮންނާނެއެވެ.

ވަކި މުއްދަތަކަށްވުރެ ގިނަ ދުވަހު ދައުލަތުގެ މުދާ ބޭނުން ކޮށްގެންކުރާ ވިޔާފާރީގެ މިލްކިއްޔާތު ވަކި މިންވަރަކަށްވުރެ ބޮޑުވުމުން އެވިޔަފާރިއެއްގެ ހިއްސާ ވިއްކުން ލާޒިމުކުރާ ނިޒާމެއް ތަންފީޒުކުރަން އެބަޖެހެއެވެ. އޭރުން ރިސޯޓެއް، ހޮސްޕިޓަލެއް، ފެކްޓަރީއެއް، ސިޓީ ހޮޓަލެއް، ކޮލެޖެއް ތަފާތެއް ނެތި އެއުސޫލެއްގެ ތެރެއަށް ފެތިގެން ދާގޮތަށެވެ. އާއްމު ރައްޔިތުންގެ ބައިވެރި ވުމާއެެކު ދެމެހެއްޓެނިވި ގޮތެއްގައި ޔަގީން ކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތަށެވެ.