ކުރުވާ މަސައްކަތުގެ އުޖޫރަ ނުދިނުމަކީ އަނިޔާއެއް: ޝާހިދު

ކުރުވާ މަސައްކަތުގެ އުޖޫރަ ނުދިނުމަކީ އަނިޔާއެއް: ޝާހިދު

‏މަސައްކަތްކުރުވާފައި މުސާރަ ނުދީ ލަސްކުރުމަކީ އަނިޔާވެރިކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރަކީ އިސްލާމީ ސިޔާސަތުތަކާ އެއްގޮތަށް ހިންގާ ސަރުކާރެކޭ ވިދާޅުވާ ކަމަށެވެ. މަސައްކަތްކުރާ މީހުންގައިން ދާ އޮބި މުޅިން ހަސްފަސް ނެތޭ ހިސާބަށް ދާއިރުވެސް ފައިސާ ނުލިބޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުރި މަސައްކަތަށް ސަރުކާރުން ފައިސާ ނުދީގެން އެހެން މީހުން އަތުން ފައިސާ ނަގައިގެން ދަރަނިވެރިވެގެން ބޯހިއްލާ ނުލެވޭ ހިސާބަށް މީހުން ހިގައްޖެކަމަށް ވެސް ވިދާޅުވިއެވެ.

"މިދައްކަނީ އަމިއްލަ ފައިސާއެއް ނޫން - ދައުލަތުން މަސައްކަތް ކުރުވާފައި ނުދީހުރި ފައިސާގެ ވާހަކަ" ކަމަށާއި އެއީ މަސައްކަތް ކުރި މީހާގެ ހައްގެއް ކަމަށާއި އެ ހައްގު ދައުލަތަކަށް ސަރުކާރަކަށް ހިފަހައްޓައިގެން ނުތިބެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

“އެވެނި ތާރީހެއްގައި" ދޭނަމޭ ވިދާޅެއް ނުވެވޭނެ ކަމަށާއި ހަމަ މިއަދުން މިއަދަށް އެފައިސާ ދެއްވަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

ރައްޔިތުން ކަންމަތީ ފިހާރައިން އެއްޗެހި ގަންނައިރު ޓެކްސް ދައްކަން މަޖުބޫރު ކަމަށާއި ޓެކްސް ނުދައްކައިފިއްޔާ ހައްޔަރު ކުރެވޭހެން ރައްޔިތުން ލައްވާ ކުރުވާ ކޮންމެ މަސައްކަތަކަށް އެ އުޖޫރަ ދެއްވަންވާނެ ކަމަށެވެ. އެނޫން ގޮތެއް ހައްދަވައިގެން ނުވާނެ ކަމަށާއި ކުރުވާފައިވާ މަސައްކަތައް އުޖޫރަ ނުދިނުން އެއީ އަނިޔާވެރިކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.