ހިތަދުއަށް ޖަހާ ގޫގްލް ކޭބަލްކްލިޕުން ރާއްޖެއަށް އޮތީ ކޮންމޮޅެއް!
ގޫގުލްގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް އައްޑޫ ސިޓީ ހިތަދޫގައި ބީއްސާލުމުން ރާއްޖެއަށް ވާނެ ސީދާ މަންފައަކީ ކޮބައިކަމެއް ސަރުކާރާއި ގޫގްލުއިން ހާމަކޮށްފައެއް އަދިނެތެވެ. އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރުމުން ގޫގުލްގެ ހިދުމަތް ހޯދާ އެހެން މީހުނަށް ނުލިބޭ ރާއްޖެއަށް ލިބޭނެ ސީދާ ފައިދާއަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް އެގެން ޖެހެއެވެ.
ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރ ކުރައްވާފައިވާ އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވާ ގޮތުން ގޫގުލުން އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރުމުން ރާއްޖެއިން އަމިއްލައަށް ނެގެން އޮތް ބޮޑު ފައިދާއެއް ގެއްލިގެންދާނެއެވެ. އިންޑިއާ ކަނޑުގެ އަޑީން ދެބައްރު ގުޅުވާލަން އަޅާ ކޭބަލް ވިއުގައެއްގައި ކްލިޕް ޖަހާލަން ދިވެހި ނަމެއް ކިޔައިގެން ކްރިސްމަސް އައިލެންޑާއި ހިތަދޫ ސިޓީ ބޭނުންކޮށްލާ ކޮށްލުމުން ރާއްޖެއަށް އޮންނާނީ ކޮން ފައިދާއެއް ހެއްޔެވެ.
ސަބްމެރިން ކޭބަލް އަޅާ އައިސީޓީ ހަބަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ފަށާފައި ވަނިކޮށް އެ މަޝްރޫއު ވަޅުޖައްސާލާ ގޫގުލަށް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރުމަށް ފުރުސަތު ދިނުމަކީ ރާއްޖެ އަކީ މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށް ހެދުމަށް އޮތް ފުރުސަތު ގެއްލިގެން ދާނެކަމެކެވެ. ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރަން ބޭނުންވެގެން ގޫގުލުން ކުރިންވެސް ހުށަހެޅިއެވެ. ގޫގުލުގެ ހުށަހެޅުމަށް އެއްބަސްނުވެ ރާއްޖޭގެ ކޮންޓްރޯލް އޮތް ސަބްމެރިން ކޭބަލެއް އަޅައިގެން ރާއްޖެ އައިސީޓީ ހަބަކަށް ހެދުމުގެ މަސައްކަތް ފެށީ އެގޮތުގައި ރާއްޖެއަށް އޮތް ފައިދާ ބޮޑުކަމުންނެވެ.
އެފްރިކާއާއި މެދުއިރުމައްޗާއި އޭޝިއާ އާއި އޮސްޓްރޭލިއާ ގުޅުވާލަދޭ މައި ހަބަށް ރާއްޖެ ހެދުމުގެ މަސައްކަތް ފެށިފައި އޮއްވާ ކޭބަލް ލޭންޑިން ސްޓޭޝަނާއި ނެޓްވާކް ފެސިލިޓީ ތަރައްގީކޮށް ހިންގުމުގެ ބާރު ގޫގުލަށް ދިނުމުން ރާއްޖެއަށް ލިބެން އޮތް އެތައް ފައިދާއެއް ގެއްލިގެން ދާނެއެވެ. ކުރީ ސަރުކާރުން އިންވެސްޓުކޮށްގެން ރާއްޖެއަށް ގެނައި ސަބްމެރިން ކޭބަލް އަކީ ފްރާންސުގެ މާސޭއިން ފެށިގެން ސިންގަޕޫރާ ހަމައަށް ދެމިގެންދާ 'އައިއޭއެކްސް-އައިއީއެކްސް' ކޭބަލެކެވެ.
ރާއްޖޭގެ އިގުތިސޯދު ސިންދަފާތު ކުރުމަށް ހުޅުވުނު ދޮރެއް ބަންދުކޮށް ގޫގުލުން ކޭބަލް ކްލިޕް ޖަހާތަނަކަށް ރާއްޖެހެދުމަކީ ރައީސް މުއިއްޒަށް ކުރެއްވޭ މޮޅުކަމެއް ނޫނެވެ. މިވަރުކަމެއް ކުރާއިރު ކޭބަލް އާއި ސްޓޭޝަންތަކުގެ މިލްކުވެރިކަން ލިބެނީ ރާއްޖެއަށްކަން ނުވަތަ ނޫންކަން ރައްޔިތުންނަށް އެގެން ޖެހެއެވެ. ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ރައްކާތެރިވަނީ ކިހިނަކުންކަމާއި ރާއްޖެއަށް ލިބެނީ ކޮން އެއްޗެއްކަންވެސް ރައްޔިތުންނަށް ސާފުވާން ޖެހެއެވެ.

