ގެއްލިގެންދާ 117.5 މިލިއަން ޑޮލަރަކީ ރައްޔިތުންގެ ހައްގު: ފިރާގު

ބާޒާރީއަގު 119 މިލިއަން ޑޮލަރގެ ގދ. މަގުއްދުވާ އެންމެ 1.5 މިލިއަން ޑޮލަރަށް ވިއްކާލަނީ

ގެއްލިގެންދާ 117.5 މިލިއަން ޑޮލަރަކީ ރައްޔިތުންގެ ހައްގު: ފިރާގު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގަމުން އަންނަ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ވިއްކާލަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަން ފަށައިފިއެވެ. އެގޮތުން އެކަމާމެދު ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ މުހައްމަދު ފިރާގު ( އިނަރ މޯލްޑިވްސް ފިރާގު) ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

އިނަރ މޯލްޑިވްސްއާއި އޭސް ޓްރެވަލްގެ ސީއީއޯ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސީޝެލްސްގެ ކައުންސިލޭޓް މުހައްމަދު ފިރާގު ވަނީ ކަންބޮޑުވުން ފާޅުކުރައްވާ އެބޭފުޅާގެ ރަސްމީ އެސްކްސް އެކައުންޓްގައި މިއަދު ޕޯސްޓެއް ކުރައްވާފައެވެ.  

މިލްކިއްޔާތުގެ ބާޒާރީއަގު ގާތްގަނޑަކަށް 119 މިލިއަން އެމެރިކާ ޑޮލަރަށް އަރަންޏާ މިހާރު އޮތް ކުލީގެ އެއްބަސްވުމުގެ މުއްދަތު 2030 ވަނަ އަހަރާ ހަމައަށް އޮއްވައި، އެންމެ 1.5 މިލިއަން އެމެރިކާ ޑޮލަރަށް މިހާރުގެ މެނޭޖްމަންޓަށް މިލްކުވެރިކަން ބަދަލުކުރެވިދާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށް މުހައްމަދު ފިރާގު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ފާޅުކަން ބޮޑު ވިޔަފާރީގެ އުސޫލުތަކުގެ ބަދަލުގައި، ނުފޫޒުގެ ބޭނުންކޮށްގެން ނުވަތަ ވަކި ބަޔަކަށް ދޭ އިނާޔަތެއްގެ ގޮތުގައި މިފަދަ ބަދަލެއް ގެނެސްފިނަމަ، ރައްޔިތުންގެ މަސްލަހަތަށް ހިޔާނާތްތެރި ވަނީ ކޮން ފަރާތަކުން ފިރާގު ސުވާލު އުފައްދަވައެވެ. މިކަމުގެ ސަބަބުން ގެއްލިގެންދާ ގާތްގަނޑަކަށް 117.5 މިލިއަން އެމެރިކާ ޑޮލަރަކީ ރައްޔިތުންގެ ހައްގުތަކާއި މަންފާއަށްޓަކައި ރައްކާތެރިކުރަންޖެހޭ ބޮޑު އަދަދެއްކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.

"ވިޔަފާރީގެ ނިންމުންތައް ނިންމަންވާނީ ހާމަކަން ބޮޑު، އިންސާފުވެރި އަދި ހަރުދަނާ އުސޫލުތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އަމިއްލަ ގުޅުންތަކާއި ވަކި ބައެއްގެ މަސްލަހަތު އޭގެ ތެރެއަށް ވަދެގެން ނުވާނެއެވެ. ހަމައެއާއެކު، ގައުމުތަކުގެ މެދުގައި އޮންނަ ބަދަހި ގުޅުމަށާއި އިތުބާރަށް ބުރޫނާރާނޭ ފަދަ ގޮތަކަށް މިފަދަ ކަންކަން ނިންމުމުގައި ސަމާލުވާންޖެހޭ" ކަމަށް ފިރާގު ވިދާޅުވެއެވެ.

ނިންމާ ނިންމުމެއްގެ ސަބަބުން ކުންފުނީގެ 24000 ދިވެހި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރެވޭނީ ކިހިނެތްތޯ ފިރާގު ވިދާޅުވީ އެންމެ މުހިންމު ކަމަކީ އެއީ ކަށެވެ. މުދަލުގެ ފުރިހަމަ އަގު ރައްކާތެރިކޮށް، ކޮންމެ ނިންމުމަކީވެސް ރައްޔިތުންނާއި މަސްލަހަތު އޮތް އެންމެންގެ ފައިދާއަށް ނިންމާ ނިންމުމެއްކަން ކަށަވަރުކުރަން ޖެހޭކަމަށްވެސް ފިރާގު ވިދާޅުވެއެވެ.