މީހެއްގެ ލޯކަނުކޮށްލިއިރު މުއިއްޒު ހުރީ ލޯމަރައިގެން!
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ އިހުމާލު
ޑރ. މުއިއްޒު ސަރުކާރުގެ ނާގާބިލުކަމާއި ގައިރު ޒިންމާދާރުކަން ފެންނަނީ އެއްކަމަކުން ދެކަމަކުން ނޫނެވެ. އާސަންދަ ނިޒާމު ފޫވެއްޓި ބޭސްފިހާރަތައް ބަނގުރޫޓްވެ ބޭސްލިބުން ދަތިވެއްޖެއެވެ. ރައްޔިތުންނަށް ބޭސް ފަރުވާކުރުން ބޮއްސުންލައިގެން ގޮސް ސަރުކާރު ހޮސްޕިޓަލްތަކުގެ އިހުމާލުން މީސްމީހުންގެ ފުރާނަ ދިއުމާއި ލޮލުގެ ފެނުން ގެއްލިދިޔުން ފަދަ އެތައް ކަމެއް އަންނަނީ ކުރިމަތިވަމުންނެވެ.
ހުސްވިމަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އިހުމާލުން އިސްރަށްވެއްސެއްގެ އެއް ލޮލުގެ ފެނުން ވަނީ ގެއްލުވާލާފައެވެ. ލޮލުގެ ފުސް ކެހުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އޮޕަރޭޝަންކުރި އައްޑޫ ސިޓީ ފޭދޫ ކީރަންމާގެ، އަބްދުއްލާ އިބްރާހީމް (86އ)ގެ އެއްލޮލަށް ފެނުން ވަނީ މަހުރޫމްކޮށް ލާފައެވެ. އޭނާގެ ލޮލުން ފުސް ކެހުމަށް އޭއީއެޗުން އޮޕަރޭޝަންކޮށްފައިވަނީ ހުސްވި މަހުގެ 29 ވަނަ ދުވަހުއެވެ.
އަބްދުއްލާ އިބްރާހީމަކީ ނޭވާހިއްލުމުގެ މައްސަލަ ދިމާވާ އުމުރުން ދުވަސްވީ މީހެއްމީހެއް ކަމުން ލޮލުގެ އޮޕަރޭޝަން ކުރުމުގެކުރީން އޭނާގެ ސިއްހީ ހާލަތު އާއިލާއިން ހޮސްޕިޓަލާ ހިއްސާކުރިއެވެ. އަބްދުއްލާ އިބްރާހީމަކީ އޭގެކުރިން މާލޭ އައިކެއަރއިން އެއްވެސް މައްސަލައެއް ދިމާނުވެ ލޮލުގެ ފުސްކެހުމުގެ ފަރުވާ ހޯދާފައިވާ މީހެކެވެ.
ބައިގަޑިއެއް ހާއިރުން ނިމޭނެކަމަށް ބުނެ އޭއީއެޗުން އޮޕަރޭޝަނަށް ވެއްދި އަބްދުއްލާ އޮޕަރޭޝަން ނިމިގެން ނެރުނީ ދެގަޑިއިރަށްވުރެ ގިނައިރު ވީފަހުންނެވެ. އޮޕަރޭޝަން ދިގުލައިގެން ދިޔަ ސަބަބެއް ކަންބޮޑުވެފައިތިބި އަބްދުއްލާގެ އާއިލާއަށް ޑޮކްޓަރ ހިއްސާއެެއް ނުކުރެއެވެ. އޮޕަރޭޝަންގެ ތެރޭގައި ކަންތައް ތަކެއް ގޯސްކޮށް ހިނގިކަން އާއިލާއަށް އެނގުނީ އޮޕަރޭޝަންގައި އުޅުނު ނަރުހެއްގެ ފުށުންނެވެ. އަބްދުއްލާގެ އާއިލާއަށް އެކަން އެގުނުއިރު އޮޕަރޭޝަންކުރި ޑޮކްޓަރ ޑިއުޓީ ނިންމާފައި ހިނގައްޖެއެވެ.
މައްސަލަ ޖައްސާ ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ޑޮކްޓަރަށް ގުޅައިގެން ވާހަކަދެއްކުމުގެ ފުރުސަތު އާއިލާއަށް ލިބުނެވެ. އޮޕަރޭޝަންގައި މައްސަލަތަކެއް ދިމާވިކަމަށް ޑޮކްޓަރުވެސް ބުންޏެވެ. އަބްދުއްލާގެ ލޮލަށް ދެން ފެންނާނެތޯ ޑޮކްޓަރުކުރެން އާއިލާއިން އެހުމުން "ރަނގަޅުވެގެން ނޫންހޭ ފެންނާނީ." ޑޮކްޓަރު ބުންޏެވެ.
އޮޕަރޭޝަން ތެރޭގައި ޑޮކްޓަރު އަތުން ލޮލުގެ މެމްބްރައިން ކަނޑައިގެން ދިޔަކަން އާއިލާއިން ދޫނުކޮށް ކުރި މަސްކަތުން އެނގުނެވެ. އެ ވާހަކަ ފުރަތަމަ ކުރީ ސިއްރެވެ. ހޮސްޕިޓަލްގެ މެނޭޖްމެންޓާއެކު އާއިލާއިން ބޭއްވި ބައްދަލުވުމެއްގައި ދުލިކަނޑައިގެން ދިޔަކަންވެސް ޑޮކްޓަރު ހިއްސާކުރިއެވެ. ލޮލުގެ މެމްބްރައިން ކަނޑައިގެން ދިއުމުގެ ސަބަބުން އަބްދުއްލާ ލޮލަށް ލެންސް ނުލެއްވޭކަމަށްވެސް އާއިލާއަށް ޑޮކްޓަރު އެންގީ މާފަހުންނެވެ.
އަބްދުއްލާ އޮޕަރޭޝަން ކުރުމަށް އައްސިކުރަން އިންޖެކްޝަންޖެހި ނަމަވެސް އައްސި ނުވާކަމަށާއި އެކަން ޑޮކްޓަރަށް އެންގިކަމަށް އަބްދުއްލާ ބުނެއެވެ. ދެތިން ފަހަރަކު އައްސިކުރަން އިންޖެކްޝަން ޖެހިކަމަށާއި އެކަން އެނގެނީ ކޮންމެފަހަރަކަުވެސް ވަރަށް ބޮޑަށް ތަދުވާތީ ކަމަށް އަބްދުއްލާ ބުނެއެވެ. އަބްދުއްލާއަށް ވީތަދުން ރޯންފެށުމުން ލޮލުން ލޭ އަންނަން ފެށިކަމަށްވެއެވެ. ވާޑަށް ބަދަލުކޮށްގެން އުޅުނު އިރުވެސް އަބްދުއްލާގެ ބީޕީ ވަރަށް ބޮޑަށް މައްޗަށް ދިޔަކަމަށްވެއެވެ. މިހުރިހާ މައްސަލަތައް ދިމާވެ ބީޕީ ދަށްކުރުމަށް ބޭސް ދީގެންވެސް ދަށް ނުވުމުން އިންޖެކްޝަނެއްޖަހާފައި ގެއަށް ދޫކޮށްލީއެވެ.
އަބްދުއްލާ ހޮސްޕިޓަލުން ދޫކޮށްލިތާ ދުވަސްފަހުން އޮކްޓޫބަރ03 ވަނަ ދުވަހު ޑޮކްޓަރު ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތްކަމަށާއި ހީލްވަމުންދާ ކަމަށް ބުންޏެވެ. އެހެންނަމަވެސް ހީލްވަމުންދާ އަބްދުއްލާ މާލެ ގެންދިއުމަށް ޑޮކްޓަރު ރިކޮމެންޑުކުރުމުން އާއިލާގެ މީހުންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ލޯ ހީލްވަމުން އަންނަކަމަށް ޑޮކްޓަރު ބުނި އަބްދުއްލާގެ ލޮލަށް ތަދުވެ، ލޮލުގައި އެއްޗެއް ޖެހޭކަމުގެ ތަދު އިހުސާސް ކުރެވި އޭއީއެޗުން ފުސް ކެހިލޮލުގެ ފެނުމުން އަބްދުއްލާ ވަނީ މަހުރޫމް ވެފައެވެ.
އަބްދުއްލާ މާލެގެނެސް އައިކެއާރއަށް ދެއްކުމުން ލޮލުގެ މެމްބްރައިން ކަނޑައިގެން ދިޔަތަނަށް އެއްވެސް ފަރުވާއެއް ދެވިފައި ނުވާކަމާއި ސްޓިޗްވެސް ނުކޮށް ހުރިކަމާއި ލޮލުން ލޭއަންނަނީ ސްޓިޗް ނުކޮށް ހުރުމުންކަން އެގުނެވެ. އަބްދުއްލާގެ ލޮލުގެ ކަޅިވެސް ތިރިއަށް ޖެހިފައިވާކަމާއި ފާރުގަނޑު ހުޅުވިފައި ހުރުމުން ޑަސްޓްތައް ލޮލަށް ފެތުރިފައިވާކަމާއި ފާރުގަނޑު އެއްވެސް ވަރަކަށް ފަސޭހަވެފާ ނެތްކަން އައިކެއަރއިން އަބްދުއްލާގެ އާއިލާއަށް ކަށަވަރު ކޮށްދިނެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުގެ އިހުމާލުން ވަނީ އަބްދުއްލާ އެއް ލޮލުގެ ފެނުން ގެއްލި ކަޅީގެ ޕޮޒިޝަން ގެއްލިފައެވެ. ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މިހާބޮޑަށް ދަށްވެ އިހުމާލުން އިއާދަނުކުރެޥޭ ވަރުގެ ބޮޑެތިދެރަ ރައްޔިތުންނަށް ލިބެމުން ދާއިރު ރައީސް މުއިއްޒާއި މުޅި ސަރުކާރު އުޅެނީ ސިޔާސީ ޗަރުކޭސް ކުޅުމުގައެވެ. ރައީސް މުއިއްޒު ސަރުކާރުގެ ނާގާބިލުކަމާއި ގައިރު ޒިންމާދާރުކަމުގެ ސަބަބުން މީސްމީހުންގެ ލޯތައް ކަނުވެ މީހުންްގެ ފުރާނަތައް ގެއްލި ދާއިރުވެސް އަޅާކަހާވެސް ނުލައެވެ.