މުއިއްޒުމެން މުޒާހަރާކުރި ކޮންމެ ފަހަރަކު ވެރިކަން ވެއްޓުނު؟

މުއިއްޒުމެން މުޒާހަރާކުރި ކޮންމެ ފަހަރަކު ވެރިކަން ވެއްޓުނު؟

އެމްޑީޕީން ރާވައިގެން ރޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންގެ އަދަދެއް މުހިންމެއް ނޫނެވެ. މުހިންމު ކަމަކީ ފިއްތުންތަކާއި ބިރުދެއްކުމާއި ނުފޫޒަށް ޖެހެލުންނުވެ ބަޔަކު ނިކުތް ނިކުތުމެވެ. 

ސަރުކާރާ ދެކޮޅަށް ބަޔަކު އެއްވާ ކޮންމެ ފަހަރަކު ވެރިކަން ވެއްޓޭކަށް ނުޖެހެއެވެ. ވެރިކަމެއް ވާޓާލުމަކީ ރައްޔިތުންނަށް އޮތް އެންމެ ފަހު އިހުތިޔާރެވެ. އެހިސާބަށް ދިޔުމުން އެކަންވެސް ވާނެއެވެ. ރައްޔިތުންނަށް މުހިންމީ ވެރިކަމުގައި ހުންނަ މީހާއެއް ނޫނެވެ. ރައްޔިތުންނަށް މުހިންމީ އުފާ ފާގަތި ކަމާއި އަމާން ކަމާ ރައްކާތެރިކަމެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ކަންބޮޑިވުންތައް އަޑު އިއްވުމާއި ހައްގު ހޯދުމަށް އަޑު އުފުލާކަށް ވަކި އަދަދަކަށް މީހުން ނިކުންނާކަށް ލާޒިމެއް ނޫނެވެ. ހެޔޮ ވާހަކައެއް ބުނާކަށް އަޑު އަހާކަށް ވަކި އަދަދަކަށް މީހުން އެއްވުންވެސް ލާޒިމެއް ނޫނެވެ. ރައްޔިތުންގެ އަޑު އަހަން ބޭނުން ނުވާވެރިން ކަންފަތް ފެޅޭވަރުގެ އެހެން އަޑެއް އިއްވައިގެންވެސް ރައްޔިތުންގެ އަޑު ކަނޑުވާލަން އުޅޭނެއެވެ.

ރޭގައި މާލޭގައި އޮތް މުޒާހަރާގައި މުއިއްޒުގެ ވެރިކަން ނުވެއްޓުނީތީ އެންމެ ކަންބޮޑުވެގެން އުޅެނީ މުއިއްޒު ބާނދިންނާއި ޅިޔަނުންނާއި މުސާރަވެރިންނާއި ކުލީ ގަލަންތަކެވެ. މުއިއްޒުގެ ވެރިކަމަކީ ބަލިކަށި ދެންމެދެންމެ ވެއްޓޭވަރުގެ ސަރުކާރެއް ކަމަށްވެސް ގަބޫލު ކުރަނީ މުއިއްޒުގެ އައުވާނުންނެވެ. އެހެންނާ ފަހެ! މި ބައިގަނޑު މަގަށް ނިކުމެ ފަޔަށް ހިނި އަރައިގެން އުޅުނީ އެއްރެއަކު ދެރެއަކު ނޫނެވެ.