ފުލުހުން ނޫސްވެރިން ގައިން ލޭ ކޮށާލައިފި

ރާއްޖޭގެ މީޑިއާތައް ކޮންޓްރޯލް ކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅުވައިގެން އުޅޭ މީޑިއާ ކޮންޓްރޯލް ބިލް ބޭރުކޮށްލަން ގޮވާލައި މަޖިލިސް ކައިރީގައި މުޒާހަރާކުރި ނޫސްވެރިންނަށް އަނިޔާކޮށްފި އެވެ.
ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލުގައި ކަކޫ އަޅާ އަންނައުނަށް ބޮޑެތި ގެއްލުންދީފި އެވެ. އަނިޔާކޮށް ބައެއް ނޫސްވެރިންގެ ހަށިގަނޑުން ފުލުހުން ލޭ އޮހޮރުވާލާފައިވެސްވެއެވެ.
އަނިޔާކޮށްގެން ގަދަބާރުން ނޫސްވެރިން ފަހަތަށް ޖެއްސިޔަސް މުޒާހަރާ ހުއްޓާނުލައި ކުރިއަށް އެބަދެ އެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް މިއަދު ހެނދުނުއްސުރެ ނޫސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.
ނޫސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށް ސަރުކާރަށް ތާއީދު ކުރާ ބަޔަކު ވަނީ މަޖިލިސް ކައިރިއަށް އެއްވެ މުޒާހަރާއެއް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެ މުޒާހަރާއަށް އެއްވެސް ހުރަހެއް ނާޅަ އެވެ.
ފުލުހުންގެ ޝިކާރައަށްވީ ނޫސްވެރިންގެ ތެރޭގައި އެމްޖޭއޭގެ އިންތިހާބީ ރައީސް އަހްމަދު ނާއިފާއި އިންތިހާބީ ނައިބު ރައީސް މުހައްމަދު ޝަހްޒާން ހިމެނެ އެވެ.