ހޯރަ އިއްބެ މަރުވީ މިދިޔަ ހުކުރު ދުވަހަކުނޫން!
މުއާޒުގެ ގަލަމުން ހޯރަ އިއްބެ!
ހޯރަ އިއްބެ ފުރަތަމަ ދެކެންފެށީ މ. ޑައިމަންޑްވެލީ ތެެރެއިންނެވެ. ދެމީހުންގެވެސް ޓީންއޭޖް ދުވަސްވަރެވެ. ޑައިމަންޑްވެލީއަކީ މުހައްމަދު ޝާހިދު ހަލީމްގެ ގެއެވެ. ތުއްތު ދޮންބެ (މުހައްމަދު ޝާހިދު ހަލީމްް) އޭރު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ހޯރަފުށި ބޭކަނބަލެއް ކަމުގައިވާ ޒުހުރާއާއެވެ. ޒުހުރާއަކީ މަޝްހޫރު ހޯރަފުށީ އާދަމް ސަލީމްގެ ކޮއްކޮއެކެވެ. ހޯރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމް ކިޔަވާ ވިދާޅުވާން ހުންނެވީ ވެސް އެގޭގައެވެ. ސަލީމްބެ އާއިލާގެ ވަރަށްގިނަ ހޯރަފުށި ބޭފުޅުންނާ ވަރަށް ގިނައިން ދިމާވެ ރައްޓެހިކަމާ ގާތްކަން އުފެދުނެވެ. އިއްބެ އަކީވެސް އެއިގެ ތެރެއިން އެކެކެވެ.
އިއްބެ ކިޔަވަން މާލެފައިބާ އޭރުހުރީ މ.މަޑުލުގައެވެ. ކިޔަވަންދަނީ މައުހަދަށެވެ. އަޅުގަނޑު ކިޔަވަންދަނީ އެމްއީއެސްއަށް ކަމުން ސްކޫލުވެށީގައި އިއްބެއާ ގާތްކަމެއް އުފެދިފައި ނެތަސް ކޮންމެ ދުވަހަކުހެން ދިމާވާ ރައްޓެއްސެއް ކަމުން ތަފާތު ގާތް ކަމެއް އޭރުވެސް އޮތެވެ.
މަދަރުސީ ދައުރު ނިންމާ އަމަލީ މައިދާނަށް ނިކުތް ފަހުން އިއްބެ އުޅެނީ ކޮންތާކު ކީއްކުރަން ކަމެއް ނޭގެއެވެ. ދިމާނުވާތީއެވެ. މޯބައިލް ފަދަ ވަސީލަތްތައް އޭރު ނުހުންނާތީއެވެ.
އެތައް އަހަރަކަށް ފަހު އިއްބެއާ ދިމާވަނީ 2003ގެ ފަހުކޮޅުއެވެ. މުއިއްޒު ސުއޫދު އެންޑް ކޯ ލޯފާމުންނެވެ. އޭރު އަޅުގަނޑު މަސައްކަތް ކުރަނީ އެ ލޯފާމްގައެވެ. ދުވަސްވަރަކީ އީވާނު ނަސީމުގެ މަރަށް ފަހު ސިޔާސީ އިސްލާހީ ހަރަކާތްތައް ފެށިގެން ހިނގައިގަތް ދުވަސްވަރެވެ. އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅޭ ގިނަބަޔަކު އޭރު އެލޯފާމަށް އައިސްގޮސް އުޅެއެވެ.
އަނެއްކޮޅުން އެ ލޯފާމުގެ ދެ ޕާޓްނަރުންކުރެ އުސްތާޒު އަހުމަދު މުއިއްޒަކީ ގާނޫނު އަސާސީ އިސްލާހުކުރަން އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ހއ. އަތޮޅުގެ އެއްމެންބަރެވެ. އެހެން ކަމުން މުއިއްޒު އަރިހަށް ވަރަށް ގިނައިން ހއ. އަތޮޅު ރައްޔިތުން އައިސްގޮސް އުޅެއެވެ. އެގޮތުންވެސް ހޯރަ އިއްބެއަކީ އެ ލޯފާމް ތެރޭގައި ނިކަން ގަދަ ފަހުލަވާނެކެވެ. މުއިއްޒާ ވަރަށް އަރިސް މީހެކެވެ.
ދުވަސްވަރަކީ ނޫސްމަޖައްލާ ރަޖިސްޓްރީ ކޮށްދޭ ދުވަސްވަރެއް ނޫނެވެ. އިސްލާހީ ހަރަކާތުގައި ނޫސްވެރިކަމަކީ މުހިއްމު ކަމެއްކަމުން މަޖައްލާއެއް ނެރުމުގެ ބޭނުން ބޮޑުވެ އައްޑުވަސް މަޖައްލާގެ %80 ހިއްސާ މުއިއްޒު ބައްލަވައިގަތެވެ. އައްޑުވަސް ބައްލަވައިގަތުމަށް ފަހު ފިލާ ބިލްޑިންގ2 ގެ ހަތްވަނަ ފަންގިފިލާގައި އައްޑުވަސް އޮފީސް ގާއިމުކޮށް އައްޑުވަހުގެ މެނޭޖިންގ އެޑިޓަރަކީ ހޯރަ އިއްބެ ކަމުގައި ހަމަޖެއްސެވިއެވެ. އިއްބެއާއެކު އެސޯސިއޭޓެޑް އެޑިޓަރ ކަމުގައި މަސައްކަތް ކުރީ އަޅުގަނޑެވެ. އަލްއުސްތާޒު ހުސްނުއްސުއޫދާއި މަޝްހޫރު ނޫސްވެރިޔާ އަބްދުލް މުހުސިނާއި އަބްދުލް ހަމީދު އަބްދުލްކަރީމް ފަދަ ބޭފުޅުން ގަވައިދުން އައްޑުވަހަށް ލިޔުއްވަމުން ގެންދެވިއެވެ.
ރަސްމީ އެޑިޓަރަކު ހުންނެވި ކަމަށްވިޔަސް މުޅި މަޖައްލާގެ ކޮންޓެންޓްގެ ފޯކަސް ހިފަހައްޓަވަމުން ގެންދެވީ ހޯރަ އިއްބެއެވެ. ވަކިވަކި އާޓިކަލްތައް ކޮންމެ މީހަކު ލިޔުނަސް މައިގަޑު ބޮޑެތި ރިޕޯޓްތައް އާއްމުކޮށް ލިޔެއުޅުނީ އިއްބެއާއި އަޅުގަނޑާ ދެމީހުން ލިޔާލިޔުމެއްގެ ގޮތުގައެވެ.
އިއްބެއަކީ ދިވެހިބަހުގެ ލިޔުންތެރި ކަމުގެ ރޮގުން މަޒާޖީ ގޮތްގޮތަށް ފުނަށް އަސަރުކުރާހެން ވައްބަހުން އިބާރާތްކުރަން އަޅުގަނޑު ދުށް އެންމެ މޮޅު މީހާއެވެ. ގާނޫނީ ބަނދެވުމެއް ނެތި އެންމެ މޮޅަށް ލިޔުމުން ސިޔާސީ ފާޑުކިޔުން ތެރިޔާއެވެ.
އިސްލާހީ ހަރާކާތް ފެށިގެން އައި އިރު އޮންލައިންކޮށް ނެރުނު ދިވެހި އޮބްޒާވަރ (ޑީއޯ) ގައި މަސްހޫރު ކަރުސަތުނަމާގެ ގިނަ ލިޔުންތަކަކީ އިއްބެގެ ލިޔުންކަން ފަހުން އެނގުނެވެ. އަޅުގަނޑަކީވެސް ހިސާބަކަށް ޑީއޯއަށް ލިޔުނު މީހެއްކަމުން އެކަން އެނގޭވަރުވީއެވެ. އިއްބެއަކީ މިނިވަން ނޫހަށް ވެސް ގިނަ އަދަދަކަށް ލިޔުއްވި ލިޔުންތެރިއެކެވެ.
ދުންފިނި ހަރުގެ ރޫޅާލުމާ ގުޅިގެން މަގުތަކުގައި ޖެހުނު މުޒާހަރާތަކާ ގުޅިގެން ޖަލަށްލީ މީހުންގެ ތެރޭގައި ހޯރަ އިއްބެ ހިމެނުނެވެ. އެފަހަރު ޖަލުގައި ތަހައްމަލުކުރި ކަންކަމާއި އަލްކަޓްރަސްގެ އަނިޔާވެރިކަމާ ބިރުވެރި ކަމުގެ ވާހަކަ ކަރުދާހަށް ގެނެސް އައްޑުވަހުގައި ޝާއިއުކުރެއްވި ގޮތުން ލިޔުމުން ކަންކަން ސިފަކޮށް ދިނުމުގައިވެސް އިއްބެގެ ކުޅަދާނަކަން ތަޖުރިބާކުރެވުނެވެ.
ދެން އޮތީ އެހެން ވާހަކައެކެވެ. އައްޑުވަހުގައި އިއްބެއާއެކު މަސައްކަތް ކުރަމުން ދަނިކޮށް އިއްބެގެ އަލަތު އަނބިމީހާ ކެންސަރަށް ފަރުވާ ކުރުމަށް ޓްރިވެންޑްރަމްގައި ހުންނަވަނިކޮށް އަޅުގަނޑުވެސް އަންހެނުނަށް ބޭސް ފަރުވާއަކަށް ދާންޖެހުނެވެ. އެ ހުތޫރަތްތެރި ވަގުތުވެސް އިސްލާހީ މަސައްކަތަކާ އިއްބެ ފެޔަކަށް ނުޖެހެއެވެ. ގަވައިދުން މިނިވަން ރޭޑިއޯގެ ޕްރޮގްރާމްތައް ތައްޔާރު ކުރައްވަމުން ދިޔައެވެ. އެކަމުގައި އިއްބެއާއި އެކު އަޅުގަނޑާއި ފަރެސްމާތޮޑާ އަސްލަމް (ފަހުން މިނިސްޓަރ އަސްލަމް) ބައިވެރިވެގެން އުޅުނީމެވެ. އަސްލަމް ވެސް އޭރު ހުންނެވީ ބައްޕާފުޅަށް ބޭސްކުރެއްވުމަށް ޓްރިވެންޑްރަމްގައެވެ.
ހޯރަ އިއްބެގެ ސާބިތުކަމާއި ކެރުމާއި ކަމަށް ކަމޭހިތުމާއި ނަތީޖާނެރުމަށް ހިތާ ރޫހުން ހުސްވެ ހުންނަ ހުރުމާ ގުޅޭ މިކަހަލަ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ލިޔަން ވެއްޖެނަމަ ކޮޅުންނުލާނެއެވެ.
ހީރަސް ނިއުސް އުފައްދާ ދެމެހެއްޓުމުގައި އަޅުގަނޑަށް އެންމެ އެހީތެރި ބައިވެރިއަކީ ހޯރަ އިއްބެއެވެ. ހީރަސް ނިއުސް މިހިސާބަށް އައުމަށް އެހީތެރިވުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދެއްވީ ހޯރަ އިއްބެއެވެ. އިއްބެގެ މޮޅު ލިޔުއްވުން ތަކުގެ ސަބަބުންވެސް ކުރު މުއްދަތެއްގެ ތެރޭގައި ހީރަސް ނިއުސްގެ މަގުބޫލުކަން ބޮޑުތަނުން ބޮޑުވެގެން ގޮސްފައިވެއެވެ. އިއްބެ ނެތުމުގެ ގެއްލުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.
ހަގީގަތުގައި އިއްބެ މަރުވީ މިދިޔަ ހުކުރު ދުވަހަކު ނޫނެވެ. އޭގެ މާކުރިންނެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު އެމްޑީޕީގެ ދޫ ބަންދުކޮށްލުމުގެ ބޭނުމުގައި ފްރޭމްކޮށްގެން ސިޔާސީ ގޮތުން އެފަކީރުގެ އަބުރުކަތިލާލި ހިސާބުން ހޯރަ އިއްބެ މަރުވެއްޖެއެވެ. ދިރިހުއްޓަސް މަރުވެފައިވާ އިއްބެ ލޯބިވެތި ދެދަރިންނާއި ވަފާތެރި އަންބަކު ދޫކޮށް 12 އެޕްރީލް 2024 ވީ ހުކުރު ދުވަހު ދުނިޔެ ދޫކުރީއެވެ. އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.